މެލޭޝިއާގައި ދިވެހިން އުޅޭ ސްޓޭޓްތަކުގެ ހޮސްޕިޓަލުތަކުން މެރަނާ ސްކީމް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ހުސްނުވާ އާސަންދަ އިފްތިތާހު ކުރި ހަފްލާގެ ތެރެއިން -- ސަން ފައިލް ފޮޓޯ

މޭލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ ހެލްތު އިންޝިއުރެންސް ސްކީމް "މެރަނާ" ގައި އެންލިސްޓުކޮށްފައި ނުވާ ކްލިނިކްތަކާއި ހޮސްޕިޓަލުތަކުންވެސް ދިވެހީންނަށް ހިދުމަތް ހޯދޭނެ އިންތިޒާމު އާސަންދަ އިން ހަމަޖައްސައިފި އެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނަށް މެރަނާ ހެލްތު އިންޝިއުރެންސް ސްކީމު ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

މެރަނާ ހިދުމަތް ތައާރަފުކޮށްފައިވާއިރު، އެ ހިދުމަތް މީގެކުރީން ލިބޭނީ އާސަންދަ ކޮމްޕެނީގައި ރެޖިސްޓާކޮށްފައިވާ ހޮސްޕިޓަލުތަކާއި ކްލިނިކްތަކުން އެކަންޏެވެ.

އެހެންނަމަވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މެލޭޝިއާގައި އެއްތަނުން އަނެއްތަނަށް ދިޔުމަށް އަޅާފައިވާ ހުރަސްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ތަނުން ފެށިގެން 10 ކިލޯމީޓަރަށްވުރެ ދުރަށް ދިޔުމަށް ވަނީ މަނާކޮށްފައެވެ. އޭގެ ސަބަބުން އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހީންނަށް މެރަނާ ހިދުމަތް ބޭނުންކުރުމަށް ތަފާތު ދަތިތަކާ ކުރިމަތިވަމުންދާ ކަން ފާހަގަވެފައިވާ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

އެކުންފުނީން ބުނެފައިވަނީ އަލަށް ގެނައި ބަދަލާއެކު މެލޭޝިއާގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން މެރަނާ ސްކީމުގައި ރެޖިސްޓާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އެމީހެއް ދިރިއުޅޭ ތަނުން ފެށިގެން 10 ކިލޯމީޓަރުގެ ސަރަހައްދުގައި މެރަނާ ސްކީމުން އެންލިސްޓުކޮށްފައިވާ ތަނެއް ނެތް ނަމަ، ބޭނުންވާ ހިދުމަތް ރަނގަޅު އަގެއްގައި ލިބެން ހުރި އެހެން ސިއްހީ ހިދުމަތް ދޭ މަރުކަޒުން ހޯދައި ހިދުމަތް ހޯދިކަން އެނގޭ ލިޔުންތަކާއެކު ބިލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

comment ކޮމެންޓް