ހުވަފެންތައް ދޫކޮށް، އެނބުރި ވަޒަނަށް ދާން ތަންމަތި ބަނދެލައިފި

މީހަކު ފުރަން ނުކުމެ މާލޭގެ ބަނދަރު ސަރަހައްދުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެ މީހަކުވެސް މާލެއަށް ބަދަލުވަނީ ހުވަފެންތަކެއްގައި ކުލަ ޖައްސާށެވެ. އެއްބަޔަކު ކިޔަވައިގެން ބޭނުންވާ ރޮނގަކުން ކުރިއަށް ދާށެވެ. އަނެއް ބަޔަކު ވަޒީފާގެ ފުރުސަތެއް ރަށުން ނުލިބޭތީ ވަޒީފާއެއް ހޯދާށެވެ. ނޫނީ ދަރިންނަށް ކިޔަވައިދީ ތިމާއަށް ނުލިބޭ ތައުލީމު ދަރިންނަށް ހޯދައި ދިނުމަށްވެސް ބައެއް މީހުން މާލެ ބަދަލުވެފައި އެބަހުއްޓެވެ. އެކަމަކު މިހާރު ދިމާވެފައި އޮތް ހާލަތުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުން ވަނީ ގޮތް ހުސްވެ އެނބުރި ވަޒަނަށް ދާން މަޖުބޫރުވެފަ އެވެ.

އުޅުނު ވަޒީފާތަކުން މުސާރަ ދައްކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، ކުރަމުން ދިޔަ މަސައްކަތް ހުއްޓުމަކަށް އައިސްގެން އާމްދަނީ ލިބުން ބަންދުވެ ކޮންމެ މަހަކު ދިރިއުޅޭ ތަނަށް ދައްކަމުން ދިޔަ ބޮޑު ކުލި ނުދެއްކޭ ގޮތްވެ ގިނަ ބަޔަކު ވަނީ ގޮތް ހުސްވެފަ އެވެ. ރަށަށް ދާން ބަލާއިރު މާލެ ލޮކްޑައުން ކޮށްފައި އޮތުމުގެ ސަބަބުން ދެވޭނެ ގޮތެއްވެސް ނެތިގެން ދެނަ ހަދާނެ ގޮތެއް ނޭންގޭ އެތައް ބަޔަކު އެބަތިއްބެވެ.

ރަށަށް ބަދަލުވާން ބޭނުންވެފައި ހުރި މީހަކު "ސަން" އަށް ބުނީ އޭނާ މާލޭގައި ދިރިއުޅެނީ އެއްމެ ކޮޓަރިއެއް ހިފައިގެން ކަމަށެވެ. ކައިރި ރަށެއްގެ މީހަކަށް ވާތީ ކޮންމެ ހަފްތާއަކު އެއްޗިހި ދޮންނަން ރަށަށް ފޮނުވަ އެވެ. އަދި ކައި އުޅެނީ ހޮޓާހޮޓަލުންނެވެ. އޭނާ ބުނި ގޮތުގައި ކުލި ދައްކައިގެން މާލޭގައި އުޅެނީ ވަޒީފާއެއް ލިބިފައި އޮތުމުން ވަޒީފާ ދޫކޮށްލާފައި ގޮސްފިނަމަ އާމްދަނީ ނުލިބި އަތް އުރާލައިގެން ހުންނަން ޖެހިދާނެތީ އެވެ. އެކަމަކު މިހާރު އޭނާ ހުރީ ހަދާނެ ގޮތެއް ނެތި މާޔޫސްވެފަ އެވެ.

"މާލެ ލޮކްޑައުން ކޮށްފައި އޮތީމަ އެއްޗިހި ދޮންނަން ރަށަކަށް ނުފޮނުވޭ. އެއްޗިހި ދޮވެވޭނެ ގޮތެއް ނެތް. ދެން ހޮޓާތަކުން މީގެ ކުރިން ކައިގެން އުޅުނީ އެކަމަކު ގިނަ ހޮޓާތައް މިހާރު ބަންދު. ވަޒީފާގައި އުޅޭ ތަނުން 50 ޕަސެންޓް މުސާރަ ކަނޑާލައިފި. އެހެންވެ މިހާރު ވަރަށް ހާލުގައި މިއުޅެނީ." އޭނާ ބުންޏެވެ.

އޭޕްރީލް 19، 2020: މާލޭ މަގުމަތި: ކޮވިޑް19 މާލޭގައި ފެތުރެމުންދާތީ މާލެ ސަރަހައްދު އޮތީ ލޮކްޑައުން ކުރެވިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިކަހަލަ އެތައް އެތަށް މީހެކެވެ. މިއީ މާލޭގައި ކުލި ދައްކަައިގެން ދިރިއުޅޭ އެތައް ބައެއްގެ ހާލެވެ. ސަން އާ ވާހަކަ ދެއްކި އެހެން މީހަކު ކިޔައިދިން ގޮތުން އޭނާގެ ބައްޕަ އަކީ ޓެކްސީ ކުރާ މީހެކެވެ. އަދި އޭނާއަކީ އަމިއްލަ އޮފީހެއްގައި މަސައްކަތް ކުރާ މީހެކެވެ. މާލެ ލޮކްޑައުންވީ ހިސާބުން ބައްޕައަށް އެއްވެސް އެޗެއް ނުލިބޭތާ މަހެއް ވަނީ އެވެ. އޭނާގެ އޮފީހުން 50 ޕަސެންޓް މުސާރަ ކަނޑާލުމުން މިހާރު ލިބެނީ 6000 ރުފިޔާ އެވެ. އެހެންވެ 12000 ރުފިޔާ ކުއްޔަށް ދައްކައިގެން އުޅެވޭނޭ ގޮތެއް ނެތެވެ.

އެހެން މީހަކު ކިޔައިދިން ގޮތުން އެމީހުން މާލެ ބަދަލުވީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އަންހެން ކޮއްކޮއަށް ކިޔަވައި ދިނުމަށް ގޭ އެންމެން މާލެ ބަދަލުވީ 15000 ރުފިޔާއަށް ތަނެއް ކުއްޔަށް ހިފައިގެންނެވެ. ކޮއްކޮ ވަޒީފާއިން ކަނޑާލައިފި އެވެ. އޭނާގެ މުސާރަ ކުޑަކޮށްފި އެވެ. އަދި ނަގާފައި ހުރި ސައިކަލަށް ފައިސާ ދައްކަން ޖެހޭތީ އެއަށްވެސް ލާރި ދައްކަން އެބަ ޖެހެ އެވެ.

"ކުލި ކުޑަކޮށްދޭ ނަމަވެސް ރަނގަޅު. އެކަމަކު އެގޭގެ ވެރި ފަރާތުން ބުނި ނެތޭ ކުލި ކުޑަކޮށްދެވޭކަށް. މިމަހުގެ ކުލި އަދި ނުދެއްކޭ. އަށެއްގެ ކުރިން ނުދެއްކިއްޖެއްޔާ ދެން ދައްކަން ޖެހޭނީ 300 ރުފިޔާގެ ޖޫރިމަނާއާ އެކު." އޭނާ ކިޔައިދިނެވެ.

އޭނާވެސް ހުރީ ރަށަށް ދާން ބޭނުންވެ މާލެ ލޮކްޑައުންކޮށްފައި އޮތުމުން ހަދާނެ ގޮތެއް ނޭނގިފަ އެވެ. މާޔޫސް ކަމާއެކު އަހާލީ މިހާރު މާލެއިން ދާން ބޭނުންވާ މީހުންނަށް ދެވޭނެ ގޮތެއް ފެނިއްޖެ ހެއްޔެވެ؟ އެކަމަކު އަދި އެމީހުންނަކަށް ދެވޭނެ ގޮތެއް ނެތެވެ. މާލޭގައި ތިބި މީހުންގެ ތެރެއިން މިޙާރު އިސްކަމެއް ދީގެން ފޮނުވަނީ ކުރު މުއްދަތަށް އެކި އެކި ބޭނުންތަކަށް މާލެ އައިސްފައި ތިބި މީހުންނެވެ. އެމީހުންވެސް ފުރަަތަމަ ފޮނުވަނީ 14 ދުވަހުގެ ކަރަންޓީނަށެވެ. ރަށަށް ދެވޭނީ ކަރަންޓީނު ފުރިހަމަ ކުރުމުން ކަމަށް ވަނީ ނިންމާފަ އެވެ.

ކުލި ނުދެއްކިގެން ރަށަށް ބަދަލުވާން ބޭނުންވެފައި ތިބި މީހުންނަށް އޮތް ހައްލަކީ ކޮބައިތޯ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި"ސަން" އިން ސުވާލު ކުރުމުން، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބުރޫކު އަޒީޒު ވިދާޅުވީ ކުރުމުއްދަތަށް މާލެއަށް އައިސް ތިއްބި ބޭފުޅުން މިހާރުވެސް ކޮންމެ ދުވަހަކު ކުއްޔަށް ތަންތަން ހިފައިގެން ތިބެން ޖެހޭތީ އެމީހުންނަށް އިސްކަން ދެނީ ކަމަށެވެ.

"މިހުރިހާ ކަމެއްގަވެސް ބެލެންސެން ގެންގުޅުމަކީ މުހިންމު ކަމެއް. އެއްކޮޅުން އަޅުގަނޑުމެންގެ ކޭޓަ ކުރާއިރުގައި އެހެން ބަޔަކު އެއާހެދި ބިރުވެރި ކަމެއްގެ ތެރެއަށް ނުވަތަ ނާމާން ކަމެއްގެ ތެރެއަށް ނުދާނެ ގޮތަކަށް. ވީހާވެސް ބޮޑަކަށް މީހުންނަށް ރައްކާތެރިކަން ލިބޭނެ ގޮތަކަށް ދެ ސައިޑް ބެލެންސް ކުރުމުގެ ވިސްނުމެއް އޮންނަން ޖެހޭ،" މަބްރޫކު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއޯއީސީ

އޭނާ ވިދާޅުވީ ރަށަށް ދާން ބޭނުންވާ ހުރިހާ އެންމެން ރަށަށް ދާން ބޭނުންވާތީ އެއްދުވަހު ހުރިހާ އެންމެން ދޯންޏަކަށް އަރުވާފައި ރަށަށް ފޮނުވާ ނުލެވޭނެ ކަމަށެވެ. އޭގެ ސަބަބުން ދިމާވާނެ ގެއްލުން އަދި މާ ބޮޑުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު މަބުރޫކު މުހިންމު ވާހަކައެއްވެސް ވިދާޅުވީ އެވެ. އެއީ ކުލި ނުދެއްކިގެން ހާލުގައި އުޅޭ މީހުންނަށް ބައެއް ފަރާތްތަކުން އަމަލުކުރާ ގޮތާމެދު ހިތާމަކޮށް އޭނާ ވިދާޅުވި ވާހަކައެކެވެ.

"މިވަގުތަކީ އެކަކު އަނެކަކަށް އަޅާލަން ޖެހޭ ވަގުތު. މިވަގުތަކީ އަޅުގަނޑުމެން ކަންކުރާ ގޮތަކީ ފަހުން ވިސްނާލާއިރުގައި ފަހުރުވެރި ވެވެން ޖެހޭނެ. އެއީ އަޅުގަނޑުމެން ލަދު ގަންނަ ގޮތަކަށް އަމަލުކުރެވުނު ވަގުތަކަށް ވެގެން ނުވާނެ. މިކަހަލަ ވަގުތުތަކަކީ މުޖުތަމައުއެއްގެ ގޮތުގައި އަޅުގަނޑުމެންގެ އަސްލު ސިފަ އެންމެ ބޮޑަށް ފެންނާނެ ވަގުތުތައް." މަބްރޫކު ވިދާޅުވި އެވެ.

ކުލި ދެއްކޭނެ ހާލަތެއް ނެތިގެން ކުލި ނުދެއްކުމުން ގެއިން ނެރުނު 11 މީހަކަށް މިހާރުވެސް ސަރުކާރުން ދަނީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ. އަދި ބައެއް އަމިއްލަ ފަރާތްތަކުންވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ދަނީ ފޯރުކޮށްދެމުންނެވެ. ރައްޔިތުން ތިބީ ހާލުގަ އެވެ. ދެކެމުން އައި ހުވަފެންތައް އެއްފަރާތްކޮށްލައި ތަންމަތި ބަނދެގެން މިހާރު ތިބީ އަމިއްލަ ވަޒަނަށް ދާން ފުރުސަތު ލިބޭނެ ދުވަހަކަށް ބަލަބަލަ އެވެ. މާލޭގެ މި ވަޒަނުގައި ފުރުސަތެއް ނެތެވެ. ބިކަވެ ނިކަމެތިވުން ނޫން ކަމެއް ނުވި އެވެ.

comment ކޮމެންޓް