ކޮވިޑް ދިރާސާކުރަމުން ދިޔަ ޕްރޮފެސަރެއް މަރާލައިފި

ޔުނިވާސިޓީ އޮފް ޕިޓްސްބާގްގެ ޕްރޮފެސަރެއް ކަމަށްވާ ބިންގް ލޫ ގަޔަށް ބަޑި ޖަހައި އޭނާ މަރާލީ ގޭގައި ހުއްޓައި --- ފޮޓޯ : ސީއެންއެން

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ބޮޑެތި ދިރާސާތަކެއް ކޮށް ވަރުގަދަ ހޯދުންތަކެއް އާންމުކުރުމަށް ތައްޔާރުވެފައިވާ، އެމެރިކާގެ ޔުނިވާސިޓީ އޮފް ޕިޓްސްބާގްގެ ޕްރޮފެސަރެއް ކަމަށްވާ ބިންގް ލޫ މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ ބިންގް ލޫ މަރާލާފައި ވަނީ އޭނާގެ ގޭގައި ހުއްޓައި ބަޑި ޖަހާފައި ކަމަށެވެ. އެގޮތުން އޭނާގެ ބޮލާއި މޭގެ އިތުރުން ހަށިގަނޑުގެ އެހެން ތަންތަނުގައި ވަޒަން ހުރި ކަމަށް ފުލުހުން ބުންޏެވެ.

ރޮސް ޕުލުސް ޑިޕާާޓްމެންޓުން ބުނެފައިވަނީ އޭނާ މަރާލާފައިވާ މީހާ ކަމަށް ބެލެވޭ މީހާ ވަނީ ފެނިފައި ކަމަށެވެ. އޭނާ ފެނިފައިވަނީ ބިންގް ލޫގެ ގޭގެ ކައިރީގައި އޮތް ކާރެއް ތެރެއިން ކަމަށާއި ބެލެވޭގޮތުގައި އޭނާ ވަނީ އަމިއްލައަށް މަރުވެފައި ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި ދެނެގަނެފައި ނުވާ މީހާ ވަނީ ކާރު ތެރޭގައި އިނދެ އަމިއްލަ ގަޔަށް ބަޑި ޖަހައި މަރުވެފައި ކަމަށްވެސް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ އެ ދެމީހުންނަކީ އެކަކު އަނެކަކަށް އެނގޭ ދެމީހުންކަން ދެނެގަނެވިފައިވާ ކަމަށެވެ.

ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދަނީ ލޫ މަރާލާފައިވަނީ އޭނާއަކީ ޗައިނާއަށް ނިސްބަތްވާ ޕްރޮފެސަރަކަށް ވާތީއެވެ. އެހެންނަމަވެސް މިހާތަނަށް ހޯދި ހޯދުންތަކުން އެކަން ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ޔުނިވާސިޓީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލޫގެ މަރާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.

"ބިންގް މަސައްކަތް ކުރަމުންދިޔައީ ކޮވިޑް-19 އާ ގުޅޭ ހޯދުންތައް ހޯދުމަށް. އޭނާގެ ދިރާސާތަކުން ވަނީ އާ ހޯދުމަކާ ހަމައަށް ވެސް ކައިރިވެފައި. އެއީ ކޮވިޑް-19ގެ ސެލިއުލާ މެކޭނިޒަމްތައް ދެނެގަނެ އެކަމުން ހޯދުމަށް ތައްޔާރުވެފައިވާ އާ ހޯދުމެއް،" އެ ޔުނިވާސިޓީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

comment ކޮމެންޓް