"13 ރީޒަންސް ވައި"ގެ ފަހު ސީޒަން އަންނަ މަހު ފަހެއްގައި

ނެޓްފްލިކްސް އިން ގެނެސްދެމުން އަންނަ، ބެލުންތެރިންގެ މެދުގައި މަގްބޫލު ސީރީޒް "13 ރީޒަންސް ވައި"ގެ ހަތަރު ވަނަ ސީޒަން އަންނަ މަހު ސްޓްރީމްކުރުމަށް ނިންމައިފިއެވެ.

އެ ސީރީޒްގެ ފަހު ސީޒަން އަންނަ މަހުގެ ފަސް ވަނަ ދުވަހު ސްޓްރީމްކުރާނެ ކަން ނެޓްފްލިކްސްއިން ވަނީ ޔަގީންކޮށްދީފައެވެ. އަދި 13 ރީޒަންސް ވައިގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖުގައިވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

މި ސީރީޒްގެ އުފެއްދުންތެރިއަކީ ބްރިއަން ޔޯކީ އެވެ. ސީރީޒް ޕްރޮޑިއުސްކުރަނީ ޕެރެމައުންޓް ޓެލެވިޜަން އަދި އެނޯނިމަސް ކޮންޓެންޓުންނެވެ.

ސީރިޒްގެ ބައެއް ކާސްޓުންނަކީ ކެތްރީން ލެންގްފޯޑް (ހެނާ ބޭކާ)، ޑިލެން މިނޭޓް (ކްލޭ ޖެންސަން)، އަލީޝާ ބޯއީ (ޖެސިކާ)، ބްރަންޑޮން ފްލީން (ޖަސްޓިން) އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ސްޓްރީމްކުރަން ފެށި އެ ސީރީޒްގެ ތިން ވަނަ ސީޒަނެއް އައީ މިދިޔަ އަހަރު އޮކްޓޯބަރު މަސްތެރޭގައެވެ. އެ ސީޒަނުގައި ބްރައިސް މަރުވެ އޭނާގެ ގާތިލް ހާމަވެގެން ދިޔައެވެ.

"13 ރީޒަންސް ވައި"ގެ ފަހު ސީޒަން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނައިރު އަދި އެ ސީޒަންގެ އޮފިޝަލް ޓްރެއިލާއެއް ގެނެސްދީފައެއް ނުވެއެވެ. މި ސީޒަނުގައި ފެނިގެންދާނީ 10 އެޕިސޯޑެވެ. މި ސީޒަނަށް އާ ދެ ތަރިއަކު ސީރީޒްގެ ކާސްޓާ ގުޅޭނެއެވެ.

comment ކޮމެންޓް