އިންޑިއަން އައިޑަލް 10 އަލުން ސޮނީއަށް

އިންޑިއަން އައިޑަލް ސީޒަން 10 އަލުން ސޮނީ އިން ދެއްކުމަށް ވަނީ ނިންމާފައި---

އިންޑިއާގެ ޓީވީ ޗެނަލުތަކުން ގެނެސްދޭ ޑްރާމާ/ޝޯ ތަކުގެ އާ އެޕިސޯޑުތަކެއް ނުގެނެސްދެވޭތީ ސޮނީ ޓީވީ އިން އިންޑިއަން އައިޑަލް ސީޒަން 10 އަލުން ދައްކަން ނިންމައިފިއެވެ.

ކޮވިޑް19 އާ ގުޅިގެން އިންޑިއާ ލޮކްޑައުންކޮށްފައިވާއިރު އެއްވެސް ޝޯއެއްގެ މަސައްކަތެއް ނުކުރެވޭ މި ދަނޑިވަޅުގައި ގޭގައި ތިބެގެން އިންޑިއަން އައިޑަލްގެ 10 ވަނަ ސީޒަން މިރޭ ސޮނީ ޓީވީއިން ބަލާލެވޭނެއެވެ. މިރޭ 8:30 ގައި އައިޑަލް ދައްކަން ފަށާއިރު ކޮންމެ ހަފްތާއަކުވެސް އައިޑަލްގެ އެޕިސޯޑެއް ގެނެސްދޭނެއެވެ.

އިންޑިއަން އައިޑަލް 10ގެ ޖަޖުންނަކީ ނޭހާ ކައްކަރު، ވިޝާލް ދަދުލާނީގެ އިތުރުން އަނޫ މަލިކެވެ. ނަމަވެސް އަނޫއަށް ޖިންސީ ގޯނާގެ ތުހުމަތުތައް ކުރެވުމާ ގުޅިގެން ޖަޖުންގެ ޕެނަލުން އޭނާ ވަކިވުމުން ދެން އައިޑަލްގެ ޖަޖިން ޕެނަލަށް ގުޅުނީ ޖާވިދު އަލީއެވެ. މަނީޝް ޕޯލް ހޯސްޓްކޮށްގެން ގެނެސްދިން އިންޑިއަން އައިޑަލް 10 އެއް ކާމިޔާބުކުރީ ސަލްމާން އަލީއެވެ. އިންޑިއަން އައިޑޮލްގެ 10 ވަނަ ސީޒަން ކާމިޔާބު ކުރީ ފައިނަލުގައި އަންކުޝް ބަރުދްވާޖް އަދި ނިލާންޖަނާ އާއި ވާދަކޮށެވެ.

އިންޑިއަން އައިޑަލްގެ މި ސީޒަނަކީ އެންމެ ގިނަ އަދަދެއްގެ ބަޔަކު ބެލި ސީޒަން އެވެ. ސީޒަންގެ ފިނާލޭ އެޕިސޯޑުގައި ޝާހުރުކް ޚާން، އަނުޝްކާ ޝަރްމާ އަދި ކެޓްރީނާ ކައިފް ބައިވެރިވި އިރު، ޖަޖުންގެ ފުރިހަމަ ހުށަހެޅުންތަކެއް ވެސް ފެނިގެން ދިޔައެވެ.

comment ކޮމެންޓް