ހުއްދަ ނުހޯދާ ފުނަދޫއިން ފުރި ދެމީހަކު ހައްޔަރުކޮށްފި

ދެމީހުން ށ. ފުނަދޫ އިން ފުރާފައިވަނީ ޑިންގީއެއްގައި-- ފޮޓޯ: އެމްޓީސީސީ

ށ. ފުނަދޫ ފަޅުތެރޭގައި އަޅާފައިވާ ޑިންގީއެއްގައި ހުއްދަ ނެތި ފުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައެވެ.

ފުލުހުން ބުނެފައިވަނީ ފުނަދޫއިން ޑިންގީ ނަގައިގެން އެ ޑިންގީގައި ބަޔަކު ވަނީ އެ އަތޮޅުގެ ޅައިމަގާ ހަމައަށް ގޮސްފައި ކަމަށެވެ. އެހެންނަމަވެސް އެމީހުންނަށް ޅައިމަގަށް ގާތްކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނި އެ ޑިންގީގައި ފުރައިގެން ދިޔަ މައްސަލައިގައި ދެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 37 އަހަރާއި 27 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެމީހުން ދަތުރުކޮށްފައިވާ ޑިންގީ ފެނިފައިވަނީ ރޭގެ 00:45 ހާއިރު، ފުނަދޫ އެއާޕޯޓު އުތުރުކޮޅު ފަޅުތެރެއިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް