ސަން ބަދިގެ: އެންމެންގެ މަގުބޫލް ޗޮކްލެޓް ޗިޕް ކުކީސް!

ކުކީސް ނުވަތަ އެކި ވައްތަރުގެ ބިސްކޯދަކީ ހުރިހާ އުމުރުފުރައެއްގެ މީހުންވެސް ސްނެކްއެއްގެ ގޮތުގައި އާއްމުކޮށް ބޭނުންކުރާ، މަގުބޫލު، މަދު ސާމާނުކޮޅަކުން ތައްޔާރުކޮށްލެވޭ ފޮނިއެއްޗެކެވެ.

ގިނަ ޓްވިސްޓްތަކާއެކު ކުކީސް ތައްޔާރުކުރަމުން އަންނައިރު ވެސް ޗޮކްލެޓް ޗިޕް ކުކީސް ވަކިން ހާއްސަ އެވެ. ފަހަރެއްގައި "ޗޮކްލެޓް"ގެ ރަހައިން ބިސްކޯދަށް ލިބޭ މުއްސަނދިކަމަށް މާ ބޮޑުކަމަށް ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މިއަދު ސަން ބަދިގޭގައި މި ގެނެސްދެނީ ޗޮކްލެޓް ޗިޕް ކުކީސް ތައްޔާރުކުރާނެގޮތެވެ. އާއިލާގެ ހުރިހާ ކުޑަކުދިންވެސް ބައިވެރިކޮށްގެން މިރެސިޕީ ތައްޔާރުކޮށްލަށް ހިނގާށެވެ. ލޮކްޑައުންގައި އަނެއްކާވެސް އުފާވެރި މަޖާ ހަނދާންތަކެއް ރައްކާކޮށްލަށް މިއީ ރަނުގެ ފުރުސަތެކެވެ.

މި ރެސިޕީ އަކީވެސް ޑެންޓިސްޓްރީގެ ދާއިރާއިން ކިޔަވަމުން އަންނަ މަރިޔަމް އަހްމަދު، މަރީވީއެމްއެމް ޗޮކްލެޓް ޗިޕް ކުކީސް ތައްޔާރުކުރާގޮތެވެ.

ބޭނުންވާ ތަކެތި:

އެއްކޮށް ކްރީމް ކޮށްލުމަށް:

  • ބައި ޖޯޑު ހަކުރު
  • ބައި ޖޯޑު ބްރައުން ޝުގަރ
  • ބައި ޖޯޑު އަންސޯލަޓަޑް ބަޓަރ

އެއަށްފަހު އެޑް ކޮށްލުމަށް:

  • 1 ބިސް
  • 1 ސައިސަމުސާ ވެނީލާ އެސެންސް
  • އެއްކޮށް ފޯލްޑް ކޮށްލުމަށް:
  • 1 ¼ ޖޯޑު ފުށް
  • ބައި ސައިސަމުސާ ބޭކިންގ ސޮޑާ
  • 1 މޭޒުމަތީ ސަމުސާ ކޯންފްލާ
  • ބައި ސައިސަމުސާ ލޮނު
  • 1 ޖޯޑު ޗޮކްލެޓް ޗިޕްސް
  • 1 ޖޯޑު ޑާރކް ޗޮކުލެޓް (ކޮށާފަ)

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ބައި ޖޯޑު ހަކުރު، ބައި ޖޯޑު ބްރައުން ޝުގަރ އަދި ބައި ޖޯޑު އަންސޯލަޓަޑް ބަޓަރ އެއްކޮށް ވިސްކް ކޮށްލާށެވެ. ނޫނީ ހޭންޑް މިކްސަރުން ގިރާލިޔަސްވެސް ބަރާބަރުވާނެއެވެ.

އެއަށްފަހު މި މިކްސްޗާގެ ތެރެއަށް ބިސް ތަޅާލާނީއެވެ. އެއަށްފަހު 1 ސައިސަމުސާ ވެނީލާ އެސެންސް އެއްކޮށްލުމަށްފަހު އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާނީއެވެ. ހުރިހާ ވެޓް އިންގްރީޑިއަންޑްޓްސް އެއްކުރުމަށްފަހު ޑްރައި އިންގްރީޑިއަންޑްސް އެއްކޮށްލަންވީއެވެ.

1 ¼ ޖޯޑު ފުށް، ½ ސައިސަމުސާ ބޭކިންގ ސޮޑާ އަދި 1 މޭޒުމަތީ ސަމުސާ ކޯންފްލާ ރަނގަޅަށް ސިފްޓްކޮށްލުމަށްފަހު (ފުރާނާލުމަށްފަހު) ކުރިން ތައްޔާރުކުރި މިކްސްއާ އެއްކޮށްލަށްވީއެެވެ. ބައި ސައިސަމުސާ ލޮނުވެސް އެއްކޮށްލާށެވެ. ޑްރައި އިންގްރީޑިއަންޓްސް މިކްސްޗާއާ އެއްކުރުމަށް ދޭފަތެއް ނުވަތަ ސްޕެޗޫލާ އެއް ބޭނުންކުރަންވާނެއެވެ. ދޭފަތެއް ނުވަތަ ސްޕެޗޫލާ އެއް ނެތަސް ހަސްނުވާށެވެ. ބޮޑު ސަމުސަލަކުންވެސް މިކަން ކުރެވޭނެއެވެ.

އެއަށްފަހު 1 ޖޯޑު ޗޮކްލެޓް ޗިޕްސް އާއި ކުރިން ކޮށާފައިވާ 1 ޖޯޑު ޑާކް ޗޮކުލެޓް އެއްކޮށްލާށެވެ. ބޭނުންނަމަ މިއަށްވުރެ އިތުރަށްވެސް ޗޮކުލެޓް ބޭނުންކުރުމަކުން މައްސަލައެއް ނެތެވެ. ހޭންޑް މިކްސަރުން ނުވަތަ ވިސްކްއިން އެއްނުކުރުމަށް ހަނދާން ބަހައްޓަންވާނެއެވެ. ހޭންޑް މިކްސަރުން ނުވަތަ ވިސްކްއިން އެއްކުރާނަމަ ކުރިން ތައްޔާރުކުރި ބެޓަރގަނޑާއި ހުރިހާ ޗޮކުލެޓެއް އެއްވެ "ޗޮކުލެޓް ޗަންކްސް" އެއް ކުކީސް ފިހެ ނިމޭއިރު ނުފެންނާނެއެވެ.

މިހާރު ޗޮކުލެޓް ޗިޕް ކުކީސްގެ ބެޓަރގަނޑު ތައްޔާރުކޮށް ނިމުނީއެވެ. ވީޑިއޯއިން ފެންނަ ބެޓަރގަނޑު ތަންކޮޅެއް މަޑުކޮށް ހުރީ މި ބެޓަރ ގަނޑު ޕްރޫފްކުރުމަށް ޕްލާސްޓިކް ރެޕް ބޭނުންކޮށްލުމަށްޓަކައެވެ. އެހެންނަމަވެސް ކިޔުންތެރީންގެ ބެޓަރ ގަޑު ޕްލާސްޓިކް ރެޕް ބޭނުންކޮށްގެން ޕްރޫފް ނުކުރާނަމަ ކޮންސިސްޓެންސީ ހުންނަށްޖެހޭނީ މި ބެޓަރ ގަނޑަށްވުރެ ތަންކޮޅެއް ބޮޑުކޮށެވެ.

އާދައިގެ ސައިޒަކަށް ބެޓަރ ގަނޑުން ގުޅަ ޖެހުމަށްފަހު ގަޑިއިރެއްހާއިރު ފްރިޖްގައި ބަހައްޓާށެވެ. ޓްރޭގައި ކުކީސްގެ ގުޅަތައް އަތުރާއިރު ބަހައްޓަންވާނީ ދުރުދުރުގައެވެ. އެއީ ފިހެވޭއިރު ކުކީސް އެކްސްޕޭންޑްވެ ސައިޒު ބޮޑުވެގެންދާތީއެވެ. 160 ޑިގްރީ ސެލްސިއަސްގައި 15 މިނިޓު ވަންދެން އަވަނުގައި ފިހެލާށެވެ.

ކުކީސް ފިހެ ނިމޭއިރު ހުންނާނީ ތަންކޮޅެއް މަޑުކޮށެވެ. ހާސްނުވާށެވެ. ރޫމް ޓެމްޕަރޭޗަރގައި، ކެއުމަށް އެންމެ ހެޔޮވަރު މިންވަރަށް ކުކީސް ހަރުވާނެއެވެ.

މިހާރު ޗޮކުލެޓް ޗިޕް ކުކީސް ތައްޔާރުކޮށްލެވުނީއެވެ. ރަހަ ސަޅިވާނެކަމާމެދު ޝައްކެއް ނުކުރަމެވެ.

comment ކޮމެންޓް