72 އަހަރުގައި އެޓްލާންޓިކު ކަނޑު ހުރަސްކޮށް، ރެކޯޑު ފޮތަށް

72 އަހަރުގެ ގްރެހަމް ވޯލްޓާސް ވަނީ އެޓްލާންޓިކު ކަނޑުގައި އެކަނި ފަލި ޖަހައި އެކަނޑު ހުރަސްކޮށްފައިވާ އެންމެ ދުވަސްވީ މީހާގެ ރެކޯޑު ގާއިމުކޮށްފައި --- ފޮޓޯ : އެމްއެސްއެން

އުމުރުން 72 އަހަރުގައި ފަލި ޖަހައި އެޓްލާންޓިކް ހުރަސްކޮށް، އެކަނޑު ހުރަސްކުރި އެންމެ ދުވަސްވީ މީހާގެ ރެކޯޑު، އިނގިރޭސިވިލާތުގެ މީހެއް ގާއިމުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ލެސްޓާ ސިޓީއަށް ނިސްބަތްވާ އުމުރުން 72 އަހަރުގެ ފިރިހެނެއް ކަމަށްވާ ގްރެހަމް ވޯލްޓާސް ވަނީ، އެޓްލާންޓިކް ކަނޑުގައި އެކަނޑި ފަލި ޖަހައި ހުރަސްކުރި އެންމެ ދުވަސްވީ މީހާގެ ރެކޯޑު ގާއިމުކޮށްފަ އެވެ.

އޭނާއަށް އެ ރެކޯޑު ގާއިމުކުރެވިފައި ވަނީ ކިރިޔާއެވެ. އެއީ ފަލި ޖެހުމަށް ފަހު މަންޒިލާ ހަމައަށް ގާތްވެފައިވަނިކޮށް ޖެހުނު ގަދަ ވަޔާއެކު އޭނާ ވަނީ އަތިރިއާ ހަ މޭލު ބޭރަށް ގެންދިޔުމުންނެވެ.

އޭގެ ސަބަބުން އޭނާގެ ރެކޯޑު ގާއިމުކުރުމަށް ހުރަސް އެޅިފައިވެ އެވެ. އެހެންނަމަވެސް އެންމެ ފަހުން އޭނާ، އެޓްލާންޓިކް ކަނޑު ހުރަސްކޮށް މަންޒިލާ ހަމައަށް ދިޔުމުން ގީނެސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ވަނީ އޭނާ ޖާގަ ހޯދާފަ އެވެ.

އެޓްލާންޓިކް ކަނޑުގައި ފަލި ޖެހި އެންމެ ދުވަސްވީ މީހާގެ އިތުރުން އޭނާއަކީ ކަނޑުގައި އެކަނި އެއްފަހަރަށްވުރެ ގިނަ ފަހަރަށް ރަސްމީކޮށް ފަލި ޖެހި އެންމެ ދުވަސްވީ މީހާވެސްމެ އެވެ.

"ވަރަށް އުފާކުރަން ވޯލްޑް ރިކޯޑުގައި ދެ ރެކޯޑެއްގައި ހިމެނުނީމަ. މިއިން އެންމެ ފަހުން ސާބިތު މިކޮށްދެނީ އަޅުގަނޑު މިހުރިހާ އަހަރުތަކެއްގައި ކުރި ބުރަ މަސައްކަތް ފެންނަން އެބައޮތްކަން،" ވޯލްޓާސް ބުންޏެވެ.

ވޯލްޓާސް އެންމެ ފުރަތަމަ ފަލި ޖަހައި ކަނޑު ހުރަސްކުރުމުގެ ޝައުގުވެރިކަން އުފެދުނީ އުމުރުން 22 އަހަރުގަ އެވެ. އެއަށް ފަހު އެ މަސައްކަތް ކުރުމަށް ވޯލްޓާސް އެތައް އަހަރެއް ހޭދަކޮށްފައިވަނީ އެކި ކަހަލަ މުބާރާތްތަކުގައި ބައިވެރިވެގެންނެވެ.

މިހާރު ވޯލްޓާސްގެ ހުވަފެން ހަގީގަތަކަށް ވެފައިވާއިރު އޭނާ ހުރީ ގެއަށް ދެވޭނެ ގޮތެއް ނެތިފަ އެވެ. ކޮވިޑް-19 އާ ގުޅިގެން ވޯލްޓާސް ހުރީ މުބާރާތް ނިންމުމަށް ފަހު ކެރީބިއަން ކަނޑުގެ ރަށެއް ކަމަށްވާ އެންޓިގުއާގައި ތާށިވެފަ އެވެ. އެއީ އިނގިރޭސިވިލާތަށް އެނބުރީ ދާނެ ފްލައިޓެއް ނެތުމުންނެވެ. އެހެންނަމަވެސް ވޯލްޓާސް ބުނަނީ އިންތިޒާރުގެ ނަތީޖާ ރަނގަޅުވާނެ ކަމަށެވެ.

comment ކޮމެންޓް