ގުޅީފަޅު ފެސިލިޓީގައި ތިބި ބިދޭސީންނަށް ޔޫތް މިނިސްޓްރީގެ ޕްރޮގުރާމްތަކެއް

އެމްޓީސީސީން ގުޅީފަޅުގައި ގާއިމުކުރި ފެސިލިޓީ -- ފޮޓޯ: އެމްއެންޑީއެފް

މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ ތެރެއިން 600 މީހުން ގުޅީފަޅުގައި ގާއިމްކުރި ކަރަންޓީނު ފެސިލިޓީއަށް ބަދަލުކޮށްފައިވާ އިރު، އެމީހުންނަށް ހާއްސަ ޕްރޮގުރާމްތަކެއް ހިންގުމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީއާ ދެމެދު މަޝްވަރާ ކޮށްފި އެވެ.

ސަރުކާރުން މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ހަމައަކަށް އެޅުމަށް މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ފަސްހާހެއްހާ ބިދޭސީން ރައްކާތެރި މާހައުލުތަކަށް ބަދަލުކުރަންޖެހޭކަމަށެވެ. އަދި އެމަސައްކަތުގެ ދަށުން ހުޅުމާލޭގައި ހަދާ ފެސިލިޓީތަކުގެ އިތުރަށް، ގުޅީފަޅުގައި 4000 އާއި ގާތްކުރާ އަދަދަކަށް ބިދޭސީން ބޭތިއްބޭނެ ފެސިލިޓީތައް ތައްޔާތުކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެގޮތުން އެތާ މިވަގުތު ތިބި ގިނަ އަދަދެއްގެ ބިދޭސީންނަށް ހާއްސަ ޕްރޮގުރާމްތަކެއް ހިންގުމުގެ ގޮތުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފްއާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދުގެ ވަގުތެއްގައި ވަނީ ބައްދަލު ކުރައްވައި މަޝްވަރާތަކެއް ކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ދެ މިނިސްޓްރީގެ ބައެއް އިސްބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއާއި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ހިމެނެ އެވެ.

ޔޫތް މިނިސްޓްރީގެ އިސްނެގުމުގެ ދަށުން ހިންގުމަށް ރާވާފައިވާ މި ޕްރޮގުރާމްތަކުގެ ތެރޭގައި، ސައިކޯސޯޝަލް ޕްރޮގުރާމްތަކާއި، ރިކްރިއޭޝަނަލް ޕްރޮގުރާމްތަކުގެ އިތުރުން މުނިފޫހި ފިލުވުމުގެ ހާއްސަ ޕްރޮގުރާމްތަކެއް ހިންގުމަށް މަޝްވަރާ ކުރެވުނު ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކަރަންޓީނު ފެސިލިޓީއަކަށް ހަދާފައިވާ ތަނަކީ އެމްޓީސީސީން ކުރިން ގުދަނެއްގެ ގޮތުގައި ހަދަން ފަށާފައިވާ ތަނެކެވެ. އެ މަސައްކަތް ކޮށްފައި ވަނީ ސިފައިންގެ އެކުވެރި ކުންފުނި (ސިވެކް) އާއި ބެޗް ކޮންސްޓްރަކްޝަނާއި ރޯޑް ޑިވެލޮމްޕަމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންގެ އެހީތެރިކަން ވެސް ލިބިގެންނެވެ.

އެތަން ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހެދުމަށް ފެސިލިޓޭޓްކޮށްދިނީ އެމްއެންޑީއެފް އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެންނެވެ.

comment ކޮމެންޓް