ކައުންސިލް އިންތިހާބު ލަސްކުރުމުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ރައީސް ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަސް، ކޮވިޑް-19 ގުޅިގެން މިއަހަރު ބޭއްވުމަށް އިއުލާންކުރި ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ)އިން އިއުލާންކޮށްފައި އޮތީ، މި މަހުގެ 18 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވައި މިދިޔަ މަހުގެ 28 ވަނަ ދުވަހު މަޖިލީހުން ފާސްކުރި، "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލް 2020" ރައީސް ސޯލިހު ތަސްދީގު ކުރެއްވީ މިއަދުގެ ވަގުތެއްގަ އެވެ.

އެ ބިލުގައިވާ ގޮތުން، ކައުންސިލް އިންތިހާބާއި އަންހެން ކޮމިޓީގެ އިންތިހާބު ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައި އިންތިހާބު ބާއްވާނެ ތާރީހު އިއުލާން ކުރަން ވާނީ، އެކަމުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ. އަދި ބިލުގައިވާ ގޮތުގައި، އަންނަ އަހަރުގެ ޖެނުއަރީ ހަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވާ ނިންމަން ވާނެ އެވެ.

އެ ގާނޫނުގައިވާ ގޮތުގައި، ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރެޖިސްޓްރީ އެކުލަވާލުމާއި ރީ-ރަޖިސްޓްރޭޝަން މަރުހަލާ އީސީއިން އަލުން ކުރިއަށް ގެންދަން ޖެހޭނެ އެވެ.

މީގެ އިތުރުން، ބިލް ތަސްދީގު ކުރުމާ އެކު ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާތިލުވެ، އެ މީހުން ކުރިން ތިބި މަގާމުތަކަށް ރުޖޫއަވާނެ އެވެ.

comment ކޮމެންޓް