ޖަރީމާތައް ތަހުގީގްކުރާތީ އިސްރާއީލުން ބައިނަލްއަގްވާމީ ކޯޓަށް ބިރު ދައްކަނީ

ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓާ ފާތޫ ބެން ސޫދާ

ދަ ހޭގް (10 މޭ 2020): އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގައި އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ކުރަމުން ގެންދާ ކަމުގެ ތުހުމަތުގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ތަހްގީގްކުރާތީ އިސްރާއީލުން ކުރިމަތިކުރާ ފިއްތުންތަކަށް ޖެހިލުން ނުވާނެކަމަށް އެކޯޓުން ބުނެފިއެވެ.

ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ ޕްރޮސެކިއޓަރ ފާތޫ ބެންސޫދާ ވިދާޅުވިގޮތުގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލާތީ އިސްރާއީލުގެ މަސްއޫލުވެރިން އައިސީސީއަށް ބަހުގެ ހަމަލާތައް ދެއްވާއިރު އިސްރާއީލުގެ މިޑިއާ ގެންދަނީ އެކޯޓަކީ ވަކިފަރާތަކަށް ޖެހިފައިވާ ކޯޓެއްކަމަށް ސިފަކޮށް އެކޯޓުގެ އަގު ވައްޓާލުމުގެ ކޭންޕޭނެއް ހިންގަމުންނެވެ.

ބެންސޫދާ ނެރުއްވި ބަޔާނެއްގައި އައިސީސީ ގެ ތަހްގީގްތައް ކުރިޔަށްގެންދަނީ އެކޯޓު ވުޖޫދަށް ގެނައި ރޯމް ޑެކްލަރޭޝަންއާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކޮށް ދެއްވާފައިވެއެވެ. އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު އަނިޔާތަކުގެ މައްސަލައިގެ ތަހްގީގްތައް ކުރަންފެށިކަން އައިސީސީން އިއުލާނުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މި ތަހްގީގްތަކާ ގުޅިގެން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގާކަން އިސްރާއީލުގެ އަސްކަރީ ވެރިންނާ އަދި ސިޔާސީ ވެރިންގެ މައްޗަށް ސާބިތު ވެދާނެކަމުގެ ބިރު އިސްރާއީލުން އިހްސާސް ކުރެއެވެ. މިމައްސަލަ ބަލާތީ އެމެރިކާވެސް ގެންދަނީ ކަންބޮޑުވުން ފާޅުކޮށް އައިސީސީ އަށް ބަހުގެ ހަމަލާތައް ދެމުންނެވެ.

އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގައި އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ކުރަމުން ގެންދާ މައްސަލަ ބަލައި ތަހްގީގްކޮށް ދިނުމަށް ފަލަސްތީނުން އައިސީސީ އަށް ހުށަހަޅަން މަސައްކަތް ކުރާތާ ފަސް އަހަރުވަނީ ވެފައެވެ. ފަސް އަހަރަށްފަހު އެމައްސަލަ އައިސީސީން ބަލައިގަތުމުން ފަލަސްތީނުންވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

އިސްރާއީލު ގެންދަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނު ރައްޔިތުން މެރުމުގެ އިތުރުން ފަލަސްތީނުގެ ބިންތައްވެސް ފޭރި ދާއިމީ ގޮތަކަށް އެބިންތަކަށް ވެރިވެ ގަތުމުގެ ޣައިރު ގާނޫނީ ހަރަކާތްތަކެއްވެސް ހިންގަމުންނެވެ. މީގެތެރޭގައި ފަލަސްތީނުގެ ބިންތަކުގައި ގިނަ އަދަދަކަށް ޔަހޫދީން ވަޒަންވެރިކޮށް ޔަހޫދީ ވަޒަންވެރިން ލައްވައި ފަލަސްތީނުގެ އާންމުންނަށް ގޯނާކޮށް ބިރު ދެއްކުން ހިމެނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް