ފ.ނިލަންދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި

ފ.ނިލަންދޫ ފުޓުބޯޅަ ދަނޑު --- ފޮޓޯ/ޓްވިޓާރ

ސަރުކާރުގެ އަމާޒެއް ކަމުގައިވާ ރަށްރަށުގައި ބޮޑު ފުޓުބޯޅަ ދަނޑުތަކެއް އެޅުމުގެ ވައުދުގެ ތެރެއިން ފ.ނިލަންދޫގެ ދަނޑުގެ ޓާފްގެ މަސައްކަތް ނިންމައިފި އެވެ.

ނިލަންދޫގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމިފައިވާކަން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ މިރޭ ކުރެއްވި ޓްވީޓެއްގައި އިއުލާން ކުރައްވާފަ އެވެ. ނިލަންދޫ ދަނޑުގެ ޕްރޮޖެކްޓަށް ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓުގައި 1,577,558 ރުފިޔާ ވަނީ ހިމަނާފަ އެވެ.

މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދިޔަ ނަމަވެސް ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުތައް ނިންމުމަށް ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ފ.ނިލަންދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާ އެރަށު ރައްޔިތުން ދުޅަ ހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުން ކުރަން ފެށޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު އާއި ނިލަންދޫގެ ޑޭލައިޓް ކުލަބުގެ އިތުރުން އެ ރަށު ކައުންސިލުން ދަނޑުގެ މަސައްކަތް ނިންމުމަށް ވެދެއްވި އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު ދަންނަވާފަ އެވެ.

ނިލަންދޫ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ.

ސަރުކާރުން އަމާޒުކޮށްފައި ވަނީ ފަސް އަހަރު ތެރޭގައި ސަތޭކަ ޓާފް ދަނޑު އަޅާށެވެ. އަދި މިވަގުތުގެ އަމާޒަކީ ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި އިތުރު 15 ދަނޑެއްގެ މަސައްކަތް ނިންމާލުން ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެ އެވެ. މި ވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓާފް ދަނޑު އެޅުމުގެ އަމަލީ މަސައްކަތް 40 ރަށެއްގައި އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް