އައްޑޫ މޭޔަރުގެ އިލްތިމާސް: ބަލިފެތުރިފައިވާ ވަރެއް ނޭނގޭ، ގޭގައި ތިއްބަވާ!

ޖުލައި 18، 2019: އައްޑޫ ސިޓީގެ މޭޔާރ އަބްދުﷲ ސޯދިގް(ސޯބެ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގައި ކޮވިޑް19 ގެ ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަމަށް ބެލެވޭ ކަމަށާއި މިހާލަތުގައި ކަމާ ބެހޭ ފަރާތްތަކުގެ އިލްތިމާސް އާ އެއްގޮތަށް ގޭގައި ތިބުމަށް އާދޭހާ އެކު ދަންނަވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ހިތުގެ ބަލި މީހަކު އިތުރު ފަރުވާ އަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ހެދި ރޫޓިން ޓެސްޓަކުން އޭނާ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން ވަނީ އެނގިފަ އެވެ.

މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން އެ ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށެވެ. ނަމަވެސް އިލްތިމާސްތަކާއި އެންގުންތަކާ ހިލާފަށް ބޭރުގައި އުޅޭ މީހުން ފާހަގަވިކަމަށް މޭޔަރު ވިދާޅުވި އެވެ

"އަޅުގަނޑުގެ އިލްތިމާސް އަކީ ގޭގައި ތިއްބެވުން. [ބަލި] ފެތުރިފައި އޮތް މިންވަރެއް ނޭނގޭ. އެހެންވެ ހުރިހާ ބޭފުޅުން ވެސް ގޭގައި ތިއްބަވާ،" ސޯބެ ވިދާޅުވި އެވެ.

އައްޑޫ އިން ޕޮޒިޓިވްވި މީހަކީ މާޗު މަހުގެ 30 ވަނަ ދުވަހު މާލެއިން އައްޑޫ އަށް ދިޔަ އުރުމުން 43 އަހަރުގެ މީހެކެވެ.

ސޯބެ ވިދާޅުވީީ ރައްޔިތުން ގޭގައި ތިބޭއިރު ބޭނުންވާ އަސާސީ ހިދުމަތްތައް އަވަށްތަކުގެ ސޯޝަލް ސަޕޯޓު ޑެސްކުތަކުން ފޯރުކޮށްދޭނެ ކަމަށެވެ.

"ހުރިހާ ބޭފުޅުންވެސް ދެން ތިއްބަވަންވާނީ ގޭގައި، ނިކުމެވޭނީ ވަކި ހުއްދައެއް ލިބިގެން. ހުއްދަ ނެތި ބޭރުގައި އުޅޭނަމަ ފުލުހުން ފިޔަވަޅު އަޅާނެ،" ސޯބެ ވިދާޅުވި އެވެ.

އެ ސިޓީ އިން ކޮވިޑްގެ ކޭހެއް ފެނުމާ ގުޅިގެން ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަމަށް ބަލައި، އެޗްޕީއޭގެ ލަފަޔާއެކު މިއަދުން ފެށިގެން 14 ދުވަހަށް އައްޑޫ ސިޓީ ވަނީ ލޮކްޑައުން ކޮށްފަ އެވެ.

"ތައްޔާރީ ހާލަތަށް ގެނެސްފައި އޮތީ ހޮސްޕިޓަލްވެސް. އެކަމަކު މިކަމުގައި ދިގުލައިގެންދާތީ ބައެއް ފަރާތްތަކަށް ފަރުވާވެސް ކުޑަކޮށްލެވެނީ،" މޭޔަރު ވިދާޅުވި އެވެ.

މިދިޔަ މުއްދަތުގެ ތެރޭގައި ބައެއް ފަރާތްތަކަށް "ފިނިބުރު ޖަހަންވެސް ދެވުނު" ކަމަށް މޭޔަރު ފާހަގަ ކުރައްވާ ވިދާޅުވީ އެއީ ހިތާމަވެރި ކަންކަން ކަމަށެވެ. ސޯބެ އަދި ވިދާޅުވީ އައްޑޫގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަމަށްބަލައި، ސާވަލަންސް ޓެސްޓު ކުރަން ޖެހޭ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ސޯބެ ވިދާޅުވީ މިހާލަތުގައި ޕޮޒިޓިވްވި މީހާގެ ގައިގާ ކުރީއްސުރެ ބަލި ހުރީކަމެއް ނޫނީ ކޮމިޔުނިޓީ ތެރެއިން ބަލި ޖެހުނީކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް އައްޑޫގައި މިހާރު ކޮވިޑްގެ ކޮމިޔުނިޓީ ސްޕްރެޑެއް އެބައޮތްކަމަށް ބެލެވޭ ކަމަށް ސޯބެ ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުުވުގައި ވާހަކަ ދައްކަވަމުން ހޮސްޕިޓަލުގެ މެނޭޖަރު ސާދާތު ވިދާޅުވީ، ބަލިމީހާ އާއި ކޮންޓެކްޓުވި ހަތް ޑޮކްޓަރަކާއި 10 ނަރުހަކު މިހާރު އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި ބަލިމީހާ މާލެ ފުރުވަން ދިޔަ އޭނާގެ ތިމާގެ މީހުންނާއި ބަލިމީހާ އުފުލުމުގައި ހަރަކާތްތެރިވި ސަޕޯޓް ސްޓާފުންނާ އެއާޕޯޓުގެ މުވައްޒަފުންވެސް ފާހަގަ ކޮށްފައިވާ ކަމަށް ސާދާތު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އާންމުންނަށް އަސާސީ ހިދުމަތްތައް ދޭ ފަރާތްތަކުން އެކަށީގެންވާ ގޮތަށް ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައް ފުރިހަމަ ކުރުމަށް އެދޭ ކަމަށެވެ. އެގޮތުން ޑެލިވަރީ ހިދުމަތްދޭ ފަރާތްތަކާއި ފިހާރަތަކުގައި މަސައްކަތްކުރާ ފަރާތްތަކުންވެސް މާސްކާއި އަންގި ބޭނުން ކުރުމަށް، އަދި ވިޔަފާރި މުއާމަލާތްތަކަށް އޮންލައިން ޓްރާންސެކްޝަންސް ބޭނުން ކުރުމަށް ސޯބެ އިލްތިމާސް ކުރެއްވި އެވެ.

comment ކޮމެންޓް