އަނބީންނަށް އެހީތެރިވުމުގެ ސަވާބު ވަރަށް ބޮޑު!

ދެމަފިރިންގެ ގުޅުމަކީ އެންމެ މުގައްދަސް އެއްގުޅުމެވެ. އެތަކެއް ދަރުސްތަކާއި އެނޫންވެސް މަޖިލީސްތަކުގައި އަނބިން ފިރިންނަށް ހެޔޮކޮށް ހިތާއި ކަމޭހިތުމުގެ ވާހަކަ ހަރުއަޑުން ދައްކާއިރު، ހަމަ އެފަދައިން ކޮންމެ ފިރިއެއް އޭނާގެ އަނބިމީހާއަށް ހެޔޮކޮށް ހިތުމަށްވެސް އިސްލާމްދީން ނުހަނު ބާރުއަޅައެވެ. މި ރޯދަމަހު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދާއި އެކީގައި ގެނެސްދޭ ދީނީ މައުލޫމާތުގެ ސީރީޒްގައި މިއަދު އަލިއަޅުވާލައްވާފައިވަނީ މި މައުޟޫއަށެވެ.

ރަސޫލާގެ ޙަދީޡް ބަސްފުޅެއްގެ މާނައިގައިވެއެވެ؛ "އެންމެ ހެޔޮ މީހަކީ އޭނާގެ އަންހެނުންނަށް، އާއިލާއަށް ހެޔޮމީހާއެވެ. ތިޔަބައިމީހުންގެ ތެރެއިން އާއިލާއާށް އެންމެ ހެޔޮ މީހަކީ ތިމަންކަލޭގެފާނެވެ،"

އަދި އެހެން ޙަދީޘް ފުޅެއްގައިވެ އެވެ؛ "ދިރިއުޅުމަށްޓަކައި މީހާ ކުރާ މަސައްކަތް އޭނާގެ އާއިލާއަށް ހަރަދު ކުރުމަށްޓަކައި އެކަމުގައި މާތްﷲ ބަރަކާތްލައްވާފައިވާ ކަން އަދި އޭނާގެ އަނބިމީހާގެ އަނގަޔަށް ލައްވާ ކާއެތިކޮޅަކީ ވެސް އެއީ އެކަމުގައި އޭނާ އަށް ޘަވާބު ލިބޭ ކަމެއްކަމަށް"

އެހެންކަމުން ރޯދަ މަހުވެސް ރޯދަ ވީއްލާ އިރުވެސް އަނބިމީހާގެ އަނގަޔަށް ކަދުރު އޮށެއް ލަވައި ދިނުމަކީވެސް އެއީ ހަމަ ޘަވާބު ލިބޭނެ ކަމެކެވެ. ހަމަ އެގޮތަށް ފިރިމީހާ އާއި ދޭތެރޭ ހެޔޮކޮށް ކަންތައް ކުރުމަކީ އަނބިމީހާއަށްވެސް އެކަމުގައި ހެޔޮ ދަރުމަ އާއި ޘަވާބު ހުރިކަމެކެވެ.

އަނބިމީހާ އަށް ހެޔޮކޮށް ކަންތައްތައް ކުރުމަށް ކީރިތި ޤުރުއާނުގައި މާﷲ ވަޙީ ކުރައްވާފައިވެއެވެ. އެހެންކަމުން އަނިޔާވެރިވުމާއި ރޯދަ މަހުވެސް ރުޅިގަދަ ވެގެން އެއްޗެހި ގޮވުމާއި ޖިސްމާނީ ގޮތުން އަނިޔާކުރުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ ކަމެކެވެ. އަނބިމީހާއާއި ރިވެތި ގޮތުގައި މުޢާމަލާތްކޮށް އަދި ދެމަފިރިން ބައްދަލު ވާއިރުގައިވެސް އެކަކު އަނެކަކު އެއްދާން ކުރާ އިރުގައިވެސް ފިރިމީހާއަށް އަނބި މީހާވެސް އަދި އަނބި މީހާއަށް ފިރިމީހާވެސް ސާފުތާހިރުވާން އޮވެއެވެ. އަދި ދެމަފިރިން ހެޔޮނިޔަތުގައި އެއްދާން ކުރުމަކީ ވެސް އެކަމުގައި ޘަވާބާއި ދަރުމަ ހުރި ކަމެއްކަމުގައި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ.

" އެހެންވީމާ މުސްލިމް އިންސާނާ އަށް ހުރިހާ ކަމެއްގައި ވެސް ވަނީ ހެޔޮކަމާއި ޘަވާބާއި ދަރުމަ. އަނބި މީހާއަށް އަނިޔާވެރިވުމަކީ މާތްﷲ ނަހީ ކުރައްވާފައި ވާކަމެއް އަދި ފިރިމީހާ ފާފަވެރި ވާނެ ކަމެއް. ޚަރަދު ނުކުރުމަކީ ވެސް ނަހީ ކުރައްވާފައިވާކަމެއް އަދި އަނބި ދަރީންނަށް ޚަރަދު ކުރުމަކީ ވާޖިބު ކުރައްވާފައިވާ ކަމެއް. އަދި އަނބިމީހާއަށް ވެސް ރަސޫލާ ޙުއްދަ ދެއްވާފައިވޭ އޭނާގެ ފިރިމީހާ އޭނާއަށް ޚަރަދު ނުކުރާނަމަ އޭނާ ފިރިމީހާއަށް ނާންގާ ފިރިމީހާގެ ފައިސާއިން ހެޔޮ ގޮތުގައި ނަގައި އޭނާގެ ދަރިންނާއި އޭނާގެ އަމިއްލަ ނަފްސަށް ޚަރަދު ކުރުން ޙުއްދަ ކުރައްވާފައިވޭ ފައިސާ ނުދޭނަމަ." ޑރ.ޝަހީމް ވިދާޅުވިއެވެ.

އިސްލާމް ދީނަކީ ދެމަފިރިންވެސް އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށް ކަނޑައަޅުއްވާފައިވާ ދީނެވެ. އޯގާތެރިކަމާއި ކުލުނު ދެމަފިރިން ދޭތެރޭގައި ލައްވާފައިވާއިރު، އެ ކުލުނު ވެރިކަމެއް ނެތިއްޖެ ނަމަ އެ އާއިލާ އަކީ ބާއްޖަވެރި އަދި އުފާވެރިކަން އޮތް އާއިލާ އެއް ނޫނެވެ. އުފާވެރިކަން ގެންނަން ބޭނުންވަނީ ނަމަ ހެޔޮ ގޮތުގައި އެކަކު އަނެކަކަށް މުޢާމަލާތް ކުރަންޖެހެއެވެ.

އަދި މިކަމަށް އެދި ދުޢާ ކުރުމަކީވެސް ކުރަންޖެހޭކަމެއް ކަމަށް ޑރ.ޝަހީމް ފާހަގަކުރެއްވިއެވެ.

"އަހަރެމެންގެ ޢާއިލާއާއި އަނބި ދަރީންނަކީ މިއީ އަހަރެމެންގެ ލޮލުގެ ފިނިކަން ކަމުގައި ލައްވާންދޭވެ. ހިތުގެ އުފާވެރިކަމުގައި ލައްވާންދޭވެ. މިހެން ދުޢާކުރުމަކީ މުއުމިނުންގެ ސިފައެއް ކަމުގައި ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވޭ. އަދި އެ ދުޢާ ވެސް ބަޔާޏްކުރައްވާފައިވޭ."

އެހެންވީމާ ރޯދަ މަހަކީ އަހަރެމެންގެ އިޖްތިމާޢީ އަދި ޢާއިލީ ކަންތައްތައް އިތުރަށް ރަނގަޅު ކޮށް ހެޔޮކަމުގެ އާ އުސްމިނަކަށް ވާސިލުވުމަށް ފުރުސަތެއް ލިބޭ މަދަރުސާއެއްކަމުގައި ހިގާށެވެ.

comment ކޮމެންޓް