ކައުންސިލަރުންގެ ދައުރު ދިގުދަންމަން ބައެއް މެމްބަރުން ދެކޮޅު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) --- ފޮޓޯ/ މަޖިލިސް

ކައުންސިލަރުންގެ ދައުރު ހަމަވުމުން އިންތިހާބެއް ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގުދެއްމުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެމްބަރު ދެކޮޅު ހައްދަވައިފި އެވެ.

ކައުންސިލަރުންގެ ދައުރު ހަމަވާނީ ޖޫން މަހުގެ ތިން ވަނަ ދުވަހަށެވެ. ކޮވިޑް 19އިގެ ހާލަތާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު އެއް އަހަރަށް ފަސްކޮށްފައިވާތީ ކައުންސިލުގެ ދައުރާމެދު ގޮތް ނިންމުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މަޖިލީހަށް ހުށަހެޅުވި ބިލުގެ މަސައްކަތް މިރޭ ވަނީ ލާމަރުކަޒީ ކޮމިޓީގައި ކުރިއަށް ގެންގޮސްފަ އެވެ.

މިރޭގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ ކައުންސިލަރުން ވޯޓު ލައިގެން ހޮވާފައި ތިބީ ތިން އަހަރަށް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ ކައުންސިލުތަކުގެ ދައުރު ދިގުދައްމައި ކައުންސިލަރުން ބޭތިއްބުން ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންނާ ގާތުން ހިދުމަތް ދީފައި. ރައްޔިތުންގެ ބޭނުންވާގޮތަށް ކަންކަން ނިމިގެން ދިޔުން އެ ނިޒާމުގައި އަޅުގަނޑަށް ދޭހަވާ، އަޅުގަނޑު ގަބޫލުކުރާ ނިޒާމަކީ،" ފިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލަރުންގެ ދައުރު ހަމަވުމުން ދެން ކައުންސިލުތައް ހިންގާނެ ގޮތް އެލްޖީއޭއިން ނިންމަންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. ފިރުޝާން ވިދާޅުވީ މިހާރުވެސް ކައުންސިލުތައް ނުހިނގާ ކަމަށާއި ކައުންސިލަރުން އޮފީހަށްވެސް ނުދާ ކަމަށެވެ.

މަޑަވެލި ދާއިރާ މެމްބަރު، ފިރުޝާން --- ފޮޓޯ/ މަޖިލިސް

"ކައުންސިލުތަކެއް ނުހިނގާ. ކައުންސިލަރުން އޮފީހަކަށް ނުދޭ. ރައްޔިތުންގެ ޝަކުވާތައް އަޑެއް ނާހާ. ދެން އެހެންވެއްޖެއްޔާ އެ ކައުންސިލުތައް ބައިތިއްބައިގެން އަޅުގަނޑުމެން ހަމަ އެކަން ތަކުރާރުކުރަން ދޫކޮށްލަން ވީތޯއޭ. އެއީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެއް،" ފިރުޝާން ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ކައުންސިލުގެ ދައުރު ދެއްމުމަކީ އޭނާ ތާއީދު ކުރާނެ ކަމެއް ނޫން ކަމަށެވެ.

"އެއީ ރައްޔިތުން ނިންމާ ކަމެއް. ރައްޔިތުން ތިބީ ތިން އަހަރަށް ހޮވާފައި. އަޅުގަނޑުމެންނަކަށް އެ ދައުރު ނުދެންމޭނެ،" މެމްބަރު ވައްޑޭ ވިދާޅުވި އެވެ.

ވައްޑޭ ވިދާޅުވީ ސިޔާސީ މީހުންނާ މެދު މީހުންގެ ހިތުގައި ޝައްކާއި ވަހުމް އަބަދުވެސް އޮންނަ ކަމަށެވެ. އަދި ކައުންސިލުތަކުގެ ދައުރު ދިގު ދަންމައިފި ނަމަ އަނެއްކާވެސް ރިޔާސީ އިންތިހާބު ލަސްކޮށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރު ދިގު ދަންމަން އުޅެދާނެ ކަމަށް ރައްޔިތުން ދެކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވައްޑޭ ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރަށެއްގައި ތިބި ތިން މީހަކާ ހިސާބުން ނިމޭ ކަމެއް ނޫން ކަމަށެވެ.

"އެއީ އެރަށެއްގެ ކޮންމެ ކަމެއް ކުރުމުގެ ވާހަކަ. ހަމައެކަނި އިންތިހާބުވި މީހުންވެސް ތިބެން ޖެހޭ. ކަންކަން ނިންމުމުގެ ބާރުވެސް އޮންނަން ޖެހޭ. މާލީ ގޮތުންވެސް މިނިވަންކަން އޮންނަން ޖެހޭ. އިދާރީ ގޮތުންވެސް. އެހުރިހާ ކަމެއްގެ މައްޗަށް އަޅުގަނޑުމެން ލާމަރުކަޒީ ނިޒާމު މިކިޔަނީ،" ވައްޑޭ ވިދާޅުވި އެވެ.

އިންތިހާބުވެފައި ހުރި މީހާ މަގާމުގައި ބެހެއްޓުމަކީ ހަމައެކަނި ލާމަރުކަޒީ ވުމެއް ނޫން ކަމަށް ވައްޑޭ ވަނީ ވިދާޅުވެފަ އެވެ. ލާމަރުކަޒީ ކިޔަނީ ރަށެއްގެ ރައްޔިތުން ނިންމާ ކަމެއްގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެވާހަކަތަކާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ދެކޮޅު ހެއްދެވި އެވެ. އޭނާ ވިދާޅުވީ މުޅި ބިލުގެ އަސާސަކީ ކައުންސިލަރުންގެ ދައުރު ދިގު ދެންމުން ކަމަށެވެ. އެހެންވީމަ މުޅި ބިލުގެ އަސާސާ ހިލާފަށް ބިލު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ރެކޯޑަށްޓަކައި ދަންނަވާލަން ބޭނުން އަޅުގަނޑަކަށް ތާއީދެއް ނުކުރެވޭކަން މިހާރު މިތިބަ ކައުންސިލަރުން އެމީހުންގެ މުއްދަތު ހަމަވީމަ ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭ ކަމަށް ވަނީނަމަ ގެއަށް ފޮނުވާލާކަށް. މިހާރު މަގާމުގެ މައްސޫލިއްޔަތާ ހަވާލުވެ ތިއްބެވި ބޭފުޅުންނަކީ އެއީ. ރަށުގެ ހާލަތު އެންމެ ރަނގަޅަށް އެނގޭ ބޭފުޅުންނަކީ އެއީ. މިހާރު ރާއްޖެ މިއޮތް ހާލަތުގައި މި މަސައްކަތުގައި އެންމެ ބުރަކޮށް އުޅުއްވާ ބޭފުޅުންނަކީ އެއީ،" ހިސާން ވިދާޅުވި އެވެ.

ކައުންސިލަރުންގެ ދައުރު ހަމަވީމަ ކައުންސިލަރުން ގެއަށް ފޮނުވާލާފައި އިތުރު މާ މޮޅު ހައްލެއް ހޯދޭނެ ކަމަށް ނުފެންނަ ކަމަށް ހިސާން ވިދާޅުވި އެވެ.

މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތަށް ނިންމާ ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމަކަށް ގޮސްދާނެތީ އެވެ.

އަދި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އަމަލުކުރާނޭ ގޮތް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ ފާސްވެ ބިލު ތަސްދީކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ބިލުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް