މާލޭގެ ހާލަތު ގޯސްވާތީ ރަށްރަށަށް މީހުން ފޮނުވުން މެދުކަނޑާލަނީ

މާލޭގެ މަގުމަތި: ރަށްރަށް މީހުން ފޮނުވާލުން ހުއްޓާލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް، ކޮވިޑް-19 ގެ ހާލަތު މާލޭގައި އިތުރަށް ގޯސްވާތީވެ، މާލޭގައި ތާށީވެފައި ތިބި އެކި ރަށްރަށުގެ މީހުން ރަށްރަށަށް ފޮނުވުން މެދުކަނޑާލަން ޖެހިދާނެ ކަމުގެ އިޝާރާތް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވައިފި އެވެ.

މިދިޔަ މަހު 15 ވަނަ ދުވަހު މާލެއިން ކޮރޯނާވައިރަހުގެ ކޭސްއެއް ފެނި، މާލެ ލޮކްޑައުންކުރުމުން ރަށްރަށަށް ނުދެވި މާލޭގައި ވަރަށް ގިނަ ފަރާތްތައް ތާށިވެފައި އެބަތިއްބެވެ.

މިދިޔަ ހަފްތާއިން ފެށިގެން ޖެންޑާ މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި ކައުންސިލްތަކާ ގުޅިގެން އެފަދަ ފަރަތްތައް 14 ދުވަހަށް ކަރަންޓިން ފެސިލީޓީތަކުގައި ބޭތިއްބުމަށްފަހު ރަށަށް ފޮނުވުުމުގެ އިންތިޒާމް ވަނީ ފަށާފަ އެވެ. އެގޮތުން މިހާތަނަށް އެފަދަ 42 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށް އެންއޯއީސީން ވަނީ ބުނެފަ އެވެ.

ރޭ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، އެންއޯއީސީގެ އަންދާޒާތަކުން މާލޭގެ ހާލަތު ކުރިއަށް އޮތް ދުވަސްތަކުގައި ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އިއްޔެ އެކަނިވެސް އެއްވެސް ކްލާސްޓާއަކަށް ނުފެތޭ 33 ކޭސް މާލެއިން ފެނުމުން މުޅި މާލެއަށް ވައިރަސް ފެތުރުފައިވާލެއް ފުޅާކަން ހާމަވެގެން ގޮސްފައިވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ. އެހެން ކަމުން މާލެއިން ރަށްރަށަށް މީހުން ފޮނުމުގައި ދެވަނަ ވިސްނުމަކަށް ދާން ޖެހިފައިވާކަމަށް މިިނިސްޓަރު ވިދާޅުވި އެވެ.

"އެހާލަތާ ގުޅިގެން އެ އަންނަ ބަދަލުތައް އެއީ އަޅުގަނޑުމެން އުދަނގޫކަމާއެކު ވެސް ހިތްދަތި ކަމާއެކުވެސް އެއަށް ފޭސްނުކޮށްފިނަމަ، ދެން ދިމާވެދާނެ ގެއްލުން އެއަށްވުރެ ބޮޑު ވެދާނެ. އެހެންވީމަ އަތޮޅުތަކަށް ފޮނުވާ ފޮނުވުން ނުވަތަ ރަށުގެ ކައުންސިލްތަކުން ކަނޑައަޅާ ފެސިލިޓީތަކަށް ބޭފުޅުން ފޮނުއްވަވާ ފޮނުއްވުން ހަގީގަތުގައި ހުއްޓާލަން ޖެހިގެންދާ ސަބަބަކަށް މިވީ، ކުއްލިއަކަށް މިހާ ފުޅާ ދައިރާއެއްގައި ފެތުރިގެން ދިޔައިމަ މިއަދު [އިއްޔެ] ހާއްސަކޮށް 33 ކޭސް ފެނިފައި މިއޮތީ އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތް. 33 ކޭސްވީމަ މިއަދު ގަބޫލުކުރަން ޖެހިއްޖެ މުޅި މާލޭގައި އެކި ދިމާތަކުގައި ބަލި ފެތުރިއްޖެ ކަަމަށް،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ބަލި ފެތުރޭ މިންވަރު ބޮޑުވެފައިވުމުން، މިހާރު އަޅާފައި ހުރި ފިޔަވަޅުތައް އިތުރުރަށް ހަރުކަށި ކުރަން ވިސްނަން ޖެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް އެ ނިންމުންތައް ނިންމަވާނެ ކަމުގެ އިޝާރާތް މިނިސްޓަރު ދެއްވި އެވެ.

ސަރުކާރުންވެސް އަދި ރައްޔިތުންވެސް ބޭނުންވަނީ ވައިރަސް ވީހާވެސް އަވަހަކަށް ފެތުރުން ހުއްޓުވައި މި ބަލިމަޑުކަމުން އަރިއިގަތުމަށް ކަން ފާހަގަ ކުރައްވާ، އިމްރާން ވިދާޅުވީ އާންމުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން ރަށްރަށަށް މީހުން ފޮނުވުމުގެ ސަބަބުން ވައިރަސް ނެތް ރަށްރަށުގައި ވައިރަސް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮންނާނެ ކަމަށެވެ.

"ވައިރަހުގެ އެއްވެސް އަސަރެއް ނެތް އަލާމާތެއް ނެތް ރަށްރަށަށް، އަޅުގަނޑުމެން ރައްޔިތުންނަށް ފާސޭހަ ކޮށްދިނުމަށް މާލޭގައި ތާށިވި ރައްޔިތުންގެ ތެރެއިން ބޭފުޅުންކޮޅެއް ފޮނުވާއިރު، އެ ބޭފުޅުންގެ ތެރެއިން [ރަށަށް] ބަލި ގޮސް، އެރަށުގެ މުޅި ރައްޔިތުން ނިކަމެތިވެގެން ނުދިޔުން އެއީ އަޅުގަނޑުގެ ހިތުން ސަރުކާރުންވެސް އަދި ރައްޔިތުންވެސް އެދޭނެ ކަމެއް ނޫން،" އިމްރާން ވިދާޅުވި އެވެ.

މާލޭގައި ތާށީވެފައި ތިބި ފަރާތްތައް ފަސޭހައި ރަށްރަށް ފޮނުވުމަށް ސަރުކާންވެސް ބޭނުންވާ ކަމަށާއި ނަމަވެސް އެކަން ވާން ޖެހޭނީ ރާއްޖޭގެ އެހެން ރަށްތަކަށް ވައިރަސް ފެތުރިގެން ނުދާނެ ގޮތަކަށް ކުރެވޭ ކަމަކަށް ކަމަށް އިމްރާން ވިދާޅުވި އެވެ.

މިހާތަނަށް ރަށްރަށް ދާން އެދުނު 300 އަށްވުރެ ގިނަ މީހުން ރަށްރަށަށް ގެންދިޔުމަށް މިހާރު 14 ދުވަހަށް ކަރަންޓީންކޮށްފައިވާ ކަމަށާއި އެމީހުންގެ މުއްދަތު ހަމަވެ، ޓެސްޓުހަދައި ނެގަޓިވްވުމުން އެމީހުން ރަށަށް ފޮނުވާލުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މި މަސައްކަތުގައި ދެކަމެއް އެބައޮތް. އެއް ކަމަކީ، ރައްޔިތުންނަށް ފަސޭހަ ލުއިގޮތަކަށް އާއިލާތައް ކައިރިއަށް ދިޔުމަށް އެހީތެރިވެދިނުން. އެއާއެކު މާލޭގައި ފެތުރޭ ކޮވިޑް19 އަތޮޅުގެ ރަށްތަކަށް ގޮސްދާނެ ކަމުގެ ކަންބޮޑުވުން. މިކަންތައް ބެލެންސްވާނެ ގޮތަކަށް ރައްޔިތުންނަށް އެހީތެރެވެދިނުމަކީ މިއަދު އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް،" އިމްރާން ވިދާޅުވި އެވެ.

މާލޭގައި ތާށިވެފައި ތިބި ރައްޔިތުންގެ ހާލަތު ދެނެވަޑައިގަންނަވާ ކަމަަށާއި މިކަމުގައި ރައްޔިތުން ކެތްތެެރިވުމަށްވެސް އިމްރާން އިލްތިމާސްކުރެއްވި އެވެ.

ރަށްރަށް ނުދެވިގެން ވަރަށް ގިނަ ފަރާތްތަކުން ރިޕޯޓު ކުރަމުންދާއިރު، އަވަސް އަރުވާލައިގެން ރަށަށް ދާން އުޅެފި ނަމަ އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒުވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ޖެންޑާ މިނިސްޓްެރީން މިދިޔަ އަންގާރަ ދުވަހު އާންމު ކުރި އިއުލާނުގައި ރަށަށް ދާން ބޭނުންވާ ފަރާތްތަކަށް އިސްކަންދޭނެ ތަރުތީބު ވަނީ ބަޔާން ކޮށްފަ އެވެ. އެ އުސޫލުގައި ބުނާގޮތުން އެންމެ އިސްކަންދޭނީ އޭޕްރީލް އެކެއްގެ ނުވަތަ އޭގެ ފަހުން މާލެ އައިސް އެނބުރި ނުދެވި ތިބި މީހުން އަނބުރާ ފޮނުވާލުމަށް ކަމަށެވެ.

https://sun.mv/136151

comment ކޮމެންޓް