20 ޑިސެމްބަރ 2011 އާ ގުޅޭ

ކޮޓަރީގެ ދޮރުލައްޕާލުމާއިއެކު ދޮރުފަތުގައި ޔޫހާއަށް ލައްގަނެވުނެވެ. ދެ ލޯމަރާލުމާއިއެކު ހުރި ދިމާ ތިރީގައި މަޑުމަޑުން އިށީނދެވުނެވެ. އެސްފިޔަތަކުގެތެރެއިން ކަރުނައިގެ އަސަރުފާޅުވި ހިނދު ދެ އަތްތިލާގެ ތެރޭމޫނު ފޮރުވާލިއެވެ. އޭނަގެ ކަންފަތުގައި އަދިވެސް ވަނީ ޒައުލްގެ އަޑުހަރުލާފަ އެވެ. އެފަދަ ގޮތަކަށް ކަންތައްކުރުމުގެ ބޭނުމަކީ ކޮބާކަމެއް ޔޫހާއަކަށް ނުވިސްނުނެވެ. ޒައުލް އޭނަގެ ފަރާތުން ހިފަން ގަސްތުކޮށްގެން އެއުޅެނީ ކޮންކަމެއްގެ ބަދަލެއްބާއެވެ. ޔޫހާގެ ހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް އެ ލޮލުން ފޭބި ކަރުނަ ގެނެސްދިނެވެ. ފާހާނާއަށްވަދެ ފެންވަރާލައިގެން ނުކުމެ އެނދުގައި ނިދަން އޮށޯތެވެ. އެހެންނަމަވެސް ކައިރީގައި ދަރިފުޅު ނެތުމުން އެއްގޮތަކަށް ވެސް ނިދޭގޮތެއް ނުވިއެވެ. އެހެންވެ އަފްލީންގެ ކޮޓަރީގައި ނިދާފައި އޮތް ކިޔާން އުރާލައިގެން އައިސް ޔޫހާ އޭނަގެ ކޮޓަރިއަށްވަނެވެ.

ހެނދުނު ހެނދުނާ ޝާއިން ޑިއުޓީއަށް ދާންވާއިރަށް ސައި ތައްޔާރުކުރުމަށް އުޅުނު ޔޫހާގެ ހަރަކާތްތަކަށް ބަލަން ކާ މޭޒުދޮށުގައި ޝާއިން އިނެވެ. ޔޫހާ އެއްވެސް އެއްޗެއް ނުބުނާތީ ޝާއިން ވެސް އިތުރު ވާހަކަތަކެއް ދައްކަން ބޭނުންނުވެފައި އިނެވެ. ޔޫހާ ދެން އަވަސްވެގަތީ އަފްލީންގެ ކޮޓަރިއަށް ދިއުމަށެވެ.

"ހޭލައޭ މިއުޅެނީ... ރޭގަ ކިހިނެއްވީ؟ ދޮންބެ އުޅުނު ވަރަށް ކަންބޮޑުވެގެން، ކިޔާން ވެސް ހުރީ ކުޑަކޮށް ރޯގާވައްތަރުވެފަ، ނޭފަތުން އަރިދަފުސް އަންނާތީ ވަރަށް އުނދަގޫވެގެން އުޅުނު..." އަފްލީންގެ ކޮޓަރި ދޮރު ހުޅުވާލި ޔޫހާ ފެނުމުން އޭނަ ވާހަކަ ދައްކަން ފެށިއެވެ.
"އެހެންތަ؟ ރޭގަ ހޮޓެލްގެ ކަމަކާ ތަންކޮޅެއް ލަސްވީ، ތެންކިއު އަފޫ... އަވަހަށް އާދޭ ތައްޔާރުވެގެން ސައިބޯން، ދޮންބެ ވެސް އެބައިން ސައިބޯން، ވަރަށް ވިއްސާރަ ގޮތަކަށް އުޅެނީ... ދެންމެ ބަދިގެ ކުޑަދޮރު ހުޅުވާލިތަނާހެން އެނގުނީ ވާރޭ ވެހިފަ އޮތްކަން..." ޔޫހާ ބުނެލިއެވެ.
"އާން، ފަތިހު ވާރޭ ވެހުނުކަން އަހަންނަށްވެސް އެނގޭ، ވިއްސާރަވާންކަންނޭގެ އެއުޅެނީ... ކިހާ ހޫނު ގަދަ ދުވަސްތަކެއް މިދިޔައީ" އަފްލީން ޔޫހާގެ ވާހަކަ އާއި ގުޅިގެން ބުނެލިއެވެ. އަދި އޭނަގެ ރީތިވާ މޭޒުކައިރީ އިނދެ އިސްތަށިގަނޑު އަޔަން ކުރަމުން ދިޔައެވެ.

ލޯގަނޑަށް ބަލަހައްޓައިގެން ހުރި ޒައުލްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެފައިވިއެވެ. އޭނަގެ ނަޒަރު ލޯގަނޑުން ފެންނަން ހުރި އޭނަގެ އަމިއްލަ ސޫރައަށް ހުއްޓިފައިވިއެއްކަމަކު އޭނަގެ ސިކުނޑީގައިވަނީ ޔޫހާގެ ހިޔާލުތަކެވެ. ރޭގައި އެ ކޮޓަރީގެ ތެރޭގައި އެދެމީހުންގެ މެދުގައި ދެކެވުނު ވާހަކަތަކެވެ. ޒައުލްއަށް މޭގައި މަޑުމަޑުން ފިރުމާލެވުނެވެ. އަދި އަނެއް އަތުން ތެތްކަން އެކުލެވިފައިވި އިސްތަށިގަނޑުގައި އަތް ހާކާލި އެވެ. އެދެވޭގޮތަކަށް އެބައްދަލުވުން ނުދިޔަސް ޔޫހާ ފެނުމުން އޭނަ ހުރީ ހިތްހަމަޖެހިފަ އެވެ. އެހެންނަމަވެސް އޭނަ ޔޫހާ އާއި ކުރަން ބޭނުން އެތަށް ސުވާލެއް އެބަހުއްޓެވެ. އަދިވެސް އެހާ ގާތުން ޔޫހާ ދެކެލަން އޭނަ ބޭނުންވެއެވެ. ޔޫހާ އާއި ވަކިވީއްސުރެ އޭނަ ޔޫހާ އާއިމެދު ނުވިސްނާ އެންމެ ދުވަހެއް ވެސް ނުދެއެވެ. އެކަމަކު ޒައުލްގެ ލޮލަށް ޔޫހާ ފެނުމުން ހަމަ ކެތްނުވީއެވެ. ދުވަހަކުވެސް އަންހެން ކުއްޖަކުފެނިގެން ޒައުލްއަށް ނުވާގޮތް ޔޫހާ ފެނުމުން ވެގެންދިޔައެވެ. ކިތަންމެ ވަރަކަށް ފެންބުޔަސް އޭނަގެ ކަރުހިއްކާގޮތް ވަނީ ކީއްވެކަމެއްނޭގެ އެވެ. އެހެންވިޔަސް އެ އިޙްސާސްތަކުގެ މައްޗަށް އޭނަ ގަދަވެގެންނަން ބޭނުންވެއެވެ. ކާމިޔާބު ނުލިބުނަސްއެވެ. ޒައުލް އެއް ފަރާތުގައި ހުރި ބިއްލޫރު ބޮޑު ކުޑަދޮރުން ބޭރު ބަލާލިއެވެ. ދުނިޔެމަތި ވަށާލަމުން އައި ބޯ ކަޅުވިލާތަކުން އޭނަށް އިޙްސާސްކުރެވުނީ މަސްތުކަމެކެވެ. އެނބުރި އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ. އޭނަ މިއަދު އޮފީހަށް ނުކުތުމުގެވެސް ޝައުގުވެރިކަމެއް ނެއްކަހަލައެވެ.
"މަންމާ، ޒައުލް ގޭގެ ނޫޅެނީތަ؟" މަންސޫރު ހެނދުނުގެ ނާސްތާ ކުރުމަށް ކާކޮޓަރިއަށް ވަންނަމުން އަހާލިއެވެ.
"އާން، ރޭގަ އީލާކް ފުރުވަންވެގެން ގޮސްފައި އެކޮޅުގަ މަޑުކުރީ ކަންނޭގެ، ކުއްލިއަކަށް ހާދަ ވިއްސާރަވައްތަރު ޖަހައިފިއޭ..." ލާއިގާ ކާ މޭޒުކައިރީ އިށިން މަންސޫރަށް ޖަވާބުދެމުން އެކޮޓަރީގައި ބޯފަރުދާތަކުން ފޮރުވާލެވިފައިވާ ކުޑަދޮރުތައް ހާމަކޮއްލި އެވެ. ދެފަރާތައް ދޮރުފޮތިތަށް ކަހާލަމުންނެވެ. މޫސުން އޮތްގޮތް ލާއިގާއަށް ފެނުނީ ދެނެވެ.
"ލުއާވެސް ގޭގަ ނެތީތަ؟" މަންސޫރު އަނެއްކާވެސް ކުރީ ސުވާލެކެވެ.
"ނޫން، އެމަންޖެ އެބަ އުޅޭ ގޭގަ... މިހާރު ސައިބޯން އަންނަން އުޅޭނެ، މަންމަ ދަރިފުޅު ކައިރީ ވާހަކައެއް ދައްކާލަން ވެސް އެބައޮތޭ" ލާއިގާ ކުޑަދޮރުތަކުގެ ދޮރުފޮތިތަށް އެއްފަރާތްކޮއްލުމާއިއެކު އައިސް ކާ މޭޒުކައިރީ އިށީނެވެ.
"އަނެއްކާވެސް އީލާކްގެ ވާހަކަ ދައްކަންތަ މަންމަ ތިއުޅެނީ" މަންސޫރަށް އަހާލެވުނެވެ.
"ނޫނޭ، ލޫލުއާ އާއިމެދު ކަންބޮޑުވަނީ، އަންހެން ކުއްޖަކަށްވެފަ އުމުރުން ދުވަސްވާއިރު ވެސް ދިރިއުޅުމާއިމެދު ވިސްނާހެން މަންމައަށް ހީނުވާތީ..." ލާއިގާ ބުނެލިއެވެ.
"އަޅުގަނޑު ތިކަމާ ކުރަންވީ ކަމެއް ނުވިސްނުނު" މަންސޫރު ބުނެލި އެވެ.
"އަހަރުމެން ކުއްޖަކު ހޯދުން ކިހިނެއްވާނީ" ލާއިގާ އޭނަގެ ހިޔާލު ފާޅުކުރިއެވެ. ލޫލުއާ ކާކޮޓަރިއަށް ވަދެވެންދެން ލާއިގާ އާއި މަންސޫރުގެ މެދުގައި ދެކެވުނީ އޭނަގެ ކައިވެނި ކުރުމާއިބެހޭ ވާހަކަތަކެވެ.

ކިޔާންއަށް ހެނދުނުގެ ސައިދިނުމަށްފަހު ޔޫހާ އެކިކަންތައްތަށް ކުރުމުގައި އަވަދިނެތި އުޅުނެވެ. މެންދުރުފަހު ޑިއުޓީއަށް ދާންވާއިރަށް ގޭތެރޭގެ ކަންތައްތައް ނިންމާލުމަށެވެ. ވިއްސާރަވެފައި ކިޔާންހުރީ ކުޑަކޮށް ރޯގާވެސް ޖެހިފައިކަމަށްވާތީ ޔޫހާ ބޭނުންވީ އޭނަ ސްކޫލަށް މިއަދު ނުފޮނުވުމަށެވެ. އަފްލީން ސްކޫލުން ގެއަށް އައުމުން އެޚަބަރު ދިނެވެ. އޭރު ކޮންމެވެސް ވަރަކަށް ތުނިތުނިކޮށް ވާރޭވެހެމުންދިޔައެވެ.
"ވަރަށް ބޯކޮށް ވިލާގަނޑު ނަގާފަތަ އޮތީ" ޑިއުޓީއަށް ތައްޔާރުވަމުންދިޔަ ޔޫހާ އަހާލީ އެވަގުތު އެކޮޓަރިއަށްވަތް އަފްލީންގެ ގާތުންނެވެ.
"ޔޫހާއަށް އަދި ދެވޭނެހެން ހީވަނީ، އެކަމަކު މިހެން ބުންޏަސްނޭގެ... އެހެންއޮވެފަ ކުއްލިއަކަށް ބޯކޮއްލަވެސް ފާނެ" އަފްލީން ޔޫހާގެ ކޮޓަރިއަށްވަންނަމުން ޖަވާބުދިނެވެ.
ފިނިފިނި ދުވަހަކަށްވެފައި ޔޫހާ ޑިއުޓީއަށް ދިޔައިރުވެސް ހިމަފޮދުވާރޭ ވެހެމުންދިޔައެވެ. އެހެންވެ އޭނަ ހުރީ ސުވެޓަރ ފާޑުގެ ވޫލުންވިޔެފައި ހުރި ޓޮޕުކޮޅެއް ލައިގެންނެވެ. އެވަރުންވެސް ހޮޓަލަށްވަދެގެން ދިޔަ ޔޫހާ ހުރީ މެޔާއިދިމާލުން ދެއަތް ހުރަސްކޮއްލާ ފިނިން ސަލާމަތްވާން ބޭނުންވެފައި ހުރިހެންނެވެ.

"ވަރަށް ފިނިދޯ" ރިސެޕްޝަންގައި ޔޫހާ އާއިއެކު ޑިއުޓީގައި އިން ލަމްހާ ބުނެލިއެވެ.
"މަށަށްވެސް ވަރަށް ފިނިވެފަ މިހިރީ، ހަމަ ކިރިޔާ މިއާދެވުނީވެސް... ޔުނީފޯމް ލައިގެން ލޮކަރ ރޫމްއިން ނުކުތްތަނާހެން ވާރޭ ބޯކޮއްލި އަޑުއިވުނު..." ޔޫހާ ދެއަތް ދެއަތާ ޖޯޑުކޮއްލާ ހޫނު އުފައްދަން މަސައްކަތް ކުރާފަދަ ގޮތަކަށް ހަދާލަމުން ބުނެލިއެވެ.
"އިރުކޮޅަކުން ބްރޭކްއެއް ލިބުނީމަ ދާންވާނެ ދޯ ހޮޓް ކޮފީއެއް ބޯލަން... އެހެންނޫނީ އަހަރުމެން ގަނޑުވެދާނެ، ކިތަންމެ ފިންޏަސް މިތަނުގެ އޭސީ ހުންނާނީ ހަމަ ހުންނަވަރެއްގަ" ލަމްހާ ބުނެލި އެވެ.

ހަވީރު ފަހެއްޖަހަންވިއިރު މުޅި ދުނިޔެމަތިވަނީ ބޯކަޅު ވިއްސާރަވިލާތަކުން ބައްދާލާފައެވެ. އިރުއޮއްސުމުގެ ކުރިން ދުނިޔެ މައްޗަށް އަނދިރިކަން ވެރިކުރުވާފައި ވެއެވެ. އެހެންނަމަވެސް ޕާކްވިއު ހޮޓެލްތެރެއެކޭ ވަގުތު ހުއްޓިފައިވާ ތަނެކޭ އެއްގޮތެވެ. ފިނި ދުވަހަކަށްވިޔަސް އެއްވެސް ސްޓާފަކަށް ފިންޏާއިގެން އުޅޭނެ ވަގުތެއް ނުވެއެވެ. އަހަރުގެ އެންމެ ބުރަކޮށް މަސައްކަތްކުރަންޖެހޭ ދުވަސްކޮޅަކަށްވެފައި ހޮޓެލްގެ ހުރިހާ ކޮޓަރިއެއްހެން ވަނީ ފުރިފައެވެ. ޑިއުޓީ ޝެޑިއުލްގެ ތެރެއިން އެންމެ ފަސޭހަ ޑިއުޓީއެއްކަމަށް ގިނަ ސްޓާފުން ބުނަމުންގެންދަނީ ދަންވަރުގެ ޑިއުޓީއެވެ. ޔޫހާވެސް ހުރީ ދަންވަރު ޑިއުޓީ ޖެހުމުން ހަމަނޭވާ ލެވޭނޭކަމުގެ އުއްމީދުގައެވެ.

ރޭގަނޑު ގަޑިން ދިހައެއް ޖަހަން ގާތްވެފައިވަނިކޮށް ޔޫހާ ޑިއުޓީގައި އިން ރިސެޕްޝަން ކައުންޓަރ ކައިރިން ލާފައި ސިޑިއާއި ދިމާލަށް ދިޔަ ޒައުލް ފެނުނެވެ. ޔޫހާއަށް އެއީ ހަނދާންކޮއްލަ ދިނުމެއްކަން ނަގައި ގަނެވުނެވެ. ޒައުލް ލޯމަތިން ގެއްލުނުތާ ތިރީހަކަށް މިނެޓުފަހުން ރިސެޕްޝަންގެ ފޯނު ރިންގުވިއެވެ.
"ގުޑް އީވްނިންގ، ޕާކްވިއު ހޮޓެލް... ހައު މޭ އައި އެސިސްޓްޔޫ..." ޔޫހާ ފޯނު ނެގިގޮތަށް ބުނެލިއެވެ.
"ޔޫހާ...." ޒައުލްގެ އަޑު ފޯނުން އިވުނެވެ. ޔޫހާއަށް ބަލާލެވުނީ ކައިރީގައި ހުރި ލަމްހާއަށެވެ.
"ޔެސް ސަރ" ޔޫހާ ހިނިތުންވެލައިގެން ހުރެ ބުނެލިއެވެ. އޭނަގެ ބޭނުމަކަށްވީ ފޯނުން ވާހަކަ ދައްކަމުން ދިޔަ މީހަކު ލަމްހާއަށް އެނގުނަ ނުދިނުމެވެ.
"އަހަރެން ގަޑިއަށް އެބަ ބަލަން" ޒައުލް ބުނެލި އެވެ.
"ޔެސް ސަރ... އޯކޭ ސަރ..." ފޯނު ބޭއްވުމާއިއެކު ޔޫހާގެ މޫނުމަތީގައިވި ހިނިތުންވުންފިލާ ހިނގައްޖެ އެވެ. ހަށިގަނޑަށް އިޙްސާސްވަމުންދިޔަ ފިނިކަން ކެނޑި ނިތްކުރިން ދާތިކި ފާޅުވެގެންދިޔައެވެ.
"ހާދަ ހާސްވެފަ... ކިހިނެއްވީ" ހުއްޓުން އަރާފައި ހުރިފަދަ ގޮތަކަށް ޔޫހާ ހުރިތަންފެނި ލަމްހާ އަހާލިއެވެ.
"ކަމެއްނުވޭ..." ޔޫހާ ލަމްހާއަށް ވެސް ދިނީ މާނައެއްނުވި ހިނިތުންވުމެކެވެ.
ޔޫހާ ޓިޝޫއަކުން މޫނުފޮހެލި އެވެ. އަދި އެމޫނުމަތިން ހާސްކަން ފިލުވާލުމަށް ކުރެވެން އޮތްކަމެއް ވިއްޔާ ކުރިއެވެ.

ދަންވަރު ޑިއުޓީ އާއި ހަވާލުވުމަށް އައި ދެ ސްޓާފުންނަށް ޔޫހާ އާއި ލަމްހާ ދޭންވާ މަޢުލޫމާތުތައް ދެމުން ދިޔައެވެ. އަދި ލަމްހާގެ އެދުމަށް ޔުނީފޯމް ބަދަލުކޮށްހެދުމަށް ލޮކަރ ރޫމަށް ދިޔައީ އެކީގައެވެ. އާމުކޮށް ޔޫހާ އާއިއެކު ޑިއުޓީ ނަގާ ކުދިންނަށްވުރެ ލަމްހާ ހިތްހެޔޮވެފައި ރައްޓެހިކަން ޔޫހާއަށް ފާހަގަކުރެވުނެވެ.
"ހޭ އަދިވެސް އިނީތަ، ޔުނީފޯމް ބަދަލެއް ނުކުރާނަންތަ" ލަމްހާ ދިގު ގޮނޑީގައި އިށީނދެގެން އިން ޔޫހާއަށް ބުނެލިއެވެ.
"އަހަރެން ބަލާ އަންނާނީ ތަންކޮޅެއް ލަހުން އެހެންވެ އަވަސް އަރުލާފަ އުޅުމުގެ ބޭނުމެއްނެތެއްނު... ލަމް އަށް ލަސްވަންޏާ ދިޔައަސް އެންމެ ރަނގަޅޭ، އަހަރެން އެކަންޏެއް ނުވާނެ... ހެ ހެ ހެ ކޮބާ ލަސްވިތަ؟" ޔޫހާގެ ވާހަކަ ނުނިމިގެން އުޅެނިކޮށް ޑިއުޓީ ނިންމާފައި އައި އަންހެން ކުދިންތައް ލޮކަރ ރޫމަށް ވަދެއްޖެއެވެ. ލަމްހާ ވެސް ހީލަމުން ޔޫހާ އާއި ވަކިވީ އޭނަ ދެއްކިވާހަކަ ގަބޫލު ކުރަމުންނެވެ. ޔޫހާ ލޮކަރ ރޫމްގައި ފެންވެރުމަށް ޚާއްޞަކުރެވިފައިވާ ބަޔަށް ދިޔައެވެ. ފެންމާގަނޑުން ވެހިގަތް ފެންތިކިތަކުން ޔޫހާގެ އިސްތަށިގަނޑު ތެމެމުން ދިޔައެވެ. އޭނަގެ ސިކުނޑިއަށް ފިނިކަމެއް ލިބިދާނެއޭ ހީކުރެވުންވީ މޮޔަ ކަމަކަށެވެ. ލޮކަރު ރޫމްތެރޭގައި އުޅުނު ސްޓާފުންތައް ފަހަރަކު މީހަކުހެން ނުކުމެގެންގޮސް މުޅިތަނުން ހަމައެކަނި އިވެމުންދިޔަ އަޑަކަށްވީ ފެންމާގަޑުން ވެހެމުންދިޔަ ފެންތިކިތަކުގެ އަޑެވެ.
ސިޑިން ދެވަނަ ފަންގިފިލާއަށް އަރަމުންދިޔަ ޔޫހާ އޭނަގެ އަތުގައި އޮތް މޯބައިލް ފޯނުން އަފްލީންއަށް ގުޅާލިއެވެ. އަދި ކުޑަކޮށް ލަސްވެދާނެކަމުގައި ބުނެ ކިޔާން އޭނަގެ ކައިރީ ބާއްވާލަދިނުމަށް އެދުނެވެ.

"އިޓްސް އޯކޭ، އެކަމަކު އެހާ ލަސްނުވައްޗޭ... ކިޔާން ހުރީ ހުން ވައްތަރުވެފަ، މިހާރު ކުޑަކޮށް އެބަ ކެއްސަން ވެސް ކެއްސާ" އަފްލީން ބުނެލިއެވެ.
"ހޫމް، އިރާދަކުރެއްވިއްޔާ ލަހެއް ނުވާނަން، ޝާއިން ސުވާލެއް ކޮއްފިއްޔާ ބުނޭ އަހަރެން ލަސްވެދާނެއޭ" ޔޫހާ ދެވަނަ ފަންގިފިލާގައި ހުރި ލިފްޓަށް އަރަމުން ބުނެލިއެވެ. އަދި ފޯނު ކަނޑާލަމުން އަތް ދަބަހުގެ ތެރެއަށް ލިއެވެ.
"ވަދޭ..." ޒައުލްގެ ކޮޓަރީގައި ޓަކިދިން އަޑަށް ބުނެލިއެވެ. އިސްކޮޅުވަރުގެ ބޮޑު ބިއްލޫރި ކުޑަދޮރު ކުރިމަތީ މަޑުކޮއްލައިގެން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރި ޒައުލްއަށް ޔޫހާގެ ސޫރަ ކޮންމެވެސް ވަރަކަށް ސިފަވެގެން ދިޔައެވެ. އެއާއިއެކު ފަހަތަށް އެނބުރިލެވުނެވެ.
"ޔޫ ލުކް ފްރެޝް..." ޒައުލް ޔޫހާއަށް ބަލާލަމުން ބުނެލިއެވެ. ކުރިން ރެއާއި ހިލާފަށް ޔޫހާގެ ކުރިމަތީގައި ހުރީ އޭނައަށް މީގެ ހައަހަރު ކުރިން ޒައުލް ސިފަވެފައިވާ ގޮތަށެވެ. ޓީޝާޓަކާއި ޖިންސުގައި ޒައުލް ފެނުމުން ހިތަށް ނޭގޭ ގޮތްތަކެއް ވެގެން ދިޔައީ ކުރީގެ ހަނދާންތަކެއް ވެސް އާވުމުންނެވެ. މަޑުމަޑުން ޔޫހާ އާއި ދިމާލަށް އަންނަން ފެށުމުން އޭނަ ކަންބޮޑުވާގޮތްވި އެވެ. އަވަސް އަވަހަށް މެޔާއި ދިމާލުން ދެއަތް ހުރަސްކޮށްލަމުން އެއް ފަރާތަކަށް އެނބުރިލި އެވެ.
"މިރޭ އަހަރެން މިތަނަށް ގެނައުމުގެ ބޭނުމަކީ ކޮބާ؟" ޔޫހާ ސުވާލުކުރި އެވެ.
"ޔޫހާ އަކަށް ނޭނގޭ ރުޅިއަންނާކަށް، ލޯބިވާ މީހުންދެކެ ރުޅިއާދެވޭތަ؟" ޒައުލް އަދިވެސް ދިޔައީ ޔޫހާ އާއި ގާތްވަމުންނެވެ. ޔޫހާއަށް ފަހަތަށް ފިޔަވަޅު އަޅާލެވުނެވެ. ފަހަރަކު ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންގޮސް ފާރުގައި ޖެހުމާއިއެކު ހުއްޓުނެވެ. ޒައުލް ޔޫހާގެ ދެއަތުގައި މަޑުމަޑުން ފިރުމާލަމުން ގޮސް އެރީތި މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. ޔޫހާގެ ހަށިގަނޑުވަނީ ވަރަށް ފިނިވެފައިކަން ޒައުލްއަށް އިޙްސާސް ކުރެވުނެވެ. ޔޫހާ ދެކޮޅު ހަދަން ބޭނުންވި އެވެ. އެހެންނަމަވެސް އޭނައަށް ގަނޑުވެފައި ހުރެވުނީ އެވެ. ދެން ދުވަހަކުވެސް ޒައުލްގެ މަޅިއެއްގައި ނުޖެހުމަށް އަމިއްލަ ޒަމީރަށް ވަމުންދިޔަ ވައުދަށްވީ ކިހިނެއްކަމެއް ނޭގެއެވެ. އަމިއްލަ ނަފްސުވެސް ކޮންޓްރޯލް ނުކުރެވުނީއެވެ. ޒައުލްގެ އެންމެ ބީހިލުމަކުން އެއަތުގެ ތެރެއަށް ވިރިގެން ދާން ބޭނުންވީއެވެ. ޒައުލް ޔޫހާގެ ކަނދުރާގައި ބޮސްދިނެވެ. ޔޫހާގެ ތެތް އިސްތަށިގަނޑުގައި އަތްޖެހުމާއިއެކު އޭނައަށް ސިފަވީ ސަފާރީގައި ޔޫހާ ފިނިވެފައި ހުރި މަންޒަރެވެ. ޒައުލްގެ ބެލުންތަކުން ރައްކާތެރިވުމަށް ޔޫހާ ދެ ލޯ މަރާލި އެވެ. އެހަރަކާތްވީ ޒައުލްއަށް ދެވުނު ދައުވަތަކަށްކަމެއް ޔޫހާ ނުދެނަހުއްޓެވެ. ޒައުލްގެ ހޫނު ނޭވާތައް ޔޫހާގެ މޫނަށް އެޅެމުންދިޔަ އެވެ. ކުއްލިއަކަށް ޔޫހާއަށް ތެޅިގަނެވުނެވެ. ހީވީ އަރާމު ނިންޖެއްގައިވަނިކޮށް މީހަކު އޭނަ ހޭލައްވާލިހެންނެވެ. އަމިއްލަ ނަފްސު އެހެން މީހެއްގެ އަތުގެތެރެއަށް ދޫވެގެންދިޔަ ނުދިނުމައްޓަކައި އޭނަގެ ޒަމީރު ކުރަމުންދިޔަ ހަނގުރާމައެވެ. ޔޫހާއާށް އޭނަގެ ތުންފަތުގައި އަތްތިލަ ޖައްސާލެވުނެވެ. އަދި އަނެއްއަތުން ޒައުލްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލަން މަސައްކަތް ކުރިއެވެ.
"ޔޫހާ..." މަޑަމަޑުން ޒައުލް ޔޫހާގެ ނަން ކިޔާލިއިރު އޭނަދިޔައީ އެއަތުގެތެރެއަށް ޔޫހާ ގެނައުމަށް މަސައްކަތް ކުރަމުންނެވެ.
"ނޫން، އަހަރެން ދޫކޮއްލާ... ޕްލީޒް ޒައުލް..." ޔޫހާ މޫނު އަނބުރާލަމުން ބުނެލިއެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު