އެސްޓީއޯގެ އޮންލައިން ފިހާރައިން ހޯލްސޭލް ކުރަން ފަށައިފި

ޖޫން 17، 2015: އެސްޓީއޯ ސުޕަމާކެޓް ބޮޑުކުރުމައްފަހު އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާރުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) ގެ އޮންލައިން ފިހާރަ "އީސްޓޯރ.އެމްވީ" އިން އަނެއްކާވެސް ރީޓެއިލް ފިހާރަތަކަށް ހޯލްސޭލްކޮށް މުދާ ވިއްކުމަށް މިއަދު ހުޅުވާލައިފި އެވެ.

އެސްޓީއޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ އޮންލައިން ފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ފިހާރައިގައި މަސައްކަތް ކުރި ގިނަ މުވައްޒަފުންތަކެއް އައިސޮލޭޓް ކުރަން ޖެހުމުން ރީޓައިލް ކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތް ކަމަށެވެ.

އެކަމަކު އެ ކުންފުނިން ވިއްކާ ބާވަަތްތައް މެދުކެނޑުމެއްނެތި ވީހާވެސް ގިނަ ފަރާތްތަތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ރީޓެއިލް ފިހާރަތަކަށް ހޯލްސޭލްކޮށް މުދާ ވިއްކުމަށް މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ ރެއެއްގެ 9 އިން ފެށިގެން އޯޑަރު ނެގުމަށް ހަމަޖެހިފައިވާ އިރު މިވަގުތަށް އީސްޓޯރުގައި ހިމެނިފައިވަނީ އެސްޓީއޯ ޕީޕަލް ޗޮއިސްގެ ސުޕަމާޓުގެ ހޮވާލައިފައިވާ ވަކި ބާވަތްތެކެވެ. އަދި ކޮންމެ ފަރާތަކަށް ވެސް ފަހަރަކު ބައްލަވައިގަނެވޭނީ މަދުވެގެން ފަސް އަދި ގިނަވެގެން 30 ބާވަތުގެ މުދާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

"މުދަލަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް ޕޭމަންޓް ގޭޓުވޭ މެދުވެރިކޮށް. މުދާ ޑެލިވާ ކުރުމަށް 24 ގަޑިއިރާއި 48 ގަޑިއިރާއި ދެމެދުގެ ވަގުތެއް ނަގާއިރު ޑެލިވެރީ ފީއެއްގެ ގޮތުގައި 50 ރުފިޔާ ނެގޭނެ. މުދާ ފޯރުކޮށްދެވޭނީ ފިހާރަ ހިމެނޭ އިމާރާތުގެ ބޭރަށް." އެސްޓީއޯއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެސްޓީއޯގެ އީސްޓޯރުގެ އިތުރުން އެ ކުންފުނީގެ ކާޑު ގުދަނުގެ ދެ މުވައްޒަފަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްއަށް ޕޮޒިޓިވް ވެފަ އެވެ. އެއާ އެކު އެސްޓީއޯ އިން މިހާރު ވަނީ އެ ކުންފުނީގެ މުވައްޒަފުން މަސައްކަތްކުރާ ތަންތަން ޑިސްއިންފެކްޓް ކޮށްފަ އެވެ.

comment ކޮމެންޓް