އެރަން ކާޓާ ގޮވައިގެން ޝިމްހާގު އެމެރިކާގެ ކޯޓަކަށް ހިނގައްޖެ

އާޓިސްޓް ޝިމްހާގް އާއި އެރަން ކާޓާ --

ދިވެހި އާޓިސްޓެއްކަމަށްވާ ޝިމްހާގުގެ ކުރެހުން، އޭނާގެ ހުއްދައަކާ ނުލައި ބޭނުންކުރި މައްސަލައާ ގުޅިގެން ހޮލީވުޑްގެ ލަވަކިޔުންތެރިޔާ އެރަން ކާޓާގެ މައްޗަށް ދައުވާކުރުމަށް އެންމެފަހުން އެމެރިކާގެ ކޯޓަކަށް ހުށަހަޅައިފި އެވެ.

ޝިމްހާގުގެ ޑިޖިޓަލް ކުރެހުމެއް، އެރަން ކާޓާ އޭނާގެ މާޗަންޑައިޒް އާއި އެނޫންވެސް ތަންތަނުގައި ބޭނުންކުރި މައްސަލައެއް ފެންމަތިވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެއާއެކު އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ބުނެފައިވަނީ މިދިޔަ އަހަރު އެވެ.

ޝިމްހާގު ވަނީ ނިއު ޔޯކްގެ ލޯ ފާމްއެއް ކަމަށްވާ ލީބޮވިޓްސް ލޯ ފާމް އާއި ދިވެހި ވަކީލުން ކަމަށްވާ ހަމްޒާ ހަލީލާއި އައިޝަތު ޝައިފާ އާ ގުޅިގެން އެ މައްސަލަ އެމެރިކާގެ ކޯޓަކަށް ހުށަހަޅާފަ އެވެ.

ލީބޮވިޓްސް ލޯ ފާމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޝިމްހާގް ވަނީ އެރަން ކާޓާ އާ ދެކޮޅަށް ކޮޕީރައިޓް އިންފްރިންޖްމަންޓް ކޭސް އެއް ހުށަހަޅާފަ އެވެ. އެ ކޭސް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާ އަންގާރަ ދުވަހުގައި ކަމަށް އެ ލޯ ފާމް އިން ވަނީ ބުނެފަ އެވެ.

އެރަން ކާޓާގެ ނިއޯން ސިންގާ އާޓްވޯކް ހުއްދައަަކާ ނުލައި، އެރަން ކާޓާގެ ވެބްސައިޓުގައި ބޭނުންކޮށްފައި ---

އެކަމާ ގުޅޭގޮތުން ޝިމްހާގު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެއްވެސް އާޓިސްޓެއްގެ މަސައްކަތް ނަހަމަގޮތުގައި ބޭނުންކުރާނަމަ އެފަދަ މައްސަލައެއްގައި ފަހަތަށް ޖެހޭނެ ކަމެއް ނެތް ކަމަށެވެ.

"އާޓިސްޓަކަށް ވުމަކީ މިހާރުވެސް އެހާ އުނދަގޫ ޕްރޮފެޝަނެއް. މިއީ އެތައް އަހަރެއްގެ ބުރަ މަސައްކަތް މިކަމަށް ހޭދަކުރާ ކަމެއް. ބައެއްގެ އާޓްވޯކް އޮންލައިންކޮށްފައި ހުރުމުގެ މާނައަކީ އެތަކެތި ނަހަމަގޮތުގައި ބޭނުން ކުރުމަށް ލިބޭ ހުއްދައެއް ނޫން. އާޓިސްޓުން ކުރާ ބުރަ މަސައްކަތުގެ އަގު ދޭން ޖެހޭނެ،" ޝިމްހާގު ބުންޏެވެ.

https://sun.mv/129507

ޝިމްހާގު 2014 ވަނަ އަހަރު އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ނިއޯން ސިންގާ ކުރެހުން، އެރަންގެ ވެބްސައިޓުގައި ވަރަށް ފަހަކަށް ޖެހެންދެން ބޭނުންކޮށްފައިވެ އެވެ.

އެ ފޮޓޯ އަމިއްލަ ނަމުގައި ބޭނުންކުރާ މައްސަލަ ޝިމްހާގު ސޯޝަލް މީޑިއާގައި ފަޅާއަރުވާލުމާއެކު އެރަން ކާޓާ ރައްދު ދީފައިވަނީ ވަރަށް ހުތުރު ބަހުރުވައިންނެވެ.

comment ކޮމެންޓް