މަޓީގެ ބަޔާނަކީ ސަރުކާރުގެ ގައިގާ ކޮޅުފައިން ޖެހުން: ފައްޔާޒު

އޭޕްރީލް 11، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަތުރުވެރިކަމުގެ އެންމެ ބޮޑެތި ވިޔަފާރިވެރިން ތަމްސީލް ކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން އިއްޔެ ނެރުނު ބަޔާނަކީ ސަރުކާރުގެ ގައިގާ ކޮޅުފައިން ޖެހުން ކަމަށް ގަބޫލު ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު އިސްމާއިލް ވިދާޅުވީ މަޓީގެ ބޭފުޅުންނާ އެކު އެކި ފަހަރު މަތިން މަޝްވަރާތައް ކުރައްވާ ކަންކަމަކަށް އެއްބަސްވެސް ވެވުނު ކަމަށެވެ. އަދި މަޝްވަރާ ނުކުރާ ކަމަށް ބުނެ ބަޔާން ނެރުމުން ފައްޔާޒު ވަނީ އެކަމާ ނުރުހުން ފާޅު ކުރައްވައިފަ އެވެ. އަދި ވިދާޅުވީ؛ "މި ދަނޑިވަޅުގައި މަޓީއިން އެފަދަ ބަޔާނެއް ނެރުމަކީ ހަމަ ސީދާ ސަރުކާރުގެ ގައިގާކޮޅުފައިން ޖެހުން" ކަމަށެވެ.

މިނިސްޓަރު ފައްޔާޒު ވަނީ ރިލީފް ޕެކޭޖު އެކުލަވާލުމުގެ ކުރިން އެއާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މަޓީއާއެކު ބޭއްވި ބައްދަލުވުންތަކުގެ ތަފްސީލު ހިއްސާކުރައްވާފަ އެވެ.

"ލޮކްޑައުން ހާލަތު އަންނަންދެން ހަފްތާއަކު އެއް ދުވަހު ބައްދަލުކުރަމުން ގޮސް ތިން ބައްދަލުވުން ބޭއްވުނު. މަޓީގެ ފަރާތުން ކަމަށް ވިދާޅުވެ ބޭފުޅުންތަކެއް ވަޑައިގެންނެވި. އެހެން އެތައް ބައިވަރު ޖަމިއްޔާތަކުގެ އިސް ބޭފުޅުން ވަޑައިގެންނެވި، އެބޭފުޅުންނާ މަޝްވަރާ ވެސް ކުރެވެނު. މި ރިލީފް ޕެކޭޖު ނެރޭ ވާހަކަ، އަޅުގަނޑުގެ މިނިސްޓްރީގައި ދެކެވުނު. މީގެ ތަފްސީލު ވެސް ހާމަކުރެވުނު. ހުރިހާ ބޭފުޅުން ފާހަގަކުރެއްވި މަދު ކަމަށް ވެސް." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

https://sun.mv/136197

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ ބައްދަލުވުންތަކުގައި ދެ ކުއާޓަރުގެ ކުލި ފަސްކޮށްދިނުމަށާއި މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން މަޓީގެ ފަރާތުން ހިޔާލުތަކެއް ލިބުނު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ތެރެއިން ސަޖެޝަންސް އައީ 8،000ރ ނޫނީ 10،000ރ ލިބޭ މުވައްޒަފުންގެ މުސާރަ އެއްގޮތަކަށްވެސް ނުކަނޑާ، އޭގެ މަތިން ބައެއް ބޭފުޅުންގެ މުސާރަ ކަނޑާ ގޮތަށް. އެކަމަކު އޭޕްރީލް މަހު އެއްވެސް ބޭފުޅެއްގެ މުސާރަ ނުކަނޑާ ގޮތަށް، މެއި މަހު މި ދެންނެވި 8،000 ނުވަތަ 10،000އިން ތިރީގެ [ސީދާ ވަކި އަދަދަކަށް އެއްބަހެއް ނުވެވޭ] މުސާރަތައް ނުކަނޑާ، އޭގެ މަތިން ލިބޭ ބައެއް މުވައްޒަފުންގެ މުސާރަތަކުން ޕަސެންޓޭޖެއް ކަނޑާ ގޮތަށް. އަދި މެއި މަހު ވެސް އެގޮތަށް މުސާރައިން ކަނޑާ ގޮތަށް، ތިން މަސް ދުވަހަށް ބަލާގޮތަށް. އޭގެ ބަދަލު ސަރުކާރުން ދެ ކުއާޓަރުގެ ކުލި ޑިފާ ކޮށްދޭން." މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުން އޭގެ ބަދަލުގައި ހުށަހެޅީ އެއް ކުއާޓަރުގެ ކުލި ފަސްކޮށްދިނުމަށާއި މަޓީގެ މެމްބަރުން އެކަމަށް އެއްބަސްވާނެ ކަމަށް އެ ޖަމިއްޔާއިން ބުނުމުން ރަސްމީ ސިޓީއެއް ފޮނުއްވެވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ހުރިހާ މުވައްޒަފުންނަށް ރިލީފް ދޭންވާނެ ކަމަށް ބުނެ އިތުރު ސިޓީއެއް އައުމުން، އެގޮތަށް ނުދެވޭނެ ކަމަށާއި ބަދަލުގައި ދެ ކުއާޓަރުގެ ކުލި ފަސްކޮށްދެވިދާނެ ކަމަށާއި އަންނަ އަހަރަށް ބަހާލައިގެން އެ ފައިސާ ދެއްކޭ ގޮތް ފަހިކޮށްދެވިދާނެ ކަމަށް ބަޔާންކޮށް ސިޓީއެއް ފޮނުއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ދުވަސްވަރު ވިޔަފާރިއަށް އެހީތެރިވެގެން ވަޒީފާ ހިފެހެއްޓުން ކަމަށާއި ސަރުކާރުން ދޭ ޕެކޭޖުތައް ވެސް ބައްޓަން ކުރާނީ އެގޮތަށް ކަމަށެވެ.

https://sun.mv/136205

"އެހެންވީމަ މަޓީއިން އެ ނެރުނު ބަޔާނަކީ މިވަގުތު، މި ހާލަތުގައި ސަރުކާރުގެ ގައިގައި ކޮޅުފައިން ޖެހުމޭ އަޅުގަނޑު ދަންނަވާނީ." މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް ރިލީފް ޕެކޭޖާ ގުޅިގެން މަޓީއިން ސަރުކާރަށް ފާޑުކިޔާފައިވާ މި ދަނޑިވަޅުގައި ޓޫރިޒަމް ދާއިރާގެ އިތުރު ހަ ޖަމިއްޔާއަކުން ސަރުކާރާ އެކުގައި ތިބި ކަމަށް ބަޔާންކޮށް ރޭ ނޫސްބަޔާނެއް ވެސް ވަނީ އާންމުކޮށްފަ އެވެ.

comment ކޮމެންޓް