ކޮވިޑް19: ސަރުކާރުގެ ސިޔާސަތުތަކަށް އިދިކޮޅުގެ ތާއީދެއް ނެތް

މިއަދު އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލު ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށާއި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް އިދިކޮޅުގެ އެއްވެސް ތާއީދެއް ނެތްކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ އިން ބުނެފިއެވެ.

ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލު ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އިދިކޮޅު ކޯލިޝަންގެ އިސް ފަރާތަކުން ތައުރީފު ކުރައްވާފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ. ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ހުކުރު ދުވަހުގެރޭ މިނިސްޓަރު އިމްރާން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަަޅަމުން ގެންދާ ފިޔަވަޅުތައް ރަނގަޅު ކަމަށާއި ސިޔާސީ އެކި ޕާޓީތަކާއި ފަރާތްތަކުން އެ މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ.

ނަމަވެސް އެކަން ދޮގުކޮށް އިދިކޮޅު ކޯލިޝަނުން ވަނީ ޖެހިގެން އައި ދުވަހު ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބަލައި ނުގަންނަ ކަމަށާއި ކޮވިޑް-19 ރާއްޖޭގައި މިހާރު ފެތުރިފައިވާ މިންވަރަށް ފެތުރިގެން ގޮސްފައިވަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ސަރުކާރުގެ އިހުމާލު އެކަމުގައި އޮތް މިންވަރު ބޮޑުކަމުން ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ނަމުގައި ދައުލަތުގެ ފައިސާ އިސްރާފުކޮށް ނަހަމަގޮތުގައި ބޭނުންކޮށް، ކޮރަޕްޝަންގެ އަމަލު ހިންގައި ބޭރުގެ އެކިއެކި ފަރާތްތަކުން ލިބޭ ހިލޭ އެހީއާއި ނަގަމުން ގެންދާ ލޯނުތަކަށް ވާނުވާ ނޭނގޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފަ އެވެ. އެކަމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާނުގެ ވާހަކަ އާއި އިދިކޮޅުން ދިން ރައްދާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މަސައްކަތް ބަލައިގަންނަ ކަމަށް ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން މަސައްކަތް ކުރަނީ ގައުމީ ކަމެއްގެ ގޮތުގައި ކަމަށާއި، ކޮވިޑާއި ގުޅިގެން މުހިއްމު ނިންމުމެެއް ނިންމި ދުވަހަކު، އިދިކޮޅު ޕާޓީއެއްގެ އިސް ފަރާތަކުން ގުޅާފައި، އެ ނިންމުން ބަލައިގަންނަ ވާހަކަ ދެންނެވި ކަމަށެވެ.

"ތިމަންނަަމެން މިދަނީ ތި ބޭފުޅުން މަޝްވަރާ ކުރުމަށްފަހު ބަލައިގަންނަ ނިންމުންތައް ބަލައިގަންނަމުންނޭ. ހާއްސަކޮށް ތި ނިންމުމަކީ ވަރަށް ބޮޑަށް ބަލައިގަންނަ ކަމެކޭ،" އިދިކޮޅު ބޭފުޅެއްގެ ނަން ވިދާޅުނުވެ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކައަށް ރައްދުދީ އިދިކޮޅުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާ ވައިރަސްގެ ބިރުވެރިކަމާއި ސީރިއަސްކަމުގެ ވާހަކަ އިދިކޮޅުން ދެއްކި ކަމަށާއި ނަމަވެސް ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ފަރާތްތަކުން އެކަމަށް ޖޯކު ޖެހި ކަމަށެވެ. ސަރުކާރުން ކޮވިޑް19 އާއި ގުޅިގެން އަމަލުކުރަމުންދިޔަ ގޮތްތަކަށް އެ ކޯލިޝަނުން ބިނާކުރުވަނިވި ފާޑު ކިޔާފައިވާނެ ކަމަށާއި މިއީ މި ކާރިސާގެ ތެރޭގައި ރައްޔިތުންގެ ހައްގުތައް ޒިންމާދާރުކަމާއެކު އަދާކުރުމަށް އިދިކޮޅުން މަސައްކަތްކުރާ ކަމުގެ ހެއްކެއް ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސަރުކާރުގެ އެއްވެސް ސިޔާސަތެއްނެތްކަން ރައްޔިތުންނަށް ހާމަވަމުންދާކަމަށާއި ސަރުކާރުގެެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަތައް ރައްޔިތުން ދައްކަން ފެށުމުން ހަގީގަތާ ކުރިމަތިލުމުގެ ބަދަލުގައި ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އެނބުރުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް އެ ބަޔާނުގައި ތުހުމަތު ކޮށްފައިވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ އާއިލާގެ ބަޔަކު ކަރަންޓީނުކޮށްފައިވާތީ، އެކަމާ ގުޅޭގޮތުން ކުރެއްވި ފޯނުކޯލެއްގައި ސަރުކާރުން ކުރަމުން އަންނަ ކަންކަން ރަނގަޅު ކަމަށް އޭނާ ވިދާޅުވި ކަމަށެވެ.

comment ކޮމެންޓް