ހަޔާތެއް ރާވެރިކަމުގައި، 50 އަހަރުގެ ލޯތްބެއް!

ރުކުން ރާބާލައިގެން އައި ފުރަތަމަ ދުވަހު މަލާމާތަަކަށް ރަށު ކަތީބު އޭނާ ކުރެން އެހީ، "ކަލޯ ތިޔައީ ހަމަ އަސްލުވެސް ރާވެރިއެއްހެއްޔެވެ؟." އޭރު އުމުރުން އެންމެ 14 އަހަރުގެ އެ ޒުވާނާ ކަތީބަށް ޖަވާބު ދިނީ، އެންމެ ފަސް ދުވަހުގެ މަސައްކަތުން އޭނާ ރުކުން ބޭލި ތާޒާ ރަލުގެ މީރު ރަހަ ކަތީބަށް ދައްކާލަމުންނެވެ. އެދުވަހު އޭނާގެ މި މަސައްކަތަށް ބަޔަކު ޝައްކު ކުރި ނަމަވެސް، މިއަދު އޭނާ އަކީ ރާވެރިކަމުގެ މަސައްކަތުގައި ދެމި ހުރި އެ މަސައްކަތުން ދިރިއުޅުން ބިނާކޮށްފައިވާ ގެމަނަފުށީ، އެތުމާގޭ އާދަމް ހުސެއިން، 64އ. އެވެ. މި ރަށު މީހުންގެ ނަމުން ނަމަ އާދަމްބެއަކީ ހަމަ ޔަގީނަށް ވެސް މި މަސައްކަތުގައި ދެމި ހުރި މަދު ދިވެހިންގެ ތެރެއިން އެކަކަށް ވާނެ އެވެ.

ދިވެހިން މިހާރު ވަރަށް މަދުން ނޫނީ ނުކުރާ ރާވެރިކަމުގެ މަސައްކަތް އޭނާ ދަސްކުރަން ފެށީ އުމުރުން އެންމެ 12 އަހަރުގަ އެވެ. އޭނާގެ ޝައުގުވެރިކަން އެކަމަށް ދަމައިގަތީ، ރަށުގެ ދޮށީ އުމުރުގެ މީހުން އެކަން ކުރާތަން ފެނިގެން އެކަމަށް އުފެދުނު ޝައުގުވެރިކަމެއްގަ އެވެ. އެ ހިސާބުން އޭނާ އަމިއްލައަށް އެ މަސައްކަތް މަޑުމަޑުން އުނގެނެން ފެށީ އެވެ. މީހުން ކައިރީ ސުވާލުކޮށް އިތުރަށް ދަސްކުރަމުން ދިޔައީ އެވެ. އާދަމްބެ ބުނި ގޮތުގައި އޭނާ އެކަނިމާ އެކަނި އަމިއްލައަށް ރާވެރިކަން ކުރަން ފެށީ އުމުރުން 14 އަހަރު އެވެ. އެ ދުވަހުން ފެށިގެން އެ މަސައްކަތަށް އޮތް އޭނާގެ ލޯތްބަށް ފަނޑުވުމެއް ނާދެ އެވެ. އެ މަސައްކަތުގައި އޭނާ އުމުރު ހޭދަކުރާތާ ފަންސާހަކަށް އަހަރުވީ އެވެ.

"ބޭބެގެ އުމުރުން 12 އަހަރުން ފެށިގެން މީހުންނާއި އެކު އުޅެގެން ރާވެރިކަން ދަސްކުރަން ފަށައިފިން. އަމިއްލައަށް އުޅެންފެށީ އުމުރުން 14 އަހަރުން ފަށައިގެން. އެގޮތަށް ފަށައިގެން މިއަދާ ހަމައަށް މިއަންނަނީ ރުކަށް އަރަމުން،" އާދަމްބެ ބުންޏެވެ.

ގެމަނަފުށީގައި ރާވެރިކަން ކުރާ އާދަމް ހުސައިން -- ސަން ފޮޓޯ

އާދަމްބެގެ ހިތުގައި ރާވެރިކަމަށް ކިތަންމެ ބޮޑު ލޯތްބެއް އޮތް ނަމަވެސް، ހާލަތު ނިޔާކުރި ގޮތުން ދިރިއުޅުމުގެ އެކި ހިސާބުތަކުގައި ރާވެރިކަމާ ނިކަން ދުރުން އޭނާއަށް މަސައްކަތް ކުރަން ޖެހުނެވެ. މާލެ ބަދަލުވެ، މާލޭ އެއާޕޯޓުގައިވެސް އަށް މަސްދުވަހު މަސައްކަތްކުރި އެވެ. އަދި މާލޭގެ އެކި ސައި ހޮޓާހޮޓަލުގައި ވެސް ތަފާތު މަސައްކަތްކުރުމަށް ފަހު، އަނެއްކާ ވެސް ރަށަށް ބަދަލުވެ ގާތްގަނޑަކަށް ނުވަ އަހަރާއި ނުވަ މަސް ދުވަހު ރަށު ސްކޫލުގެ ވަޒީފާއެއް ވެސް އޭނާ އަދާކުރި އެވެ.

އެހެން ނަމަވެސް އާދަމްބެ ބުނާ ގޮތުގައި ރާވެރިކަމުން ލިބޭ ނަފާއާއި އުފަލެއް އެހެން އެއްވެސް މަސައްކަތަކުން އޭނާއަށް ލިބޭ ގޮތެއް ނުވި އެވެ. ހިތްހަމަޖެހެނީ ރުކަށް އަރައިގެން އެކުރާ މަސައްކަތުންނެވެ. އެހެންވެ، ހުރިހާ ވަޒީފާއެއް ދޫކޮށް އޭނާގެ މުޅި ދިރިއުޅުން ރާވެރިކަމަށް ހުސްކޮށްލީ އެވެ.

އާދަމްބޭގެ މުޅި ދިރިއުޅުން ތަރުތީބުކޮށް ރާވެރިކަމުގެ މަސައްކަތުގެ ތެރޭގަ އެވެ. ރާވެރިކަމަށް ހުންނަ ޖޯޝާ ފޯރީގައި ފަތިހު ހަތަރެއް ޖަހާއިރު އާދަމްބެ އޮންނަނީ އަރާ ރުކުގެ އެންމެ ކުރީގަ އެވެ. އަދި ރަނގަޅަށް އަލިވިލޭއިރު ރުކަށް އެރުމުގެ މަސައްކަތް ނިމި އޭނާ ހުންނާނީ ގޭގަ އެވެ. އަވި ގަދަ ނަމަވެސް، ވާރޭވެހުނު ނަމަވެސް އާދަމްބެ ރާ ބާލަން ރުކަށް އަރަ އެވެ.

އޭނާ ބުނި ގޮތުގައި އެންމެ ކުރީގައި ނަމަ، ދުވާލެއްގެ މައްޗަށް ގިނަވެގެން 16 ރުކަށް އެރެ އެވެ. ކޮންމެ ދުވަހަކު އެއް ކަމެއް އެތައް ފަހަރަކު ތަކުރާރު ކުރަން ޖެހުނަސް، އާދަމްބެގެ ފޫހި ކަމެއް ނެތެވެ. ސަބަބަކީ، އެ މަސައްކަތަށް އޭނާގެ ހިތުގެ އެންމެ އަޑިން ދެވިފައިވާ ޝައުގެވެ.

ގެމަނަފުށީގައި ރާވެރިކަން ކުރާ އާދަމް ހުސައިން -- ސަން ފޮޓޯ

ޒަމާނަށް އައި ބަދަލާއި އެކު، އާދަމްބެގެ މަސައްކަތަށް ކުދި ކުދި ބަދަލުތައް ވަނީ އައިސްފަ އެވެ. އުމުރުން ދުވަސްވުމާއި ކުދިން ބޮޑެތިވުމާއެކު، ރާވެރިކަން ކުރުމުގައި އޭނާ ހޭދަކުރާ ވަގުތު ކޮންމެވެސް ވަރަކަށް ބަދަލުކޮށްލި ނަމަވެސް މައިގަނޑު މަސައްކަރަށް ބަދަލެއް ނާންނަ ކަމަށް އާދަމްބެ ބުންޏެވެ. އޭނާ ބުނީ، މިހާރު ރުކަށް އަރަނީ ހެނދުނުގެ ނުވަގަޑި ސަޔަށް ފަހު އެވެ. އަދި އިރު މެދު ޖެހޭއިރު ހުންނަނީ ރުކަށް އަރައި ނިމި ގޭގަ އެވެ.

ރާވެރިކަން ކުރުމަކީ، އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. މީރު ރުކުރާ ނެރެން ބޭނުން ނަމަ، ހުރިހާ ޝައުގެއް އެކަމަށް ދޫކޮށްލަން ޖެހެ އެވެ. އެތަކެއް މަރުހަލާއެއް ކެތްތެރިކަމާ އެކު ކަޑައްތު ކުރަން ޖެހެ އެވެ. އެއީ ހައްޓަށް ލުއި އާދައިގެ މަސައްކަތެއް ނޫނެވެ. އެތައް ކަވި ކަންތައްތަކެއް މި މަސައްކަތުގައި ހިމެނެ އެވެ.

"ފުރަތަމަ އެތުގެ ބޯ ކަޑަނީ. މިކަން ކުރަނީ ހަތް ވެހެލަށް ނޫނީ ތިން ވެހެލަށް. ހަތް ވެހެލަށްނަމަ އެޒަމާނުގައި ހަތަރު ދުވަސް ނޫނީ ފަސް ދުވަސް ތެރޭގައި ރާ ބާލާނެ. ތިން ވެހެލަށްނަމަ ހަފްތާއެއް ނޫނީ 15 ދުވަސް ފަހުން ރާ ބާލާނީ. ދެން ކެޔޮފަތުން އެތުގައި އޮޅާލާނީ އޭރުވެސް މިހާރުވެސް. މިހާރު ރޭގަނޑު ކެޔޮފަތް ހަދާނީ. ދުވާލު އެތު އޮޅުމުގެ މަސައްކަތް ކުރަނީ. ހެނދުނު ރުކަށް އަރާފައި ގާތްގަނޑަކަށް 9:30 އެހާކަށްހާއިރު ރުކަށް އަރާ އެތު އޮޅުމުގެ މަސައްކަތްކޮށް މެންދުރު އެކެއް ދޭއްޖަހާއިރު ރުކަށް އެރުމުގެ މަސައްކަތް ނިމޭނެ." ރާވެރިކަން ކުރާ ގޮތް އާދަމްބެ ކިޔައިދިނެވެ.

ރާވެރިކަމުން ރަނގަޅު އާމްދަނީއެއް އާދަމްބެއަށް ލިބުނު ނަމަވެސް، އޭނާ މި މަސައްކަތް ސިފަކުރަނީ ބުރަ ނުރައްކާތެރި މަސައްކަތެއްގެ ގޮތުގަ އެވެ. ރުކަށް އަރާ ފޭބުމުގައި ވެއްޓި ބޮޑެތި ހާނިއްކަތަކެއްވެ ބައެއް މީހުން އުމުރަށް ނުކުޅެދޭ މީހުންނަށްވެ، އަނެއް ބައެއްގެ ފުރާނަވެސް ގެއްލިފައި އެބަ ހުއްޓެވެ. އާދަމްބެވެސް ވަނީ އެތަކެއްފަހަރުގެ މަތީން އަނިޔާވެ ބޭސްވެސްކޮށްފަ އެވެ.

"ރުކުން ވެއްޓި ވަރަށް އަނިޔާވި. އަތުގެ މި ހުޅުވެސް ނެއްޓުނު. ދެން ކަށީގެ ބޭސްކޮށްގެން އެތަށް ދުވަހެއް ފަހުން އެފަހަރު ރަނގަޅުވީ. ދެން އެފަހުން ރުކުން ވެއްޓި އެކޮޅުކޮޅުން ޖެހުނީ. މިތަން ޖެހުނީ. ވަރަށް އަނިޔާވި. ދެން ދިވެހި ބޭސް ކުރީ. ދިވެހި ބޭސްކުރީމަ ހަމަ ބަރާބަރު،" އެ މަސައްކަތުގައި ހުރި ރިސްކުތައް އޭނާ ކިޔައިދެމުން ބުންޏެވެ.

އަނިޔާއެއް ވެދާނެ ކަމުގެ ބިރަށް ވުރެ އާދަމްބެ ބަލަނީ ކުޑައިރުއްސުރެ އޭނާއަށް ދަސްވި މަސައްކަތުގައި އެންމެ ފަހު ދުވަހާ ހަމަޔަށް ވެސް ދެމި ހުންނާށެވެ. އާދަމްބެ ބުނާ ގޮތުގައި ހިތް ހަމަ ޖެހޭ މަސައްކަތެއްކޮށް ލިބޭ އާމްދަނީއަކުން ބަޑުފުރާނަ މުއްތި ކުރުމަށް ވުރެން ވަކީން ބޮޑު އުފަލެއް ދުނިޔެ މަތީގައި ނުލިބޭނެ އެވެ. އާދަމްގެ ބުނާ ގޮތުގައި ރާވެރިކަން ދޫނުކޮށް އެކަމުގައި ދެމި ހުރެ އޭނާ ކުރާ މަސައްކަތުން މިހާރު ދުވާލެއްގެ މައްޗަށް 1،000-300 ރުފިޔާއާ ދެމެދުގެ އަދަދެއް އާމްދަނީގެ ގޮތުގައި ލިބެ އެވެ.

ކުރީން ރާވެރިކަން ކުރި އެތަށް ބަޔަކު މުސްކުޅިވުމާއި އެހެން ވެސް ސަބަބުތަކާ ހުރެ މި މަސައްކަތުން އަތް ވީއްލައިފި އެވެ. މިއީ، ދިވެހިންގެ އެވޭލާ މަސައްކަތްތަކުގެ ތެރެއިން އުވުމުގެ ބިރު ހީވެފައި އޮތް މަސައްކަތެކެވެ.

އާދަމްބެ ބުނީ، މި މަސައްކަތަކީވެސް ޝައުގުހުރިނަމަ ކުރަން ދިވެހި ޒުވާނުން ދަސްކޮށްލަން ފައްކާ މަސައްކަތެއް ކަމަށެވެ. އާދަމްބެ ބުނި ގޮތުގައި މަސައްކަތް ދަސްކޮށްލުމަކީ އުނދަގޫ ކަމެއް ނޫނެވެ. އާދަމްބެ ބުނީ، ބައެއް ޒުވާނުން މިހާރުވެސް އެކަން ދަސްކުރަން ޝައުގުވެރިކަން ފާޅުކުރާއިރު، އާދަމްބެގެ 12 ކުދިންގެ ތެރެއިން ދޮށީ ހަތަރު ދަރިންނަށް މި މަސައްކަތް ވަރަށް ރަނގަޅަށް އެނގެ އެވެ. ނަމަވެސް ހަގަށްތިބި ދެ ފިރިހެން ކުދިން ރާވެރިކަމަށް ޝައުގުވެރިއެއް ނުވެ އެވެ. އާދަމްބެގެ އުފަލަކީ އޭނާގެ ދަރިންގެ ތެރެއިން ކޮންމެވެސް ބަޔަކު މި މަސައްކަތް ދަސްކޮށް، އެކަން ކުރަން ޝައުގުވެރިވުމެވެ.

ގެމަނަފުށީގައި ރާވެރިކަން ކުރާ އާދަމް ހުސައިން -- ސަން ފޮޓޯ

އޭރާއި މިހާރާއި އަޅާބަލާއިރު ކޮންމެވެސް ވަރެއްގެ ޒަމާނީ ބަދަލުތަކެއް ރާވެރިކަމަށްވެސް ވަނީ އައިސްފަ އެވެ. ކުރިންނަމަ ދިވެހިން އަމިއްލައަށް ތައްޔާރު ކުރާ ރާބަނދި އަކީ، ރާއެޅުމަށް ހާއްސަ ކަންވާރެކެވެ. އެެހެން ނަމަވެސް، ޒަމާނީ އެކި ކަންވާރުތައް އައިސް، ރާބަނދި އެއީ މިއަދު އެއީ މާޒީއަށް ވެއްޖެ އެވެ. އާދަމްގެ ބުނި ގޮތުގައި މިހާރު ބޭނުންކުރަނީ ޕްލާސްޓިކް ކުދި ހަންތަކެކެވެ.

"ކުރިންހެން ބަނދި ހަދައިގެން މި މަސައްކަތްކުރާކަށް މީހުންނަކަށް ނޭނގޭ. އެއީ މިހާރު އަހަރެމެން ބަނދި ބޭނުމެއް ނުކުރަން. ބޭނުންކުރަނީ ޕްލާސްޓިކް. އެކަމަކު ކުރިން ބެނުންކުރީ ހަމަ ނާށިން ހަދައިގެން 'ގޮޅާ' [ހުވަދޫ ބަހުރުވައިން ބަނދި]." އާދަމްބެ ބުންޏެވެ.

ރުކުރަލުން ތައްޔާރު ކުރާ ދޯރާ ނުވަތަ ރުކުރަލަކީ އަދިވެސް ދިވެހިންގެ މެދުގައި މަގްބޫލު އަދި އަގުހުރި ބުއިމެކެވެ. އަދި އެ ކައްކައިގެން ހަދާ ދިވެހި ހަކުރަކީވެސް މީރު، އެތަކެއް ދިވެހިންގެ ކެއުންތަކުގައި އަދިވެސް ހުންނަންޖެހޭ ބާވަތެކެވެ. އެންމެ ކުރީގައި ދެ ރުފިޔާ ބަޔަށް ވިއްކި ދިޔާހަކުރުގެ އަގު މިއަދު އުފުލި ދެ ލީޓަރު ފުޅިއެއްގެ އަގަކީ 350 ރުފިޔާ އެވެ. އާދަމްބެ ވެސް އަމިއްލައަށް ދިޔާހަކުރު ތައްޔާރުކުރާއިރު އެކަމަށް ބޭނުންވާ ދަރާއި ހުރިހާތަކެއްޗެއް ހޯދައި އެއްކުރަނީވެސް އަމިއްލައަށެވެ. އަދި ހުރިހާކަމެއް އަމިއްލައަށް، އަމިއްލަ ގޭގައި ހުރެގެން ކުރެވުމަކީ ވެސް އޭނާއަށް އޮތް ހިތްހަމަ ޖެހުމެކެވެ.

އާދަމްބެ އުމުރުން ދުވަސްވަމުން ދިޔަ ނަމަވެސް، ރުކަށް އަރާފޭބުމުގައި އާދަމްބެ ފެންނަނީ އަދިވެސް ނިކަން ޒުވާންކޮށެވެ. އެހާމެ ހަލުވި އެވެ. އަދި އެހާމެ ފަރިތަ އެވެ. ރާވެރިކަމަކީ އާދަމްބެގެ މުޅި ދިރިއުޅުމުގެ ވެސް މުހިންމު ހިއްސާއެކެވެ. ހަމައެކަނި އާމްދަނީއަށް ކުރާ މަސައްކަތަކަށްވުރެ ބޮޑަށް އާދަމްބެ މި މަސައްކަތް ކުރަނީ އޭނާގެ ދިރިއުޅުމުގެ އެއްބައިގެ ގޮތުގައި ދެކިގެންނެވެ. މި މަސައްކަތުން އޭނާގެ އަތްވީލުމެއް ނެތެވެ.

--

ވީޑިއޯ: މުހައްމަދު ޝަފީއު، އިބްރާހިމް މިސްބާހު އަދި މަރިޔަމް މާޝާ ނައީމް.
އެޑިޓްކުރީ: އިބްރާހިމް މިސްބާހު

comment ކޮމެންޓް