ބާޒާރަށް ފިލާވަޅެއް ނުލިބުނު، ގައިދުރުކަން ސަމާސާއަކަށް!

މާލެއަށް ބޯޓެއް އައިވަގުތު އާންމުން ޖަމާވެފައި: ބާޒާރުގައި ގައިދުރުކަމެއް ނެތް -- ފޮޓޯ/ އެފްބީ

ބޭހެއް، ވެކްސިނެއް އަދި އެހެން ވެސް ފަރުވާއެއް އަދި ނެތް ކޮރޯނާވައިރަސް މާލެ އާއި އަތޮޅުތަކުގައި ހަލުއިކަމާ އެކު ފެތުރެން ފަށާފައިވާ އިރު އެ ވައިރަސް މައިތިރި ކުރަން މި ވަގުތަށް އޮތް ފަރުވާއަކީ ފަރުދީ ޒިންމާ އަދާކުރުމެވެ. ވައިރަސް އެންމެ ފަސޭހައިން ފެތުރެނީ، ބަލި ޖެހިފައިވާ މީހަކު ވާހަކަ ދައްކާއިރު ނޫނީ ކެއްސާ ކިބިހި އަޅާއިރު ބުރައިގެން ދާ ކުޅުތިކިތަކުން ކަމަށްވާއިރު، ސިއްހީ މާހިރުންގެ ލަފަޔަކީ ދިރިއުޅުމުގައި އިޖްތިމާއީ ގައިދުރުކަން ނުވަތަ ފިޒިކަލް ޑިސްޓޭންސިން ބެހެއްޓުމެވެ. އެންމެ ކުޑަމިނުން 3-6 ފޫޓްގެ ދުރުމިނެއް އެކަކު އަނެކަކު މެދުގައި ބެހެއްޓުމެވެ. މުޖުތަމައެއްގެ ތެރޭގައި ވައިރަސް ފެތުރިގެންދާ ހަލުއިމިން ބިނާވެފައި ވަނީ މި ދުރުކަން ބަހައްޓާ މިންވަރެއްގެ މައްޗަށެވެ.

ވައިރަސް މިއިން ދުވަހަކު ދުނިޔެއިން ފިލައިގެން ނުދާނެކަން މިހާރު ޔަގީންވާއިރު ވައިރަހާ އެކު އުޅެން ދަސްކުރުން ފެށެނީ ގައިދުރުކަމާ ހަމައިންނެވެ. އެކަމަކު ދިވެހިން އަދި މި އާދައާ ވަރަށް ބީރަށްޓެއްސެވެ. މާލޭގައި ވައިރަސް އެންމެ ގަދަޔަށް ފެތުރިގެން ދިޔަ "ހޮޓްސްޕޮޓް" ބާޒާރު މަތިން މި އާދަ އެއްގޮތަކަށް ވެސް ނުފެނެ އެވެ. އެކަމަކު ގައިދިރުކުރުމަށް ދޭ އިރުޝާދަކީ ސަމާސާއެއް ނޫނެވެ. އަދި އެއީ، ފަރުވާކުޑަކުރެވެން އޮތް ކަމެއް ވެސް ނޫނެވެ.

މެއި 14، 2020: ކޮވިޑް-19 ފެތުރޭތީ، ވެރިރަށް މާލެ ފުރަބަންދުގައި އޮތް އިރު މަސްވެރިން މަސްބާނައިގެން އައިސް މާރުކޭޓް ސަރަހައްދުގައި ދޯނުތަކުގައި ތިބެގެން މަސް ވިއްކުމުގެ މަސައްކަތުގައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މާލޭގެ ބޮޑެތި ފިހާރަތަކާއި ބާޒާރުމައްޗަށް ބަލައިލުމުން ގައިދުރުކުރުމަށް އެއްވެސް ސަމާލުކަމެއް ދޭތަނެއް ނުފެނޭ ބުނުން އެއީ ދޮގަކަށް ނުވާނެ އެވެ. ދިވެއްސެއް ބިދޭސީއެއް ކިޔާނެ ކަމެއް ނެތެވެ. އެކި ފިހާރަތަކުން ވިޔަފާރިކުރަންދާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދެނީ އެކި އުސޫލުތަކަށެވެ. އެއްބައި ތަންތަނުން އާންމުންނަށް ފިހާރައަށް ވަނުމުގެ ހުއްދަ ދެއެވެ. އަނެއް ބައި ތަންތަނުން ހަދާ ގޮތަކީ މީހުން ބޭރުގައި ބައިތިއްބާފައި ގަންނަން ބޭނުންވާ ތަކެތި ބުނެލުމުން ފިހާރައިގެ މުވައްޒަފެއް ދޮރާ ހަމައަށް އެ ތަކެތި ގެނެސްދިނުމެވެ.

ބައެއް ފިހާރަތަކަށް ވަނުމުގެ ހުއްދަ ދެނީ ފަހަރަކު ދެ ތިން މީހަކަށެވެ. ނަމަވެސް މިކަހަލަ އެއްވެސް ފިޔަވަޅެއް ނާޅާ ހުންނަ ފިހާރަތައް ވެސް މަދެއް ނޫނެވެ. އެކަމަކު އިކޮނޮމިކް މިނިސްޓްރީއިން ފިހާރަ ހުޅުވަން ހުއްދަ ދިނީ އެކަމަށް ޝަރުތުކޮށްފަ އެވެ.

މެއި 12، 2020: މާލޭގެ ބާޒާރު ސަރަހައްދުގައި ބަޔަކު ހަރަކާތްތެރި ވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ހުރިހާ އުސޫލުތަކުގައި ވެސް އެއްގޮތްވާ ކަމަކީ ފިހާރައިގެ ބޭރުގައި ދަމާލާފައި އޮންނަ ދިގު ކިޔޫ އެވެ. ހުރިހާ އެންމެން ކަހަލަ ގޮތަކަށް ތިބެނީ މާސްކު އަޅައިގެންނެވެ. މަދުން ނަމަވެސް އަންގި ލައިގެން ތިބޭތަން ފެނެ އެވެ. ނަމަވެސް ކިޔޫގައި މަޑުކޮށްލައިގެން ތިބޭ ތިބުމުގައި އެކަކު އަނެކަކާ ދެމެދު ފޫޓެއްގެ ދުރުމިން ވެސް ނުހުރެ އެވެ. މާސްކު އެޅުމަކީ ރަނގަޅު ކަމެއް ނަމަވެސް އެއާ އެއްވަރަށް ގައިދުރުކުރުމަކީ ވެސް މުހިންމު ކަމެއް ކަން ހަނދާނެއް ނުހުރެ އެވެ.

ކޮވިޑް19 މާލޭގައި ފެތުރުމާއެކު މާލެ ލޮކްޑައުން ހާލަތުގައި ބަޔަކު ވިޔަފާރި ކުރުމަށް ފިހާރައެއް ކައިރީގައި ކިއޫ ހަދައިގެން. މަދު ބަޔަކު ފިޔަވައި އެންމެން ވެސް ތިބެނީ މާސްކު އަޅައިގެން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބާޒާރުމަތީގައި ހާލަތު ބަލައިލިއިރު ފެނުނީ އަދި މާ ބިރުވެރި މަންޒަރެކެވެ. މާރުކޭޓު ކުރިމަތިން ފަޅުގައި އަޅާފައި ހުރި ބޯޓުތަކުގައި ތިބި މީހުން ތިބި ގޮތުން، އެމީހުންނަށް މިކަމުގައި ހުރި ބިރުވެރިކަން ނުވެސް އެނގޭ ކަހަލަ އެވެ. ދޯނިފަހަރުގެ މަޅުމަތީގައި އެކަކު އަނެކަކު ބޮޑިވެގެން ތާސްކުޅުމާއި ސަޅިބައިސާ ކަނޑަން 10 ވަރަކަށް މީހުން ތިބެނީ ކައިރިކައިރީގަ އެވެ.

ރަށްރަށުން މާލޭ ބަނދަރަށް ބޯޓުފަހަރު އަންނަ ވަގުތުކޮޅަކީ ވެސް މީހުން އެއްތަނަކަށް ޖަމާވެ، ބާރުބޮޑުވާ ވަގުތެ ކޮޅެކެވެ. ރަށުން ފޮނުވާ ހަދިޔާ ފޮށިގަނޑާއި، ރަށުން ފޮނުވާ މުދާކޮޅު ބަލާ މީހުން ޖަމާވެފައި އޮންނަނީ އެގަހު ކޭލެއް މިގަހު ކޭލެއް ވަކިނުވާ ވަރަށެވެ. ބައެއް ފަހަރު ހީވަނީ މުބާރާތެއްގައި އުޅޭހެން އެވެ. ޖެހިގެން ހުންނަ މީހާގެ ގައިމަތިން އަރައިގެން ވެސް ވީހާ އަވަހަށް ފޮށިގަނޑު އަތުޖައްސައިގެން އެތަނުން ދެވޭތޯ ކޮންމެ މީހަކުވެސް ބަލަ އެވެ. އެކަމަކު ސުވާލަކީ ދުރުދުރުގައި ތިބެގެން، ފަހަރަކު މީހަކު ފޮށިގަނޑު ނަގައިގެން ދިޔުމަކުން ލިބޭނޭ އޮތީ ކޮން ގެއްލުމެއް ހެއްޔެވެ؟ އެންމެން ބޮޑިވެ މަސްހުނިވާން ޖެހޭ ހެއްޔެވެ؟ އެންމެ ކުރިން ފޮށިގަނޑު ނުނެގިއްޔާ ފަހެ، އެ ފޮށިގަނޑެއް ނުވެއް ގެއްލޭނެ ވިއްޔާ އެވެ؟

މެއި 14، 2020: ފަތަހަ ހޯމް އިމްޕްރޫވްމަންޓްއިން ވިޔަފާރި ކުރުމުގައި ބަޔަކު އަވަދި ނެތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހޯލްސޭލް ފިހާރަތައް ވެސް ގިނަ ބާޒާރުމަތީ އުޅަނދުފަހަރަށް މުދާ ބަރުކުރާ ބިދޭސީންގެ ފަރާތުން ވެސް ގައިދުރުކުރުކަމުގެ އާދަ އެއްގޮތަކަށް ވެސް ނުފެނެ އެވެ. މިހާތަނަށް މާލެއިން އެންމެ ގިނައިން ކޮވިޑް-19އަށް ޕޮޒިޓިވްވީ ހޯލްސޭލަރުންގެ ސަޕްލައިޗެއިންގައި އުޅޭ ބިދޭސީންނެވެ. އެކަމަކު އެ މީހުންނަށް އަދި ފިލާވަޅެއް ލިބުނުހެން ހީވެސް ނުވެ އެވެ.

ރަނގަޅެވެ! މުދާ އަރުވާ ބާލާ މީހުން ވެސް ތިބެނީ މާސްކު އަޅައިގެންނެވެ. ނަމަވެސް ހަމައެކަނި މާސްކު އަޅައިގެން ރައްކާތެރި ނުވެވޭނެކަން ސިއްހީ މާހިރުންގެ ވާހަކަތަކުން ޔަގީންވެ އެވެ. "ނިއު ނޯމަލް"ގައި އިޖުތިމާއީ ގައިދުރުކަން އެއީ، މަޖުބޫރު ކަމެކެވެ.

މެއި 14، 2020: ބާޒާރުމަތީގައި ބިދޭސީއިން މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިއްހީ މާހިރުންގެ ވާހަކަތަކުން ގައިދުރުކަމުގެ މުހިންމުކަން އެތައް ފަހަރަކު ބުނެދީފި އެވެ. ކޭސްތަކުގެ ސާޖެއް ނުވަތަ ކުއްލި އިތުރުވުމެއް އަންނާނެ ކަމަށް ލަފާކުރާ ދުވަހަކީ މި މަހުގެ 30 ވަނަ ދުވަހެވެ. ބަލި ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ ހިދުމަތް ދިނުމަށް ނިކުމެ އުޅޭ މީހުންގެ ފަރާތުން އެވެ. އެމީހުންގެ ފަރާތުން މިހާރު ވެސް ގޭބިސީތަކަށް މި ބަލި ވަންނަން ފަށާފައިވާ ކަމުގެ އިންޒާރު ޑޮކްޓަރުން ވަނީ ދެއްވައިފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ހިއްސާކުރާ ނަމްބަރުތަކުން އެނގޭ ގޮތުގައި ގައިދުރުކުރުމުގެ ގަވާއިދުތަކަށް މީހުން ބޯލަނބާ މިންވަރު ނިސްބަތުން ބަލާއިރު ހުރީ 70 ޕަސެންޓުގަ އެވެ. މިއީ ބަލައިލަން ބޮޑު އަދަދެއް ނަމަވެސް މިވަރުން ނުފުދެ އެވެ. ސާޖު އަންނަ ދުވަހަށް ލަފާކުރާ ނަންބަރުތަކަށް ބަލާއިރު އެ ދުވަހު އެކަނި ވެސް 1562 މީހަކަށް ބަލިޖެހޭނެ ކަމަށް ލަފާކުރެވެ އެވެ. ޓެސްޓު ކުރުމުގައި ހުރި ދަތިތަކާއެކު އޭގެ ތެރެއިން ދެނެގަނެވޭނެ ކަމަށް ބެލެވެނީ 390 މީހުންނެވެ. އައިސީޔޫގައި 12 މީހަކަށް ފަރުވާދޭން ޖެހިދާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މެއި 14، 2020: ބާޒާރުމަތީގައި ތާޒާ ފެން ޑެލިވެރީ ކުރުމުގައި ބިދޭސީން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް މިއޮތް ދެ ހަފުތާއެއްހާ ދުވަހަށް ލަފާކޮށްފައި އޮތީ ބިރުވެރި ހާލަތެކެވެ. މިހާރު ވެސް ކްލަސްޓާއަކާ ނުގުޅޭ ގިނަ އަދަދެއްގެ ކޭސްތަކެއް މާލެއިން ވަނީ ފެނިފަ އެވެ. މިއާއެކު އެންމެ ފަހުން އެޅި ފިޔަވަޅަކީ ބާޒާރުކުރަން ނިކުމެވޭ ދުވަހުގެ އަދަދު މަދުކުރުމެވެ. ބޭނުމަކީ ގޭބިސީތަކަށް ބަލި ވަނުމުގެ ދޮރު ހަނިކުރުމެވެ. ކުރިން ހަފުތާއަކު ދެ ދުވަހު ނިކުމެވުނު ނަމަވެސް، މިހާރު ނިކުމެވޭނީ ހަފުތާއަކު އެއް ދުވަހު އެވެ.

މެއި 14، 2020: މާލޭގެ ބާޒާރު ސަރަހައްދުގެ މަގުތައް ބާރުބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ވައިރަސް ހުއްޓުވުމުގެ ބާރު އޮތީ މިހާރު އަހަރުމެންގެ އަތް މަތީގަ އެވެ. އެއީ ފަރުދީ ޒިންމާ އަދާކުރުމެވެ. ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ރާއްޖެވެސް އެނބުރޭނީ، ނިއު ނޯމަލްއަކާ ދިމާލަށެވެ. އެއާ އެކު، ގައިދުރުކުރުކުރުން އެއީ އުނދަގޫ ނަމަވެސް ކޮންމެހެން ކުރަން މަޖުބޫރު އާންމު އާދައަކަށް ބަދަލުވާނެ އެވެ. އެއީ، ގުދު ފަތިކުރެވެން އޮތް ހަމައެކަނި ގޮތެވެ. އަދި ލޮކްޑައުނުން އަހަރުމެންނަށް ވީއްލެން އޮތް ގޮތަކީވެސް، އެއީ އެވެ.

comment ކޮމެންޓް