ކޮވިޑް19 ޕެންޑެމިކްގައި ކުޑަކުދިންނަށް އަޅާލުމުގައި ސަމާލުވާންވީ ކަންކަން

މާޗް 22، 2020: ރޭއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ފޭސް މާސްކު އެޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދަކީ ޤައުމީ ފެންވަރުގައި މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރާ ދުވަހެވެ. މިއަހަރުގެ މިދުވަސް ދިމާވީ ކޮރޯނާ ވައިރަސް ފެތުރެމުންދާތީ މާލެއާއި ބައެއް ރަށްރަށް ލޮކްޑައުން ކޮށްފައިވާ ދުވަސްވަރެއްގަ އެވެ. ލޮކްޑައުންއާ ގުޅިގެން ކުޑަކުދިންނާ މެދު ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ.

އާޓިކަލްގެ ތިރީގައި އެވަނީ މި ޕެންޑެމިކް ކުރިއަށްދާއިރު ގޭގައި ތިބެގެން ކުޑަކުދިންނަށް އަޅާލުމުގައި ސަމާލުވާންވީ ކަންތައްތަކާއި ބެހޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އަމިތު ބިޝްވަކަރުމާ ދެއްވާފައިވާ އިރުޝާދުތަކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރު، ޑރ. އަމިތު ބިޝްވަކަރުމާ-- ފޮޓޯ/ޓްރީ ޓޮޕް

ކުޑަކުދިންނަކީ އާންމުކޮށް ދުވާލުގަޑީގައި ކުޅުން ފަދަ ކަންކަމުގައި ވަރަށް ހެލިފެލިވެ އުޅޭ ބައެކެވެ. އަދި އެކުދިންނަކީ ހާއްސަ ސަމާލުކަމެއް ބޭނުންވާ ބަޔަކަށް ވެފައި މުޅި ދުވަސް އެއްކޮށް މިކުދިން ގޭތެރޭގެ މާހައުލުގައި އުޅެން ޖެހުމަކީ އެކުދިންގެ ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލުތަކެއް އައި ކަމެކެވެ. މިއާއެކު އެކުދިންނަށް ފައިދާ ހުރި ކަންކަމުގައި މަޝްއޫލު ކުރުވުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ.

މިދުވަސްކޮޅު ކުދިން ހާސްވެ، ބިރުގަނެ، ރުޅިގަދަވެ، ދެރަވެ، ކޮރޯނާ ވައިރަސްއާއި އެކުދިންގެ މާހައުލަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ގިނަ ސުވާލުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ބެލެނިވެރިންނާއި މައިންބަފައިން މިކުދިންގެ އިހުސާސްތައް ދެނެގަނެ ކުދިންނަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ޑރ. އަމިތު ވިދާޅުވިއެވެ.

މިގޮތުން ދުވަހުގެ ތާވަލެއް އެކުލަވައިލާ އެކުދިންގެ އިޙްސާސްތަކާމެދު ސުވާލުކޮށް ވާހަކަދެއްކުމަކީ ކުދިންގެ ހާސްކަމާއި ބިރުވެރިކަން ފިލުވުމަށް އެހީއަކަށްވާނެ ކަމެކެވެ. އޯގާތެރިކަމާއެކު ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ ވެސް މުހިންމު ކަމެކެވެ. އަދި އަތް ދޮވުމާއި އަތުގެ ސާފުތާހިރުކަން ދަސްކޮށްދީ ހަނދާންކޮށްދިނުމަކީ އެކުދިންނަށް ރައްކާތެރިކަން އިހްސާސްވާނެ ކަމެކެވެ.

ކުދިންގެ ހާސްކަން ކުޑަކުރުމަށްޓަކައި ގޭތެރޭގައި ކޮރޯނާ ވައިރަސްގެ ހަބަރު ކުޑަކުދިންނަށް ފެންނަ މިންވަރު ވީހާވެސް މަދުކުރުމަކީ މުހިންމު ކަމެކެވެ. އަދި މަސައްކަތުގެ ސަބަބުން ވަކިވެ ދުރުގައި ހުންނަން ޖެހޭނަމަ ފޯނުންނާއި ވީޑިއޯ ކޯލުން ކުދިންނަށް ގިނަގިނައިން ގުޅައި، ގުޅުން ބޭއްވުމަކީ އާއިލީ ހިތްހަމަޖެހުމާއި ގުޅުން ދަމަހައްޓަން ވަރަށް މުހިންމު ކަމެކެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން އަޅުގަނޑުމެންގެ އާންމު ދިރިއުޅުން ބަދަލުވެފައިވާ ދަނޑިވަޅެއްގައި ކުޑަކުދިންނަށް ހާއްސަ އެކި ކްރިއޭޓިވް ހަރަކާތްތަކެއް ހިމަނައިގެން ކޮންމެ ދުވަހަކަށް ނުވަތަ ހަފްތާއަކަށް ތާވަލެއް ވެސް ބައްޓަން ކުރެވިދާނެ އެވެ. މި ހަރަކާތްތަކުގެ ތެރޭގައި ކިޔެވުން، ފިޒިކަލް އެކްޓިވިޓީ ނުވަތަ ކަސްރަތު، ކުލަ ޖެއްސުން، ޤުރުއާން ކިޔެވުން އަދި މަޖާކޮށްލުމަށް ގޭމެއް ކުޅުން ނުވަތަ އުމުރާ އެކަށީގެންވާ ކާޓޫނެއް ނުވަތަ ފިލްމެއް ބެލުން ހިމަނާލެވޭނެ އެވެ. އަދި މި ހަރަކާތްތަކުގައި ބެލެނިވެރިންނަށް ވެސް ބައިވެރިވެވިދާނެއެވެ. ދުވާލެއްގެ މައްޗަށް ކުޑަކުދިންނަށް 1 ގަޑި އިރުގެ ފިޒިކަލް އެކްޓިވިޓީ ނުވަތަ ހަރަކާތް ބޭނުންވާނެ އެވެ. މިވަގުތުކޮޅު ބައިގަޑިއިރުގެ ދެބަޔަށް ވެސް ބަހާލެވިދާނެއެވެ.

ކުޑަކުއްޖެއް އަތިރިމަތީގައި. ލޮކްޑައުން ކުރުމާ ގުޅިގެން ބޭރަށް ނުކުތުން މަނާކުރުމާއެކު ކުޑަކުދިންނަށް މޫދަށް ދިއުން ފަދަ ކަންކަމުގައި މިހާރު މަސްއޫލުވެ ނޫޅެވޭ-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކިޔެވުމަށް ބޭނުންކުރެވޭ އޮންލައިން ރިސޯސްތައް ބަލާ ދިރާސާކުރުމަކީ ކުދިންނަށް އަދި ބޮޑެތި މީހުންވެސް އާ ކަންތައްތައް ދަސްކުރަން މަގުފަހިވާ ކަމެކެވެ. މިގޮތުން ގޭތެރޭގައި ކުރެވިދާނެ ހަރަކާތްތަކާއި ގޭމްތަކުގެ އިތުރުން ހަށިގަނޑަށް ފައިދާ ހުރި ކާނާ ތައްޔާރުކުރާ ގޮތް ވެސް އޮންލައިންކޮށް ބަލައިލެވޭނެ އެވެ. "ޗޭންޖް4ލައިފް" ވެބްސައިޓަކީ މިފަދަ ބައިވަރު ވެބްސައިޓުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ވެބްސައިޓެކެވެ.

ސިއްހަތަށް ފައިދާ ހުންނަ ކާނާ ދިނުމާއި މާގިނައިން ޗޮކްލެޓް ފަދަ ފޮނި އެއްޗެހި ކުދިންނަށް ނުދިނުމަކީ އެކުދިން ދުޅަހެޔޮ ސިއްހަތެއްގައި ދެމެހެއްޓުމަށް އެހީވެދޭނެ ކަމެކެވެ. އަބަދު ގޭގައި ތިބި ނަމަވެސް، މާގިނައިން ކުއުމުން ވެސް ދުރުހެލިވާންޖެހެ އެވެ. އަދި ކުޑަކުދިންނަކީ ހެދި ބޮޑުވުމަށް ބަރާބަރަށް ނިދި ބޭނުންވާ ބައެކެވެ. އެހެންކަމުން ކޮންމެ ރެޔަކުވެސް އެއް ގަޑިއެއްގައި ނިންދެވުމަށާއި ނިދުމުގައި ރަނގަޅު އާދަތައް ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ.

އެންމެ މުހިންމު ކަމެއްކަމުގައި ކުޑަކުދިން ޖިސްމާނީ އަދި ނަފްސާނީ ހާނިއްކައިން ސަލާމަތް ކުރުމަކީ ބެލެނިވެރިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން އަދާކުރަން ޖެހޭ މަސްއޫލިއްޔަތެކެވެ. ކުޑަކުދިންގެ ސިއްހީ ރައްކާތެރިކަން ޔަޤީންކޮށް ޖަހަންޖެހޭ ވެކްސިންތައް ހަމަކުރުމަކީ ވެސް މުހިންމު ކަމެކެވެ. އެގޮތުން ޕޯލިއޯ، މީސްލްސްފަދަ ބަލިތަކުން ކުދިން ސަލާމަތް ކުރުމަށްޓަކައި ވެކްސިން ތާވަލާއި އެއްގޮތަށް ވެކްސިން ޖަހަން ސަމާލުވާންވާނެއެވެ.

ވެކްސިން ކާޑެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން އިމަޖެންސީ ހާލަތެއް މެދުވެރި ވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެއް ކަމަށް ޑރ. އަމިތު ފާހަގަކުރައްވަ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިމަޖެންސީ ހިދުމަތްތަކާއި ޓެލެމެޑިސިންގެ ޒަރީއާއިން ޑޮކްޓަރަށް ދެއްކުން މިހާރު ވަނީ ފަށާފަ އެވެ. ޓެލެމެޑިސިން އަދި އީ އާރު ގެ ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެ ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅުއްވާލައްވާށެވެ.

ހުރިހާ ކުދިންނަށް އުފާވެރި ރައްކާތެރި ކުޑަކުދިންގެ ދުވަހަކަށް އެދި ޑރ. އަމިތު ވަނީ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ވެސް ތަހްނިޔާ ފޮނުވާފައެވެ.

comment ކޮމެންޓް