ހުޅުމާލެ މެޑިކަލް ފެސިލިޓީ ނިމެން ދެ ހަފްތާ ނަގާނެ

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު --- ފޮޓޯ: އެންއީއޯސީ

ރާއްޖޭގައި ކޮވިޑް-19 ވައިރަސް ފެތުރި ގިނަ އަދަދެއްގެ މީހުންނަށް އެއްފަަހަރާ ފަރުވާދޭން ޖެހިއްޖެ ހާލަތަކަށް ތައްޔާރުވުމަށް ހުޅުމާލޭގައި ގާއިމް ކުރަމުންދާ ފެސިލީ ނިމެން ދެ ވަރަކަށް ހަފްތާ ނަގާނެ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ހުޅުމާލޭގައި ގާއިމް ކުރަމުންދާ ފެސިލިޓީއަކީ ސަރުކާރުން 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުންދާ 300 އެނދުގެ ފެސިލިޓީއެކެވެ. އެތަން ހުންނަނީ ޓްރީޓޮޕް ހޮސްޕިޓަލު ކައިރީގަ އެވެ. އެ ތަނުގެ މަސައްކަތް ނިންމާލެވޭނީ މިދިޔަ މަހުގެ ފަހުކޮޅުގައި ކަމަށް މީގެ ކުރީން ވަނީ ބުނެފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ މަސައްކަތް ނިންމަން ބޭނުންވީ މުއްދަތަށް ނިންމިފައި ނުވާ ކަމަށެވެ.

އެގޮތުން އެތަނުގެ މަސައްކަތުގައި އުޅުނު ބަޔަކު ޕޮޒިޓިވް ވުމާ ގުޅިގެން މަސައްކަތް މަޑުޖައްސާލަން ޖެހުމުން އެ މަސައްކަތް ނުނިމި ލަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އުއްމީދުކުރަނީ ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ކަމަށް އޭނާ މަބްރޫކު ފާހަގަކުރެއްވިއެވެ.

އެ ފެސިލިޓީ ގާއިމް ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅެނީ ސިފައިންނެވެ. އޭގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންވެސް އެ މަސައްކަތުގައި ބައިވެރިވެ އެވެ.

އެ ފެސިލިޓީއަށް ހަރަދު ކުރާ 40 މިލިއަން ރުފިޔާގެ ތެރެއިން 12 މިލިއަން ރުފިޔާ އަކީ ކޮންސްޓްރަކްޝަނަށް ކުރާ ހަރަދެވެ. އަދި ބާކީ 28 މިލިއަން ރުފިޔާ އަކީ އެތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓަށް ހަރަދު ކުރާ ފައިސާ އެވެ.

comment ކޮމެންޓް