ބައްޕަގެ އަނިޔާގެ ވާހަކަ ފޭސްބުކަށް، ފުލުހުން މައްސަލަ ބަލަނީ

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކުރުވާ ޕޯސްޓަރެއް-- ފޮޓޯ: ޔޫއެންޑީޕީ

ކުޑަކުއްޖަކު އެ ކުއްޖާގެ ބައްޕަގެ އަނިޔާވެރިކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި އާންމު ކުރުމުން، އެ ކުއްޖާގެ ބައްޕަގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޑަކުއްޖަކު އޭނާގެ ބައްޕަގެ އައިޑީ ކާޑާގެ ފޮޓޯއަކާ އެކު ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނެފައި ވަނީ އޭނާގެ ބައްޕަގެ އަނިޔާ މަންމައަށް ލިބޭތާ މިހާރު ވަރަށް ދުވަސް ވެއްޖެ ކަމަށެވެ. އަދި އޭނާގެ ދައްތައަށްވެސް އަނިޔާ ކުރާ ކަމަށް ބުނެފައިވެއެވެ. އޭނާ ބުނެފައިވާ ގޮތުގައި މަންމަ އާއި ބައްޕަގެ ވަރީގެ މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބައްޕަގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާނެ ކަމަށް އެ ކުއްޖާ ބުނެފައިވެއެވެ. ދެ ފަހަރުވެސް ބައްޕަ އުޅުން ބަދަލުކޮށް، އެކަން ތަކުރާރު ނުކުރާނެ ކަމަށް ބުނުމުން މައްސަލަ އަނބުރާ ގެންދިޔައީ ކަމަށް އޭނާ ކިޔައިދިނެވެ.

މަންމަ އާއި ބައްޕަ ދިރިއުޅެނީ ދެ ގޭގައި ކަމަށާއި ނަމަވެސް ބުދަ ދުވަހުގެ ރޭ މަންމަ އުޅޭ ގެއަށް ގަދަކަމުން ވަދެ، މަންމަގެ ފޯނު އަތުލައި، ސިޑި މައްޗަށް ކޮއްޕާލި ކަމަށް ވެސް އޭނާ ލިއުނެވެ.

"މިރޭ އަޅުގަނޑުމެންގެ ގެއަަށް ގަދަކަމުން ވަދެ، މަންމައަށް ހަމަލާދީ މަންމަގެ ފޯނު ފޭރިގަނެގެން ފިލީ. ސިޑި މައްޗަށް މަންމަ ކޮއްޕާވެސްލި. އަދި އަހަރެމެން ތިން މީހުންނަށް [އަޅުގަނޑު، މަންމަ، އަދި ދައްތައަށް] މަރުގެ އިންޒާރުވެސް ދީފައިވޭ،" ބުރާސްފަތި ދުވަހުގެ ރޭ ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

ބައްޕަ ޖަލަށް ނުގޮސް މައްސަލަ ހައްލުވާނެ ގޮތެއް ހޯދަން ބޭނުންވި ކަމަށް އެ ކުއްޖާ ލިޔުނެވެ. ނަމަވެސް، މިހާރު އަނިޔާ ލިބުނު ވަރު ފުދިއްޖެ ކަމަށް ބުނެ އޭނާ އެދުނީ ބައްޕަ ހޯދައިދިނުމަށެވެ. އަދި ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ފުލުހުން ބުނީ، އެ ގެވެށި އަނިޔާގެ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޑިއުޓީގައި އުޅުނު ފުލުހަކަށް ފެނިގެން އެ ކުއްޖާގެ ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު އާއިލާއާ ހިއްސާކޮށްފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް