ޕެންޝަން ފަންޑުގައި އަތްލާނީ އިތުރު ގޮތެއް ނެތިއްޔާ: ފައްޔާޒު

ފިނޭންސް މިނިސްޓްރާއި އިކޮނަމިކޮ މިނިސްޓަރު ފައްޔާޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: އެންއީއޯސީ

ޕެންޝަން ފަންޑުގައި ހުރި ފައިސާއިން އިތުރު ހަރަދެއް ކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި އެ ފަންޑުން އެހެން ކަމަކަށް ފައިސާ ނަގާނީ އިތުރު ގޮތެއް ނެތިއްޖެނަމަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފާރާތްތަކުގެ އަތުން ވަކި ޕަސެންޓެއްގައި ފައިސާ ނަގައި ރާއްޖޭގައި ޕެންޝަން ފަންޑަކާއި ޕެންޝަން ސްކީމެއް ގާއިމުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި އެކި ގޮތްގޮތުން ލިބެމުންދިޔަ އާމްދަނީ ދަށްވުމުގެ ސަބަބުން، ޕެންޝަން ފަންޑަށް އެ ފަރާތްތަކުގެ އަތުން ކެނޑި ފައިސާ ލިބޭނެ ގޮތެއް ހެދުމުގެ އަޑު ވަނީ ގަދަވެފައެވެ.

ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ބެހޭގޮތުން ސުވާލު ކުރެވުމުން މިނިސްޓަރު ވިދާޅުވީ އެފަދަ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ކަމެއް ދިމާވުމުން ފައިސާ ނެގޭ ގޮތަށް މީގެ ކުރިން ޕްރޮވިޑެންޑް ޕަންޑެއް އޮތް ކަމަށާއި، ނަމަވެސް މިހާރު ރާއްޖޭގައި އޮތީ ޕެންޝަން ފަންޑެއް ކަމަށެވެ. އަދި ޕެންޝަން ފަންޑުން ކުރިއަށް ފައިސާ ނެގުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އާންމު އުސޫލުން ކުރާ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަމާ ހިޔާލު ތަފާތުވާނަމަ ރައްޔިތުންގެ މަޖިލީހުން ޕެންޝަން އުވާލަންޔާ އުވާލާނީ. މިއަދު އަޅުގަނޑުމެން ފޮލޯ މިކުރަނީ ޕެންޝަން އެގޮތަށް އޮންނަން ޖެހޭނެ ކަމަށް. އަޅުގަނޑު އިކޮނިމިކް މިނިސްޓަރުގެ ހައިސިއްޔަތުން ދަންނަވަން އޮތީ ޕެންޝަން ފަންޑުގައި އަތްނުލާ ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދަން ޖެހޭނެކަމަށް. އެ ހިސާބަށް ގޮސްސިއްޔާ އެކަން ކުރާނީ. ކުރަންޖެހިއްޖެ ހާލަތެއްގައި ކޮންމެ ކަމެއްވެސް ކުރަންތާ ޖެހޭނީ. ނަމަވެސް އަދިއެއް ޕެންޝަން ފަންޑުގައި އަތްލާ ހިސާބަށް ދިޔަ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ފައްޔާޒު ވިދާޅުވިއެވެ.

ޕެންޝަން ފަންޑަށް ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ލާ ފައިސާ، ޕެންޝަން އޮފީހުން އިންވެސްޓުކޮށް އޭގެން ފައިދާ ހޯދައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ ރިޓަޔަމަންޓް އުމުރުގެ އެންމެންނަށް ދެވޭ ވަރަށް ފައިސާ ހޯދުމަށެވެ.

"އެހާ ރަނގަޅު ކަމެއް ނޫން ކޮނެމް ފަހަރަކު ކަމެއް ޖެހޭ އިރަށް ޕެންޝަން ފަންޑުން އެ ލާރި ނަގަން. ކުރިއަށް އޮތްތާންގައި އަޅުގަނޑުމެނަށް ބެލެވިދާނެ ޕެންޝަން ފަންޑުގެ އިތުރުން ޕްރޮވިޑެންޓް ފަންޓެއް ހަދަންވީ އެހެންވެއްޖިއްޔާ،" މިނިސްޓަރު ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ މީހުނަށް މިހާރު ވެސް މެދުކެނޑުމެއްނެތި އިނާޔަތް ދެނީ ޕެންޝަން ފަންޑުންނެވެ.

އެ އިނާޔަތުގެ އިތުރުން، ޕެންޝަން ފަންޑުން އަމިއްލަ ބޭނުމަށް ފައިސާ ނެގޭނީ ގެދޮރު ގަތުމަށް ޑައުން ޕޭމަންޓް ދެއްކުމަށާއި ފަރުޟު ހައްޖު އަދާކުރުމަށްޓަކައި ދައްކަންޖެހޭ ފައިސާ ދެއްކުމަށެވެ.

comment ކޮމެންޓް