ޓޮމް ކުރޫޒް ފިލްމް ކުޅެން ޖައްވަށް ދަނީ

ޓޮމް ކްރުއިސް--

އެމެރިކާގެ ޖައްވީ އިދާރާ، ނޭޝަނަލް އެރޮނޮޓިކްސް ސްޕޭސް ސްޓޭޝަން (ނާސާ)އާ ގުޅިގެން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކުރޫޒް ޖައްވުގައި ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ޖައްވުގައި ހިނގާ ކަންކަމަށް ހޮލީވުޑްގެ އެތައް ފިލްމެއް އަހަރެއްގެ މައްޗަށް ނެރޭ އިރު، އާއްމުކޮށް އެ ފިލްމްތައް ކުޅެނީ ސްޓޫޑިއޯތަކުގެ ފެހި ސްކްރީން ފަހަތުގަ އެވެ. އެކަމަކު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޖައްވުގައި ހޮލީވުޑްގެ އެކަޓަރަކު ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ނާސާއިން މިވަނީ ބުނެފަ އެވެ. އެ ޝަރަފު މި ލިބެނީ ގިނަ ދުވަސްތަކެއް ވަންދެން ހޮލީވުޑުގެ އެންމެ ޓޮޕް އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކްރޫޒްއަށެވެ.

މީގެ ކުރިން ވެސް ޖައްވުގައި ބައެއް ޑޮކިއުމެންޓަރީ ފިލްމްތަކެއްގެ ޝޮޓުތަކެއް ވަނީ ޝޫޓް ކޮށްފަ އެވެ. އޭގެ ތެރޭގައި 2002 ވަނަ އަހަރު ނެރުނު އައިމެކްސް ޑޮކިއުމެންޓަރީއާއި 2012 ވަނަ އަހަރު ނެރުނު "އެޕޮޖީ އޮފް ފިއާ" ހިމެނެ އެވެ. އެކަމަކު ދުނިޔޭގެ ޖައްވީ ސްޓޭޝަން ނުވަތަ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ފިލްމެއް ޝޫޓްކުރުމުގެ ފުރުސަތު އެއްވެސް އެކްޓަރަކަށް މީގެ ކުރިން ލިބިފައެއް ނުވެ އެވެ.

ތާރީހީ މި ފިލްމުގެ މަސައްކަތްތައް ފެށުމުގެ މަޝްވަރާތައް ކުރިއަށްދާކަން ނާސާއިން ވަނީ ޔަގީންކޮށްދީފަ އެވެ. އެގޮތުން މި ޕްރޮޖެކްޓަށް ބޭނުންވާނެ ދަތުރުތައް ކުރުމަށް އައިއެސްއެސްއަށް ޖައްވީ ދަތުރުތައް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ މަހުޖަނު، އީލޮން މަސްކްއާ އެކު އަންނަނީ މަޝްވަރާތަކެއް ކުރަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން ޓޮމް ކްރޫޒްގެ މި ފިލްމަކީ އޭނާ މީގެ ކުރިން ވެސް ކުޅެފައިވާ މަޝްހޫރު ފިލްމްތަކާ ގުޅުން ހުރި އެކްޝަން އެޑްވެންޗާ ފިލްމެކެވެ. އެކަމަކު ކްރޫޒްއާ އެކު ޖައްވަށް ދެން ދަތުރު ކުރާނީ ކޮން އެކްޓަރުންނެއް ކަމާއި، މި ދަތުރު ފަށާނެ ތާރީހެއް އަދި ހާމަ ކޮށްފައެއް ނުވެ އެވެ.

ނާސާގެ އެޑްމިނިސްޓްރޭޓަރު ޖިމް ބްރައިޑެސްޓީން މިދިޔަ ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައިއެސްއެސްގައި ކްރޫޒާއާ އެކު ފިލްމެއް ޝޫޓްކުރަން ނިންމި ވާހަކަ ހިއްސާކުރަނީ ވަރަށް އުފަލުން ކަމަށެވެ. އަދި މި ޕްރޮޖެކްޓް ކާމިޔާބުކުރަން މި ޖީލުގެ ސައިންޓިސްޓުންނާއި އިންޖިނިއަރުންގެ އެހީ ވެސް ބޭނުންވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކްރޫޒްގެ ދެން އެންމެ އަވަހަށް ސިނަމާތަކަށް އަންނާނެ ފިލްމަކީ ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް "ޓޮޕް ގަން" ގެ ސީކްއަލް "މެވެރިކް" އެވެ.

comment ކޮމެންޓް