އިގްތިސޯދީ އަނދަވަޅުން އަރައިގަތުމަށް މަޓީގެ މަޝްވަރާއާ އެކު ކަންކަން ނިންމަން އިދިކޮޅުން ގޮވާލައިފި

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ)ގެ މަޝްވަރާއާ އެކު ކަންކަން ނިންމުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދީގޮތުން ކުރިމަތިވެފައިވާ ކޮންޖެހުންތަކުން އަރައިގަތުމަށް ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކުގެ މަޝްވަރާ މުހިންމު ކަމަށެވެ. އަދި އެ ފަރާތްތަކުގެ މަޝްވަރާއާ އެކު ސަރުކާރުން ކަންކަން ކުރަމުންދާތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ އިގްތިސާދުގެ 85 އިންސައްތަ ހިއްސާ ކުރާ ބަޔަކީ ފަތުރުވެރިމަކުގެ ދާއިރާ. އެ ދާއިރާގެ އެންމެ ބޮޑެތި ބޭފުޅުން ހިމެނިވަޑައިގަންނަވާ ތަނެއް މަޓީ އަކީ. މަޓީއިން އިއްޔެ ބުނެފައި އެއޮތީ މިކަމުގައި އެމީހުންނާއި އެއްވެސް މަޝްވަރާއެއް ނުކުރާ ވާހަކަ. އަދި އެ ވިދާޅުވާ ޕެކޭޖްތަކަކީ އެބޭފުޅުން ބަލައިގަންނަ ޕެކޭޖް ތަކެއް ނޫންކަމަށް،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެތައް ބައެއްގެ ވަޒީފާ ގެއްލިގެންދިޔުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ކަމަށެވެ. އެކަން އެގޮތަށް ދިމާވީ މަޓީގެ މަޝްވަރާއާ އެއްގޮތަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުން ނުދިޔުމުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު ހިތްހަމަ ނުޖެހުންފާޅުކޮށް މަޓީއިން ނެރުނު ބަޔާނެއްގައި ވަނީ ޓުއަރިޒަމް ސިނާއަތަށް އެހީވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ފާޑު ކިޔާފަ އެވެ. ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް އަންނާނެ ލޮޅުން ކަމަށް ސަރުކާރުން ކުރާ އަންދާޒާތައް ހަދާފައި ވަނީ ހަގީގަތަށް ބިނާކޮށް ނޫން ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަރުކާރުން ޓުއަރިޒަމް އިންޑަސްޓްރީއަށް ހާއްސަކޮށް އިއުލާނު ކުރި ރިލީފް ޕެކޭޖަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން ގިނަ ފަރާތްތައް އެ ރިލީފް ޕެކޭޖަށް ޝަރުތު ހަމަ ނުވާ ކަމަށެވެ. ސަރުކާރުން ރިލީފް ޕެކޭޖް ދޭން ނިންމާފައިވަނީ އެ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުން ވަޒީފާއިން ވަކި ނުކުރަން ޝަތުރުކޮށްފަ އެވެ.

މަޓީއިން ގޮވާލާފައި ވަނީ އެކަމާ ގުޅިގެން ސަރުކާރުން ޓުއަރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާ ވީހާވެސް އަވަހަށް މަޝްވަރާއަށް ދިއުމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެކުލަވާލި އިގްތިސޯދީ ޕެކޭޖްތައް ކަމުނުދާ ކަމަށް މަޓީން ބުނެފައިވާއިރު، އޭގެކުރިން އިދިކޮޅު ކޯލިޝަނުން އައީ ތަކުރާރުކޮށް އެ ވާހަކަ ދައްކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފުރަތަމަ ދުވަހު ވެސް ދެންނެވިން އެ ޕެކޭޖުތަކަކީ ތާކުން ތާކު ޖެހޭ ޕެކޭޖުތަކެއް ނޫނޭ. އެ ޕެކޭޖުތަކުން ރާއްޖޭގެ އިގްތިސާދަށް މިއަންނަ އެއްވެސް ގެއްލުމެއް ފޫބައްދައެއް ނުދޭނެ. މިއީ ހަމަ ސަރުކާރުގެ ބޯހަރު ކަމުން ވީގޮތް. މިހާލަތަށް އަޅުގަނޑުމެން ނުދިޔައީސް ކަމުގެ ތަޖުރިބާ ހުރި މީހުންނާ މަޝްވަރާ ކުރިނަމަ،"

އަދުރޭ ވިދާޅުވީ ރިސޯޓްތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި މި މުއްދަތުގެ ތެރޭގައި މައާފް ކުރަންޖެހޭނެ ކަމަށާއި ގައުމަށް ދިމާވެގެން މިއުޅެނީ ޚާއްސަ ހާލަތެއްކަން ސަރުކާރުން ގަބޫލުކުރަންޖެހޭ ކަމަށެވެ.

"ކިހިނެތްތޯ ރިސޯޓަށް ފަތުރުވެރިއެއް ނައިސް އާއްމުދަނީއެއް ނުލިބެންޏާ، 500، 700 މުވައްޒަފުން ލައިގެން ރިޒޯޓުތައް ހިންގާނީ. މިއީ މާ މޮޅު ރޮކެޓް ސައިންސެއް ކިޔަވައިގެން އިނގޭނެ އެއްޗެއް ނޫން. އާއްމުދަނީ ލިބޭނެ ކޮޅެއް ނެތި ޚަރަދެއް ނުކުރެވޭނެ،" އަދުރޭ ވިދާޅުވިއެވެ.

ކޮވިޑް-19ގެ އެންމެ ނުރައްކާތެރި ހާލަތަށް ތައްޔާރުވެގެން ތިބި ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް މިހާރު ކަންތައްތައް ހިނގަމުންދާ ގޮތަށްބަލާއިރު، ހާލަތަށް ތައްޔާރުވެފައި ނުވާކަން ސާފުކޮށް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ޚަރަދު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތައް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމުގައި ދައުލަތުގެ ބައެއް އިސްވެރިންނަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މިދަނޑިވަޅުގައި އެ ޚަރަދުކުރި ގޮތުގެ ތަފްސީލު ހާމަކުރަންޖެހޭ ކަމަށެވެ.

"ޚަރަދުކުރި ގޮތް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވަން އެބަޖެހޭ. ހަތް ޑޮލަރަށް ލިބޭ އެއްޗެހި 3،500 ރުފިޔާ އަށް ހޯދާފައި އެބަހުރި،" އަދުރޭ ވިދާޅުވިއެވެ.

comment ކޮމެންޓް