އުސޫލެއްގެ ދަށުން މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ފަށައިފި

މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިންގެ ދަށުން މާލޭ ގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ލޮކްޑައުން އާއި ގުޅިގެން ކޮންސްޓްރަކްޝަން މަސައްކަތްތައް މެދުކަނޑާލާފައި އޮތުމަށްފަހު، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިން އާއި އެއްގޮތަށް އެ ކަައުންސިލުން އިން އެކުލަވާލާފައިވާ އުސޫލަށް ފެތޭ ތަންތަނުގައި މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން މަސައްކަތް ކުރުމަށް ނެރޭ މީހުންގެ އެކަށީގެންވާ ގައިދުރުމިން ބަހައްޓައިގެން މަސައްކަތް ކުރެވޭނެ އަދަދެއްގެ މީހުންނަށް ވާން ޖެހޭނެ ކަމަށާއި ކޮވިޑަށް ޕޮޒިޓިވް ވެފައި ހުރި މީހަކު ނުވަތަ ކޮންޓެކްޓަކު މަސައްކަތަށް ނެރެންވާނީ އައިސޮލޭޝަން ފުރިހަމަކުރުމަށްފަހު ކަމަށް އެ އުސޫލުގައި ވެއެވެ.

މީގެ އިތުރުން ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހަކު މަސައްކަތަށް ނުނެރުމާއި، މަސައްކަތު ގަޑީގައިވެސް އަދި އެހެން ގަޑިއެއްގައިވެސް މަސައްކަތް ކުރާތަން ނޫން އެހެންތަނަކަށް މަސައްކަތްކުރާ މީހުން ނުގެންދިޔުމަށްވެސް އުސޫލުގައި ވެއެވެ.

މީގެ އިތުރުން މަސައްކަތުގައި އުޅޭއިރު ހެވީޑިއުޓީ މާސްކާއި އަންގި ބޭނުން ކުރުމާއި ގިނައިން އަތްދޮވުމަށް ބާރުއަޅައި މަސައްކަތުގެ މާހައުލުގައި އެކަމަށް ފަހިކޮށްދީފައި ހުންނަންވާނެ ކަމަށް އުސޫލުގައިވެއެވެ.

އުސޫލުގައި ބުނެފައިވާގޮތުން ކުންފުނިތަކުގެ މުވައްޒަފުން މަސައްކަތަށް ނެރޭއިރު ކުންފުނީގެ ޔުނިފޯމު ލެއްވުމާއި މަސައްކަތް ކުރާ ސަރަހައްދަށް ގެންދާއިރު ހުންބެލުން، އަދި މުވައްޒަފުންގެ ރެކޯޑު ބަލަހައްޓަންވާނެ ކަމަށް ބުނެފައިވެއެވެ. ސިޓީ ކައުންސިލުން ބުނީ އުސޫލާ ހިލާފުވާނަމަ މަސައްކަތް ކުރުމަށް ދޫކުރާ ހުއްދަ ބާތިލު ކުރާނެ ކަމަށެވެ.

އެ ކައުންސިލުން ބުނީ މިހާތަނަށް 11 ފަރާތަކަށް މި އުސޫލުގެ ދަށުން ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާނެ ކަމަށާއި މަގު ބަންދު ކޮށްގެން މަސައްކަތް ކުރުމަށް ހަތަރު ހުއްދައެއް ދޫކޮށްފައިވާނެ ކަމަށެވެ.

ހުއްދަ ދޫކުުރުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި މަސައްކަތް ފަށާފައި ހުއްޓާލަން ޖެހުމުގެ ސަބަބުން އެތަނަކަށް އިތުރު ގެއްލުން ލިބިދާނެ ތަންތަނާއި ކައިރީ ހުންނަ ގޭގެއަށް ގެއްލުން ލިބިދާނެ ފަދަ ތަންތައް ހިމެނެއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 734 އަށް އަރާފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސިން ހިމެނެއެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންގެ ބޮޑު އިންސައްތައަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުންނެވެ.

comment ކޮމެންޓް