ގާނޫނު އަސާސީ އިސްލާހު ނުކޮށް ކައުންސިލްގެ އުމުރު ދިގެއް ނުކުރެވޭނެ: އޭޖީ

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު: ގާނޫނު އަސާސީ އިސްލާހު ނުކޮށް ކައުންސިލްތަކުގެ ދައުރު ދިގު ނުކުރެވޭނެ ކަމަށް އޭޖީ ވަނީ ވިދާޅުވެފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނު އަސާސީ އިސްލާހު ނުކޮށް ކައުންސިލްތަކުގެ ދައުރު ދިގު ނުކުރެވޭނެ ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ގުޅިގެން ކައުންސިލު އިންތިހާބު ފަސްކުރަން ޖެހި، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރަން ޖެހޭތީ އެ މައްސަލައަށް ހައްލެއް ގެންނަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ "ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020" މަޖިލީހަށް ހުށަހަޅައިފައެވެ.

އެ ބިލް ދިރާސާ ކުރާ ލަމަރުކަޒީ ކޮމެޓީން އޭޖީގެ ލަފަޔަކަށް އެދެމުން ލިއުމުން ވަނީ ދެކިވަޑައިގަންނަވާ ގޮތް ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން އޭޖީ ދެއްވި ލަފާގައި ވަނީ، ގާނޫނުއަސާސީގެ 230 ވަނަ މާއްދާގައިވާ ގޮތުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ، ލާމަރުކަޒީ ލާމަރުކަޒީ އުސޫލުން ކަމަށް ބުނެފައިވާ ކަމަށާއި އަދި އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ގާނޫނުގައިވާ ގޮތުގެމަތިން ކައުންސިލްތައް އުފައްދަންވާނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

ގާނޫނުއަސާސީގެ 8 ވަނަ ބާބަށް ރިއާޔަތްކުރާއިރު، ލޯކަލް ކައުންސިލްތަކަށް މިހާރު އިންތިޚާބުކޮށްފައިވާ މެންބަރުންގެ މެންބަރުކަމުގެ ދައުރު 3 ޖޫން 2020 ގައި ހަމަވާއިރު އެ ކައުންސިލުތަކަށް އާ މެންބަރުން އިންތިޚާބު ނުކުރެވިއްޖެނަމަ، އަމަލުކުރެވެން އޮތް ހަމައެކަނި ގޮތަކީ، އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިޚާބު ކުރެވެންދެން، މިހާރު އެ ކައުންސިލްތަކުގައި ތިބި މެންބަރުން އެ މަގާމުތަކުގައި ދެމިތިބޭނެ ކަމަށް ގާނޫނު އަސާސީ ގެ 8 ވަނަ ބާބުގައި އެކަށައަޅާފައިވާ އުސޫލުތަކާއި ތައާރަޒުނުވާ ގޮތެއްގެ މަތިން އެކަން ކަނޑައެޅުން ކަމަށް ރިއްފަތު ވިދާޅުވެފައިވެ އެވެ.

ގާނޫނުއަސާސީއަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 3 ވަނަ މާއްދާއިން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) އަށް ގެނެސްފައިވާ އިސްލާހު ކަމަށްވާ ކައުންސިލްތަކުގެ އުމުރު 3 އަހަރުން 5 އަހަރަށް ބަދަލުކުރި ކުރުމަށް ރިޢާޔަތްކުރާއިރު، އެ މާއްދާއަށް ޢަމަލުކުރެވޭނެ އުސޫލު ކަނޑައަޅައިދީފައިވަނީ އެ ގާނޫނުގެ 4 ވަނަ މާއްދާގައި ކަމަށް އޭޖީ ވަނީ ވިދާޅުވިއެވެ.

"އެގޮތުން، މި ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ގެނެސްފައިވާ ބަދަލުތަކާ އެއްގޮތްވާގޮތުގެ މަތިން ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރަންވާނީ، އެ ޤާނޫނަށް ޢަމަލު ކުރަން ފެށި ތާރީޚު ކަމަށްވާ 8 ޑިސެމްބަރު 2019 އަށްފަހު ދެން އެންމެ އަވަހަށް ބާއްވާ އިންތިޚާބެއްގައި ކަމަށް ބަޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 4 ވަނަ މާއްދާ އެފަދައިން އޮތްހާ ހިނދަކު، އެ މާއްދަ އިސްލާހު ކުރުމަކާ ނުލައިނުލައި، މިހާރު 3 އަހަރަށް އިންތިޚާބުކޮށްފައިވާ ކައުންސިލްތަކުގެ ދައުރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާންމު ގާނޫނަކުން އެއަށްވުރެ އިތުރު މުއްދަތަކަށް އިތުރުކުރެވިދާނެ ކަމަކަށް ނުފެނޭ،" އޭޖީ ފޮނުވި ލަފާގައިވެއެވެ.

އެ ކަންކަމަށް ރިއާޔަތްކުރާއިރު، އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހު ގެ ކުރިން ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ނުކުރެވިއްޖެނަމަ މެދުވެރިވާނެ ގާނޫނީ ހުސްކަން ފޫބެއްދޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން މިހާރު އިންތިޚާބުވެފައިވާ ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ މެންބަރުކަމުގެ ދައުރު އިތުރުކޮށްގެން ކަމަށްވީނަމަވެސް، އެކަން، ކުރެވޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 5 ވަނަ އިސްލާޙުގެނައުމުގެ ޤާނޫނުގެ 4 ވަނަ މާއްދާ، ފުރަތަމަ އިސްލާހުކޮށްގެން ކަމަށް ފެންނަ ކަމަށް އޭޖީ ވިދާޅުވެފައިވެއެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު "2020 ސަރުކާރުން ހުށަހެޅިއިރު، އެ ބިލާ އެކުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙުގެނައުމުގެ ޤާނޫނުގެ 4 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅި "ޤާނޫނު ނަންބަރު 22/2019) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ހުށަހެޅީ ވެސް އެކަންކަން އެހެން ހުރުމުން ކަމަށް އޭޖީ ވިދާޅުވި އެވެ.

"ވީމާ، ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމަށްޓަކައި ގާނޫނު އަސާސީގެ 8 ވަނަ ބާބުގައި ތަރުތީބުކޮށް ތަންޒީމުކޮށްފައިވާ އުޞޫލުތަކާއި އިޖުރާއާތުތަކާ ހިލާފް ނުވުމަށާއ 3 ޖޫން 2020 ގެ ކުރިން ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ނުކުރެވިއްޖެނަމަ މެދުވެރިވާނެ ޤާނޫނީ ހުސްކަން ފޫބެއްދުމަށް އަދި ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމަށްޓަކައި ގާނޫނު އަސާސީގެ 8 ވަނަ ބާބުގެ ރޫހާއި މަގުސަދު ހާސިލްކުރުމަށްޓަކައި އަމަލުކުރެވުން އޮތް ގޮތަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އިޞްލާޙު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގައިވާ ފަދައިން، ގެ އެ ޤާނޫނު 4 ވަނަ މާއްދާ އިޞްލާޙުކޮށް، ލޯކަލް ކައުންސިލްތަކަށް އާ މެންބަރުން އިންތިޚާބުކުރެވެންދެން، މިހާރު އެ ކައުންސިލްތަކުގައި ތިބި މެންބަރުން އެ މަޤާމުތަކުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުން ކަމަށް ފެންނަ ވާހަކަ ދަންނަވަމެވެ،" އޭޖީ ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް