ބުންޑެސްލީގާގެ ބާކީ ބައި މި މަހު ފަށަނީ

ވޮލްފްސްބާގް ކައިރިން 0-6 އިން ބަޔާން މޮޅުވި މެޗުގައި ބަޔާންގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު --- ފޮޓޯ/ ޖޭމީ ސްމިތް

ޖަރުމަނުގެ ބުންޑެސްލީގާގެ ކުޅުން ފެށުމަށް އެގަައުމުގެ ސަރުކާރުން ހުއްދަ ދިނުމާ އެކު މި މަހުގެ މެދުތެރޭގައި ލީގުގެ ނުނިމި އޮތް ބައި އަލުން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލްވުމެއް ނެތި ގިނަ ގައުމުތަކެއްގައި ފެތުރެން ފެށުމާ އެކު ޔޫރޮޕުގެ ފުޓުބޯޅަ މުއްދަތެއް ނެތް ގޮތަށް ފަސް ކުރީ މާޗު މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން ގައުމުތަކުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ފަހު މިހާރު ބައެއް ގައުމުތަކުން ވަނީ ފުޓުބޯޅަ ސީޒަން ކެންސަލް ކޮށްފަ އެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމް އަދި ނެދަލެންޑްސްގެ އިތުރުން އާޖެންޓީނާގެ ފުޓުބޯޅަ ސީޒަންވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

ނަަމަވެސް އިނިގިރޭސިވިލާތާއި، ސްޕެއިން އަދި ޖަރުމަނުގެ އިތުރުން އިޓަލީން އަންނަނީ ލީގު ފެށުމަށް ތައްޔާރުވުމަށް މަސައްކަތްތައް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރަސްމީކޮށް ޕްރެކްޓިސް ފަށައި، ޖޫންގެ ކުރިން ލީގުގެ މެޗުތައް ފެށޭ ވަރު ވާނެ ކަމަށް އެގައުމުތަކުގެ މީޑިއާ ރިޕޯޓުތަކުން ބުނެ އެވެ.

އެގޮތުން ޖަރުމަނުގެ ލީގުގެ ކުޅުން ފެށުމަށް އެގައުމުގެ ޗާންސެލަރު އެންޖެލާ މާކެޓް ވަނީ ހުއްދަ ދީފަ އެވެ. އެއާ އެކު ބުންޑެސްލީގާ އެކެއް އަދި ބުންޑެސްލީގާ ދޭއްގެ ކުޅުން މި މަހުގެ މެދަކާއި ހިސާބުގައި ފެށުމަށް ވަނީ ތައްޔާރުވާން ފަށައިފަ އެވެ.

ޖަރުމަނުގެ ލީގުތައް ފެށުމަށްޓަކައި ކުލަބުތަކުން މިހާރު ވަނީ ޕްރެކްޓިސްތައް ފަށައިފަ އެވެ. އެކަމަކު ޕްރެކްޓިސްތައް ފެށުމުގެ ކުރިން ކުޅުންތެރިން ޓެސްޓް ކުރި އިރު ލީގުގައި ވާދަކުރާ ކުލަބުތަކުިގެ ތެރެއިން 10 ކުޅުންތެރިއަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެހެން ނަމަވެސް ޕޮޒިޓިވްވި ކުޅުންތެރިން ނުލައި ކުލަބުތަކުން އަންނަނީ ޕްރެކްޓިސްތައް ކުރިއަށް ގެންދަމުންނެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން މާޗު 13 ވަނަ ދުވަހު ބުންޑެސް ލޯގާގެ ކުޅުން މެދުކަނޑާލި އިރު ބާކީ ނުވަ ރައުންޑް ކޮންމެ ޓީމަކަސް ވެސް އޮތެވެ. އަދި މިހާރު އޮތް ގޮތުން ނަމަ ލީގު އަލުން ފެށުމަށް މަޝްވަރާ ކޮށްފައި އޮތީ މި މަހުގެ 13 ވަނަ ދުވަހު ނޫނީ 23 ވަނަ ދުވަހު ކަމަށް ޖަރުމަނުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނެ އެވެ.

ނަމަވެސް ޖަރުމަނުގެ އާއްމު ހުރިހާ އެއްވުންތައް އޯގަސްޓްގެ ނިޔަލަސް މަނާކޮށްފައި އޮތުމުން ލީގުތައް ފެށިޔަސް މެޗުތައް ކުޅޭނީ އެއްވެސް ސަޕޯޓަރަކު ދަނޑަށް ނުވައްދާ ކަމަށް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް