އައިއޯއައިޖީއަށް ދެވޭނެ ކަމަށް ދުވަހަކު ވެސް ހިއެއް ނުކުރަން: ދީމާ

މޮރިޝަސް- 21 ޖުލައި 2019: އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ މޮރިޝަސް ވަރަށް ވާދަވެރި ކުޅުމަކަށް ފަހު 3-5 އިން ބަލިކޮށް ދިވެހިރާއްޖޭގެ ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގެ ފަހުރުވެރި ރަން މެޑަލް ހޯދުން -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ އަހަރު މޮރޮޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ވިދާލި ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔަ ފާތިމަތު ދީމާ އަލީއަށް، ކުރިން އެ މުބާރާތަށް ދެވޭނެ ކަމަށް ހީވެސް ނުކުރާ ކަމަށް އޭނާ ބުނެފި އެވެ.

ވޭތުވެ ދިޔަ އަހަރުގެ އައިއޯއައިޖީ އަކީ ބައިނަލް އަގުވާމީ ގޭމްސްއެއްގައި ރާއްޖެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި މުބާރާތެވެ. އެ ގޭމްސްގައި ރާއްޖެއިން ވަނީ ޓާގެޓު ޖަހައިގެން ދިޔަ 15 މެޑަލް ހޯދައިފަ އެވެ. އޭގެ ތެރޭން ވެސް އެންމެ ގިނަ މެޑަލް ހޯދީ ޓޭބަލް ޓެނިހުންނެވެ. ޓީޓީގެ ސިންގަލްސް، ޑަބަލްސް އަދި ޓީމް އިވެންޓުން ވެސް ރާއްޖެ ރަން މެޑަލް ހޯދި އިރު އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ މުޅި އެ ގޭމްސްގައި ވެސް ވާދަ ކުރި އެންމެ ހަގު އެތުލީޓު ކަމަށްވާ ދީމާ އެވެ.

އެކަމަކު އުމުރުން އެންމެ 13 އަހަރު ދީމާ އެ މުބާރާތަށް ދާން ކުރި މަސައްކަތަކީ އާދައިގެ މަސައްކަތެއް ނޫނެވެ. އޭނާ އެންމެ ކުޑައިރުން ފަށައިގެން ވެސް އެފަދަ ބޮޑު މުބާރާތަކަށް ހުރީ އަމާޒު ޖަހައިގެންނެވެ. އެކަމަކު އައިއޯއައިޖީއަށް ދެވޭނެ ކަމަށް މީގެ ކުރިން އޭނާ ގަބޫލެއް ވެސް ނުކުރެ އެވެ.

"ވަރަށް ކުރިން ވެސް އައިއޯއައިޖީއަށް ތައްޔާރުވެގެން ހުރީ، އެއީ ވަރަށް ކުޑައިރުން ސުރެއް ވެސް އަޑުއިވޭ ގޭމްސްއަކަށް ވާތީ. ހީނުކުރަން ދުވަހަކުވެސް އޭއްޗަށް [އައިއޯއައިޖީއަށް] ދެވޭނެއޭ ވެސް،" އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) "އިންސްޓަގްރަމް" މެދުވެރިކޮށް ކުރިއަށްގެންދާ "ޗެޓް ވިތު ޗެމްޕިއަންސް" ލައިވްގައި ވާހަކަދައްކަމުން ދީމާ ބުންޏެވެ.

ދީމާ ބުނީ މުބާރާތުން ކާމިޔާބު ހޯދުމަކީ އިއްތިފާގެއް ނޫން ކަމަށެވެ. އެއީ ކުޑައިރުން ފެށިގެން އެއް އަމާޒެއްގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން މުބާރާތަށް ތައްޔާރުވުމަށް ޗައިނާއަށް ގޮސް ހާއްސަ ޓްރެއިނިންގްތަކެއް ކުރިއަށް ގެންދިޔަ ކަމަށް ދީމާ ބުންޏެވެ. އެ ޓްރެއިނިންގްތަކުގައި ދުވާލެއްގެ މައްޗަށް ހަތަރު، ފަސް ގަޑިއިރު ތަމްރީންތައް ހެދުމުގައި އުޅޭ ކަމަށް ދީމާ ބުންޏެވެ.

އަދި ޕްރެކްޓިސް ނިންމާފައި އިތުރު އެއް ގަޑިއިރު މަޑުކުރާ ކަމަށާއި ހަގީގަތުކުގައި އެއް ގަޑިއިރު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްގެން އެއްޗެހި ސިކުނޑިއަށް ނަގައި ނުގަނެވޭނެ ކަމަށް ދީމާ ބުންޏެވެ. އަދި ރާއްޖޭގެ ކުޅުންތެރިން ކުރި ނާރަނީ ވެސް ޕްރެކްޓިސް މަދުވާތީ ކަމުގައި ދެެކޭ ކަމަށް ދީމާ ބުންޏެވެ.

ދީމާ ބުނީ އައިއޯއައިޖޯގެ ކާމިޔާބަށްފަހު އޭނާގެ މިހާރުގެ ޓާގެޓަކީ އޮލިމްޕިކްސް ގޭމްސްއަށް ގޮސް ދިވެހިރާއްޖެ ފަޙުރުވެރި ކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް