ސްޕެއިންގެ ގޮނޑުދޮށްތަކަށް ދެވޭނީ ރިޒަވޭޝަން ހައްދައިގެން

ކަނެތު އިން ނިންމާފައި ވަނީ ބީޗުގައި މީހުންނަށް ތިބެވޭނެ ތަންތަން ނެޓު ޖަހާ، ވަކިކޮށްފައި ބަހައްޓަން -- ފޮޓޯ: ކަނެތު ސިޓީ ހޯލް

މެޑްރިޑް (މެއި 10): ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ސްޕެއިންގެ ބައެއް ސަރަހައްދުތަކުގައި ބީޗަށް ދިޔުމުގެ ކުރިން ގޮނޑުދޮށުން ތަންކޮޅެއް ރިޒާވް ކުރަން އަންގަން ނިންމައިފި އެވެ.

ސްޕެއިންގައި ކޮންމެ ދުވަހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު މަދުވުމާ ގުޅިގެން އެގައުމުން ވަނީ ލޮކްޑައުންގެ ފިޔަވަޅުތައް ލުއިކޮށް، މީހުންނަށް ގެއިން ބޭރަށް ދިޔުމަށް ހުއްދަ ދޭން ފަށާފަ އެވެ. ނަމަވެސް ވައިރަސް އަނެއްކާވެސް ބޮޑަށް ފެތުރުން ހުއްޓުވުމަށްޓަކައި އެގައުމުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން ސްޕެއިންގެ ވެލެންސިއަން ކޮމިއުނިޓީގައި އޮންނަ ކަނެތު ޑެން ބެރެންގަރުގެ ބީޗު، ލޮކްޑައުންއަށް ފަހު ހުޅުވާލާއިރު ކޮންމެ ދުވަހަކުވެސް ބީޗު ބޭނުން ކުރެވޭނީ 5،000 މީހުންނަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެއީ މީގެ ކުރިން އެ ބީޗަށް ދުވާލަކު ދާ މީހުންގެ ދެބައިކުޅައެއްބަޔެވެ.

އެ ޓައުންގެ މޭޔަރު ވިދާޅުވި ގޮތުގައި ބީޗު އޮންނާނީ ނެޓު ޖަހައި، ގޮޅިތަކަށް ބަހާލާފަ އެވެ. އަދި ކޮންމެ ގޮޅިއެއްގެ މެދުގައިވެސް ދެ މީޓަރުގެ ދުރުމިން ހުންނާނެ ކަމަށާއި ބީޗަށް ދާން ބޭނުންވާ ކޮންމެ މީހަކުވެސް މޮބައިލް އެޕެއް މެދުވެރިކޮށް ރިޒަވޭޝަނެއް ހައްދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންމެ މީހަކަށްވެސް ސިނަމާއެއްގައި ގޮނޑިއެއް ހިޔާރު ކުރާ ފަދައިން ބީޗުގައި ހުޅުވާލާފައިވާ ކޮންމެ ތަނަކުންވެސް ތަންކޮޅެއް ރިޒާވް ކުރެވޭނެ ކަމަށާއި އެމީހުން ރިޒާވް ކުރި ގޮޅި ދައްކަން މުވައްޒަފުން ތިބޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ގޮޅިއެއް ރިޒާވް ކުރެވޭނީ ހެނދުނަށް ނުވަތަ މެންދުރުފަހަށް ކަމަށާއި މުޅި ދުވަހަށް އެއްވެސް މީހަކަށް ރިޒަވޭޝަން ނެހެއްދޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކަނެތުއިން އުއްމީދު ކުރަނީ އަންނަ މަހު ބީޗު ހުޅުވާލެވޭނެ ކަމަށެވެ. އަދި އެ ޓައުންގެ ބީޗް ޕްލޭނަށް ވަނީ 542،000 ޑޮލަރު ބަޖެޓުކޮށްފަ އެވެ.

ސްޕެއިންގައި މިހާތަނަށް 222،000 ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 26،299 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް