އުރީދޫގެ ކަސްޓަމަރުންނަށް ބިލުދެއްކުމުގައި ލުއިތަކެއް

މާޗް 3، 2020: އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ ކުރުނބާ މޯލްޑިވްސްގައި ބޭއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާ އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމާއެކު، އުރީދޫ ކަސްޓަމަރުންގެ ބިލުތައް ދެއްކުމުގައި ލުއިތަކެއް ހަމަޖައްސައިދީފިއެވެ.

އުރީދޫ އިން ބުނީ އެ ކުންފުނީގެ ކަސްޓަމަރުން ބިލަށް ފައިސާ ދެއްކުމުގައި ދައްޗެއް އޮތްނަމަ، ފައިސާ ދެއްކުމުގެ މުއްދަތު ބިލް ތައްޔާރުކުރާ ދުވަހުންފެށިގެން ދެމަސް ދުވަހަށް އިތުރުކޮށްދިނުމަށް އެދެވޭނެ ކަމަށެވެ. އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް ބިލުގެ މުއްދަތު ދެ މަހަށް އިތުރުކުރުމަށް އެދެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

މީގެ އިތުރުން މި ދަނޑިވަޅުގައި މާލީ ދަތިކަން ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް، ބިލަށް ފައިސާ ދެއްކުމުގެ ޕްލޭންތަކާއި އިތުރު ލުއިތަކަށް އެދުމުުންގެ ފުރުސަތުވެސް އޮންނާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ އިން ބުނީ ކޮވިޑް 19 އާއި ގުޅިގެން ދިމާވި ކަންކަމުގައި ވަޒީފާ ގެއްލުނުކަމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް، އެކަމަށް ހައްލެއް ނުލިބެނީސް ނުވަތަ އެ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ލިބޭނެ އިތުރު ގޮތެއް ފަހިނުވާކަމުގައި ވާނަމަ، އުރީދޫ ބިލްތަށް ދައްކާފައި ނުވިކަމުގައިވިއަސް ޖޫން 2020 ގެ ނިޔަލަށް އެފަދަ ކަސްޓަމަރުންގެ ހިދުމަތް ކަނޑާނުލާނެ ކަމަށެވެ.

މާލީ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަސްޓަމަރުން ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކުރުމަށް http://ore.do/billsupport މެދުވެރިކޮށް ރިކުއެސްޓު ކުރެވޭނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމާއި ކޯޕަރޭޓް ދާއިރާއަށް ލިބުނު ގެއްލުމާއި ގުޅިގެން، ޓެލެކޮމިއުނިކޭޝަން ހިމެނޭގޮތަށް، ވަރަށް ގިނަ ދާއިރާތަކަށް އަސަރުކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވެސް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ މި ދަނޑިވަޅުގައި، ކަސްޓަމަރުންނާއި އެމަރޖެންސީ ރެސްޕޮންސް ޓީމްތަކަށް އުރީދޫ އިން ފޯރުކޮށްދޭ އެހީތެރިކަން ސަރުކާރުން ފާގަކުރާ ކަމަށެވެ.

" މި ނާޒުކު ދަނޑިވަޅުގައި، އެންމެހާ ފަރާތްތަކަށްވެސް ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދެވޭކަން ޔަގީންކުރުމަށްޓަކައި، ސަރުކާރުން ހިދުމަތްދޭ ފަރާތްތަކާއި ގުޅިގެން ވަރަށް ގާތުން މިދަނީ މަސައްކަތްކުރަމުން. ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން އިހުނަށްވުރެ މުހިންމު ވެފައިވާ މި ދުވަސްވަރު، ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެވޭކަން ޔަގީންކުރުމަށްޓަކައި އުރީދޫ މޯލްޑިވްސްއިން މުހިންމު ފިޔަވަޅެއް ނެންގެވީތީ، އެ ކުންފުންޏަށް ޝުކުރު އަދާކުރަން. ޔަގީނުންވެސް މާލީ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް މިކަމާއި އެކު ލިބިގެންދާނެ،" މިނސްޓަރު ވިދާޅުވިއެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ކޮވިޑް 19 ގެ ސަބަބުން، މީގެ ކުރިން ކުރިމަތިލާން ޖެހިފައިނުވާ ގޮންޖެހުންތަކާ ދުނިޔެ ކުރިމަތިލަމުންދާ ކަމަށެވެ.

"ކުންފުންޏަށް ދިމާވެފައިވާ އުނދަގޫތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭ ކަމަކީ ކަސްޓަމަރުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުން. ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެކަހެރިވެ އުޅެންޖެހިފައިވާ މި އައު ދިރިއުޅުމުގައި، އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކޮށް، މުހިންމު މައުލޫމާތާއި ހަބަރުތަކަށް ވާސިލްވުމުގައި ޓެލެކޮމިއުނިކޭޝަންގެ މުހިއްމު ދައުރެއް އޮތްކަން ގަބޫލުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު އަދި ފަސޭހަކަމާއިއެކު ލިބިގަނެވޭނެ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޓީމުން ދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން. "ސީއީއޯ ނަޖީބް ހާން ވިދާޅުވިއެވެ.

ކޯވިޑް-19 ޕެންޑެމިކްއާއި ގުޅިގެން މުޖުތަމައުއަށް ދިމާވަމުންދާ ދަތިތަކާއި މައްސަލަތަކަށް ލުއިފަސޭހަ ގޮތްތަށް ހޯދައިދިނުމަށް އުރީދޫ އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކަސްޓަމަރުންނަށް ހާޚާއްސަ އޮފާތަކާއި، އިމެޖެންސީ ރެސްޕޯންސް ޓީމްތަކަށް ހިލޭ ކަނެކްޝަން ހިދުމަތާއި އަވަސް އެހީ އަށް ބޭނުންވެފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް އެކި އެކި ދާއިރާތަކުގެ ޕާޓްނަރުންނާއި ގުޅިގެން ތަފާތު މަސައްކަތްތަކެއްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

comment ކޮމެންޓް