ލޮކްޑައުން އުވާލަން ޕާކިސްތާނުން ނިންމައިފި

ޕާކިސްތާން ލޮކްޑައުންގައި--

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އެޅި ލޮކްޑައުންގެ ފިޔަވަޅުތައް އުވާލަން ނިންމައިފި އެވެ.

އެގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ލޮކްޑައުން އުވާލަން ނިންމިއިރު ޕާކިސްތާން ލޮކްޑައުންކޮށްފައި އޮންނަތާ މިހާރު ފަސް ހަފްތާ ވަނީ ވެފަ އެވެ.

ލޮކްޑައުން އުވާލަން ނިންމިއިރު އެގައުމުގައި ކޮރޯނާ ފެންނަމުންދާވަރު ދަނީ އިތުރުވަމުންނެވެ.

އެހެންނަމަވެސް ރައްޔިތުންނަށް ވަރަށް ބޮޑަށް އަސަރުކުރަމުންދާތީ އެނޫން ގޮތެއް ނެތްކަމަށްވެސް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޕާކިސްތާނުގެ ކުދި ވިޔަފާރިތަކާއި އާދައިގެ ރައްޔިތުންނާއި އަދި މަސައްކަތުމީހުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.

ލޮކްޑައުން އުވާލިނަމަވެސް ޕަބްލިކް ޓްރާންސްޕޯޓާއި ސްކޫލްތައް ނުހުޅުވާނެ އެވެ.

ލޮކްޑައުން އުވާނުލުމަށް ޕާކިސްތާނުގެ ޑޮކްޓަރުންނާއި އެކްސްޕާޓުން މިހާރުވެސް ދަނީ ގޮވާލަމުންނެވެ.

އެގައުމުގައި އިއްޔެ އެކަނިވެސް 1523 ކޭސް ވަނީ ފެނިފަ އެވެ. މިއީ އެންމެ ގިނައިން ކޭސް ފެނުނު ދުވަހެވެ.

ކޮރޯނާ ޖެހިފައިވާ 24،073 މީހުން ޕާކިސްތާނުން ފެނިފައިވާއިރު 564 މީހުން ވަނީ މަރުވެފަ އެވެ.

މި ރޯދަމަހާ ދިމާކޮށް ޕާކިސްތާނުގެ މިސްކިތްތަކުގައި ނަމާދުކުރުމުގެ ހުއްދަވެސް ވަނީ ދީފަ އެވެ.

ޕާކިސްތާނުން ލޮކްޑައުން އުވާލަން ނިންމިއިރު އިންޑިއާއިން ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް ދާދި ފަހުން ވަނީ އިތުރުކޮށްފަ އެވެ. -- ބީބީސީ

comment ކޮމެންޓް