ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ބާ ކައުންސިލުގެ ރައުޔެއް ނުނެރެން ނިންމައިފި

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު އަދި އެކްސްކޯ ބައެއް މެންބަރުން: ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭ ގޮތުން ބާ ކައުންސިލުން ރައުޔެއް ނުނެރުމަށް ވަނީ ފާސްކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލް އިންތިހާބް ބާއްވަން ޖެހޭ ތާރީހުގައި ނުބޭއްވި ގާނޫނީ ސުވާލުތަކެއް ކުރިމަތިވެފައިވާއިރު އެކަމަށް ބާ ކައުންސިލުން ރައުޔެއް ނެރުމަށް ނިންމުމަށްފަހު އެ ނިންމުން ބަދަލުކޮށްފި އެވެ.

ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަނީ ފަސްކޮށްފަ އެވެ. އިންތިހާބް ފަސް ކުރުމަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020 ގެ ނަމުގައި މަޖިލީހުން ވަނީ ބިލެއް ވެސް ފާސްކޮށްފަ އެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބު ލަސްވެގެންދާ މައްސަލައިގައި އެކިފަރާތްތަކުން ތަފާތު ގާނޫނީ ހިޔާލުފާޅުކުރުންތައް އާންމުކޮށްފައިވާތީ އާއި އާންމު މަސްލަހަތާ ގުޅުންހުރި ކަމަކަށްވާތީ، މި މައްސަލައިގައި ބާ ކައުންސިލްގެ ޕޮޒިޝަނެއް އެކުލަވާލައި އާންމުކުރުމަށް ނިންމާފައިވާކަމަށް ބުނެ މިދިޔަ މަހުގެ 14 ވަނަ ދުވަހު ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ.

ނަމަވެސް ބާ ކައުންސިލުން ބޭއްވި އެކްސްކޯ ބައްދަލުވުމުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ގޮތުން އެ ކައުންސިލުން ދެކޭ ގޮތް ހާމަ ނުކުރުމަށް ފާސްކޮށްފަ އެވެ. އެކަން ވަނީ އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެންބަރަކު 'ސަން' އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

އޭނާ ވިދާޅުވީ، ރައުޔެއް ނެރުމަށް ބައެއް މެންބަރުން ތާއިދު ކުރެއްވި ނަމަވެސް އަޣުލަބިއްޔަތު ލިބުނީ ރައުޔެއް ނުނެރުމަށެވެ. ސަބަބެއްގެ ގޮތުގައި އެ މެންބަރުން ފާހަގަކޮށްފައި ވަގުތު ކުޑަތަން ވެފައިިވާތީ ކަން ވެސް އެ މެންބަރު ފާހަގަކުރެއްވި އެވެ.

ކައުންސިލް އިންތިހާބް ފަސްކުރުމަށް މަޖިލީހުން ފާސްކުރި އިރު، މިހާރުތިބި ކައުންސިލްތަކުގެ ދައުރު، ޖޫން ތިން ވަނަ ދުވަހަށް ހަމަވާނެ އެވެ. އެއާ އެކު އެ ކައުންސިލްތަކުގެ ހިންގުން ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމަށް މަޖިލީހަށް ވަނީ އިތުރު ބިލެއް ހުށަހަޅާފަ އެވެ.

ކައުންސިލްތަކުގެ ދައުރު ހަމަވުމަށް ފަހު، ދެން ހަދާނެ ގޮތަކާ މެދު މެންބަރުންގެ މެދުގައި ވެސް ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. މަޖިލީހުގެ ރައީސް އާއި އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވަނީ، މި ދަނޑިވަޅަކީ ގާނޫނު އަސާސީއަށް ބަދަލެއް ގެންނަން ރަނގަޅު ދަނޑިވަޅެއް ނޫން ކަމަށާއި އެ ހައްލު ހޯދަން ޖެހޭނީ ގާނޫނަކުން ކަމަށެވެ. އަދި ބައެއް މެންބަރުން ވަނީ މިހާރު އިންތިހާބުވެފައިވާ ކައުންސިލްތަކުގެ ދައުރު ދިގުދެންމުން ރަނގަޅު ނޫން ކަމަށް ވިދާޅުވެ، އާ ކައުންސިލްތައް އިންތިހާބު ކުރެވެންދެން ކޮންމެ ރަށެއް ވެސް ހިންގުމަށް ރައީސް ބޭފުޅަކު އައްޔަން ކުރުމުގެ ހިޔާލު ވެސް ދެއްވައިފަ އެވެ.

comment ކޮމެންޓް