މިދިޔަ އަހަރު ނޯވޭގެ މިސްކިތަކަށް ދިން ހަމަލާގެ ޝަރީއަތް ފަށައިފި

މަންޝައުސްގެ މައްޗަށް ވަނީ ޓެރަރިޒަމާއި މަރުގެ ދައުވާކޮށްފައި -- ފޮޓޯ: ގެޓީ

އޮސްލޯ (މެއި 8): މިދިޔަ އަހަރުގެ އޮގަސްޓު މަހު ނޯވޭގެ މީހަކު އެގައުމުގެ މިސްކިތެއްގައި ބަޑިން ހަމަލާ ދިން މައްސަލައިގެ ޝަރީއަތް އިއްޔެ ފަށައިފި އެވެ.

ނޯވޭގެ ބާރުމްގައި ހުންނަ އަލް ނޫރު އިސްލާމިކް ސެންޓަރަށް އޮގަސްޓު 10ގައި ހަމަލާދީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާކޮށްފައި ވަނީ 22 އަހަރުގެ މީހެއް ކަމަށްވާ ފިލިޕް މަންޝައުސްގެ މައްޗަށެވެ. އަދި އޭނާގެ މައްޗަށް ވަނީ އޭނާގެ ދޮންމަންމަގެ 17 އަހަރުގެ ދަރިފުޅު ޖޮއާން މަރާލި ކަމުގެ ދައުވާވެސް ކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ޖޮއާން އަކީ އުމުރުން ދެ އަހަރުގައި ޗައިނާއިން އެޑޮޕްޓުކޮށްފައިވާ ކުއްޖެކެވެ. އަދި މަންޝައުސްއަކީ ނަސްލީ ތަފާތު ކުރުމުގެ ހިޔާލު ގެންގުޅޭ މީހެއް ކަމަށާއި ޖޮއާން މަރާލީ އޭގެ ސަބަބުން ކަމަށް ފުލުހުން ގަބޫލު ކުރެ އެވެ.

މަންޝައުސް ވަނީ އޮގަސްޓު 10ގައި ބަޑި ހިފައިގެން އަލް ނޫރު މިސްކިތަށް ދިޔަ ކަމަށް އެއްބަސްވެފަ އެވެ. އަދި އޭނާ މިސްކިތް ތެރޭ ބަޑި ޖެހި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ނުވަނީސް މިސްކިތުގައި ތިބި މީހުން ވަނީ އޭނާ ހުއްޓުވާފަ އެވެ.

މަންޝައުސްގެ ކޮއްކޮގެ ހަށިގަނޑު ފެނިފައި ވަނީ އެ ހަމަލާއަށް ފަހު އޭނާގެ ގެ ފުލުހުން ބަލާ ފާސް ކުރުމަށް ދިޔުމުންނެވެ.

އިއްޔެ އެ މައްސަލައިގެ ޝަރީއަތް ފެށުމުން މަންޝައުސް ވަނީ އޭނާ މިސްކިތަށް ހަމަލާ ދިނީ ނިއު ޒީލޭންޑުގައި މިދިޔަ އަހަރުގެ މާޗް މަހު ދެ މިސްކިތަަކަށް ދިން ހަމަލާއަށް ބަލާފައި ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ހަމަލާ ބޮޑަށް ރާވައިގެން ދެވުނު ނަމައޭ ހިތަށް އަރާ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭނާ ވަނީ އޭނާގެ މައްޗަށް ކުރި ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

މަންޝައުސްގެ މައްޗަށް ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާ 21 އަހަރަށް ޖަލަށް ލާން ހުކުމް ކުރުން އެކަށީގެންވެ އެވެ.

comment ކޮމެންޓް