މާލޭގެ ފެން ހިންދާ ނިޒާމު ވަރުގަދަކުރަން ވޯލްޑް ބޭންކުން 16 މިލިއަން ޑޮލަރު

ޑިސެމްބަރ 5، 2018: ބޯ ވިއްސާރަޔާއެކު މާލެ އާދަޔާ ހިލާފަށް ފެންބޮޑުވެ، ގޭގެއަށް ބޮޑެތި ގެއްލުންތަކެއްވުން: މިއަދުގެ ހެނދުނު ދިހަޔަކުން މެންދުރު އެކަކަށް މާލެއަށް 44 މިލިމީޓަރުގެ ވާރޭވެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމްރާނީ ތަރައްގީއާއެކު ކާރިސާތަކުން އަރައިގަތުމުގެ ގާބިލްކަން އިތުރު ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 16.5 މިލިއަން ޑޮލަރު (254.43 މިލިއަން ރުފިޔާ)ގެ އެހީ ދޭން ނިންމައިފި އެވެ.

ވޯލްޑް ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އެހީގެ ބޭނުމަކީ ކާރިސާތަކާއި އެހެނިހެން ހާދިސާތަކުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރެވޭ ފަދަ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކޮށް ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުން ކަމަށެވެ. އެ އެހީގެ އެއްބަސްވުމުގައި މިދިޔަ ހަފްތާގައި ޑިޖިޓަލްކޮށް ސޮއިކޮށް އިދާރީ ކަންކަން ނިމިފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ވޯލްޑް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެ، ނޭޕާލް އަދި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ޑރ. އައިޑާ ސްވަރާއީ-ރިޑިހޯ އެވެ.

"މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓް" ގެ ނަމުގައި ހިންގާ އެ މަޝްރޫއުގެ ދަށުން، މާލޭގެ ފެންހިންދުމުގެ ނިޒާމްގެ ފެންވަރު މަތިކުރެވިގެންދާނެ އެވެ. މި މަޝްރޫއުގެ ދަށުން، ނަރުދަމާގެ ނިޒާމް މެދުވެރިކޮށް ހިންދޭ ފެން ރައްކާތެރި ގޮތުގައި ނައްތާލުމަށްޓަކައި ބޭނުންވާ ސޫވޭޖް ޓްރީޓްމަންޓް ޕްލާންޓެއް، ހުޅުމާލޭގައި ގާއިމް ކުރާނެ އެވެ.

މި ޕްލާންޓްގެ ސަބަބުން، ރައްކާތެރި ނޫން ގޮތުގައި އުކާލެވޭ ފެން މޫދަށް އެޅުން މަދުވެ، ސިއްހީ ނުރައްކާތައް ކުޑަވާނެ އެވެ. އަދި ވެށި ކިލަބުވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވެވޭނެ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

އެ އިދާރާ އިން އަދި ބުނީ ކޮވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތްވުމުގައި ސާފުތާހިރުކަން މުހިންމު ދައުރެއް އަދާކުރާއިރު، މި ސުވަރޭޖު ޓްރީޓްމަންޓް ޕްލާންޓްގެ ބޭނުން ބޮޑުވެފައިވާ ކަމަށެވެ.

"ތޮށްޖެހިފައިވާ ސިޓީތަކުގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެއް. ސަރަހައްދީ ހަބްތައް ގާއިމްކޮށް، ތޮށްޖެހުން ކުޑަކުރުމަށް އަމާޒުކުރެވޭ ގެދޮރުވެރިކުރުމުގެ ސިޔާސަތުތައް ވެގެންދާނީ ގުދުރަތީ ކާރިސާތަކާއި ބަލިމަޑުކަން ފަދަ ކަންކަމުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުތަކަށް،" ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާ ދެކޮޅަށް މިހާރަށް ވުރެ ރަނގަޅަށް މަސައްކަތްކުރުމަށް ރާއްޖެ އަށް އެހީތެރިވެދިނުމުގެ ގޮތުން، ދުރާލާ އިންޒާރުދޭ ޒަމާނީ ނިޒާމެއް ފޯރުކޮށްދިނުން ހިމެނޭ ގޮތަށް، ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަކުރުމަށްވެސް މަސައްކަތްކުރެވޭނެ އެވެ.

"އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާއިރު، ފެންހިންދުމުގެ ނިޒާމްގެ ފެންވަރު ރަނގަޅުކޮށް، ވާރޭފެން ރައްކާކުރުމުގެ ސަބަބުން ހަމައެކަނި އިތުރުވެގެންދާނީ މި ރަށްރަށުގައި ލިބެންހުންނަ މީރުފެނުގެ މިންވަރެއް ނޫން. އެއާ އެކު، ބޮޑެތި އާބާދީތައް ދިރިއުޅޭ ޞަރަޙައްދުތަކުގައި އަލިފާން ނިއްވުމުގައި ބޭނުންކުރަން ހުންނަ ފެނުގެ ނިޞްބަތްވެސް އިތުރުވެގެންދާނެ،" ވާލްޑް ބޭންކުން މި މަޝްރޫއަށް ކަނޑައަޅާފައިވާ ޓާސްކް ޓީމް ލީޑަރުން ކަމަށްވާ ކައުބަނާ އަމަންކައު-އަޔޭ އަދި ސުރާންގަ ކަހަންޑަވާ ވިދާޅުވި އެވެ.

މި "އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓް" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މާލެ އަދި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗާ އިންނެވެ.

މި މަޝްރޫއަށް ޖުމްލަ ހޭދަކުރެވޭނީ 16.5 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ފޯރުކޮށްދޭ 8.25 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 8.25 މިލިއަން ޑޮލަރުގެ ލޯނު އެހީ އެވެ.

comment ކޮމެންޓް