ފްރެންޗް ލީގު ކެންސަލް ކުރަން ނިންމީ މާ އަވަހަށް: ފެބްރިގޭޒް

މޮނާކޯގެ މިޑްފީލްޑަރު ސެސްކް ފެބްރިގޭޒް --- ފޮޓޯ: ސަޗާ ޕިސަނީ

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފްރާންސްގެ ލީގުތައް ކެންސަލް ކުރަން އެގައުމުގެ ފުޓުބޯޅަ އިދާރާއިން ނިންމީ މާ އަވަހަށް ކަމަށް މޮނާކޯގެ މިޑްފީލްޑަރު ސެސްކް ފެބްރިގޭޒް ބުނެފި އެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލްވުމެއް ނެތި ގިނަ ގައުމުތަކެއްގައި ފެތުރެން ފެށުމާ އެކު ޔޫރޮޕުގެ ފުޓުބޯޅަ މުއްދަތެއް ނެތް ގޮތަށް ފަސް ކުރީ މާޗު މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން ގައުމުތަކުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ފަހު މިހާރު ބައެއް ގައުމުތަކުން ވަނީ ފުޓުބޯޅަ ސީޒަން ކެންސަލް ކޮށްފަ އެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމް އަދި ނެދަލެންޑްސްގެ އިތުރުން އާޖެންޓީނާގެ ފުޓުބޯޅަ ސީޒަންވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

ނަަމަވެސް އިނިގިރޭސިވިލާތާއި، ސްޕެއިން އަދި ޖަރުމަނުގެ އިތުރުން އިޓަލީން އަންނަނީ ލީގު ފެށުމަށް ތައްޔާރުވުމަށް މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ބައެއް ކުލަބުތަކުން ރަސްމީކޮށް ޕްރެކްޓިސްތައް ފަށާފައިވާ އިރު ޖޫންގެ ކުރިން ލީގުގެ މެޗުތައް ފެށޭ ވަރު ވާނެ ކަމަށް އެގައުމުތަކުގެ މީޑިއާ ރިޕޯޓުތަކުން ބުނެ އެވެ.

އެހެންކަމުން ޔޫރޮޕުގެ ބޮޑެތި ލީގުތަކުގެ ތެރެއިން ލީގުގެ ކުޅުން މި ސީޒަނުގައި ދެން ނުފެންނާނީ ހަމައެކަނި ފްރާންސްގަ އެވެ. އެކަމުގެ ސަބަބުން އެ ލީގުގައި ވާދަކުރާ ބައެއް ކުލަބުތަކުގެ ޝަކުވާތައް ފުނިޖެހިފައިވާ އިރު ލީގު ނިންމާލުމުން ރެލިގޭޓްވީ ޓީމުތައް ވަނީ އެ މައްސަލަ ކޯޓަށް ވެސް ގެންގޮސްފަ އެވެ.

އެ ގައުމުގެ ކުލަބުތަކުން ބުނާ ގޮތުގައި ލީގު ނިންމާލަން ފުޓުބޯޅަ އިދާރާއިން ނިންމި ނިންމުމަކީ ދުރު ވިސްނުމަކަށް ނުބަލައި ކުރި ކަމެކެވެ. އަދި ޔޫރޮޕުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ހަރުކަށި ފިޔަވަޅުތަކާ އެކު ލީގުގެ ކުޅުން އަލުން ފެށުނީސް ކަމަށް އެކުލަބުތަކުން ވަނީ ބުނެފަ އެވެ.

"މި ނިންމުމަކީ ވަރަށް ގިނަ ބަޔަކަށް އެކަމުގެ ސަބަބުން އަސަރު ކުރި ނިންމުމެއް. ހާލަތު އޮތް ގޮތުން އެ ނިންމުމަށް އިހުތިރާމް ކުރަން. އެކަމަކު އަހަރެންގެ ނަޒަރުގައި ލީގު ނިންމާލަން އަދި އަވަސް،" މޮނާކޯގެ މިޑްފީލްޑަރަކަށް ކުޅެމުން އަންނަ ފެބްރިގޭޒް ބުންޏެވެ.

އޭނާ ބުނީ، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ސޯޝަލް ޑިސްޓެންސް ގަވާއިދުތަކާ އެކު ފްރާންސްގެ ކުލަބުތަކަށް ވެސް ފަރިތަކުރުންތައް ކުރިއަށް ގެންދެވުނީސް ކަމަށެވެ. އަދި ޔޫރޮޕުގެ ބައެއް ގައުމުތަކުން މިހާރު އެގޮތަށް ކަންތައް ކުރަމުންދާ ކަމަށާއި، އެކަމުން މިސާލު ނަގަން ޖެހޭ ކަން ފެބްރިގޭޒް ވަނީ ފާހަގަ ކޮށްފަ އެވެ.

"ކޮންމެ ގޮތެއް ވިޔަސް މިވަގުތު އެންމެ މުހިއްމީ ކުޅުންތެރިންނާއި، އާއިލާތަކުގެ ރައްކާތެރިކަން. ކުރިއަށް އޮތް ސީޒަން ރަނގަޅަށް ދާނެ ކަމަށް އުންމީދު ކުރަން."

ފްރާންސް ލީގު ކެންސަލް ކުރުމުން އެއްވަނަ ދީފައިވަނީ ތާވަލުގެ އެންމެ ކުރީގައި އޮތް ޕީއެސްޖީއަށެވެ.

comment ކޮމެންޓް