އެސްޓީއޯ ކާޑު ގުދަން ޑިސްއިންފެކްޓުކޮށް، ހިދުމަތް އަލުން ފަށައިފި

އޭޕްރީލް 22، 2020: އެސްޓިއޯ ކާޑު ކުދަނުން، ކާޑުގެ ބާވަތްތައް ލޮރީއަށް އެރުވުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯ ކާޑު ގުދަން ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ނިންމާލުމަށްފަހި ހިދުމަތް އަލުން ފަށައިފި އެވެ.

އެސްޓީއޯ ކާޑު ގުދަނުގައި މަސައްކަތް ކުރާ ތިން މުވައްޒަފަކު ކޮވިޑް19އަށް ޕޮޒިޓިވްވުމާއެކު އެތަން ޑިސްއިންފެކްޓު ކުރުމަށްޓަކައި ކުރިން އޮތީ ބަންދުކޮށްފަ އެވެ.

އެސްޓީއޯގެ މީޑިއާ ތަރުޖަމާނު އަބްދުﷲ މުހައްމަދު ވިދާޅުވީ ކާޑު ގުދަނާއެކު އަދި އިތުރު ބައެއް ތަންތަން ޑިސްއިންފެކްޓު ކުރުމަށްފަހު މިއަދު މެންދުރުފަހު 1:30ގައި އަލުން ހުޅުވާފައިވާ ކަމަށެވެ.

""ސްޓާފް ކުއާޓާ، ވެހިކަލް ގަރާޖު، ސްޓޭޕަލް ފުޑް ގޯޑައުން، ސުޕަމާޓު ގުދަން ޑިސްއިންފެކްޓުކޮށް ނިމިފައި. އޮޕަރޭޝަންސްތަކުގައި ބޭނުންކުރާ ވެހިކަލްތައް ވެސް ނިމިފައި ހުރީ." އަބްދުﷲ ވިދާޅުވި އެވެ.

ކާޑު ގުދަނުގެ ހިދުމަތް އަލުން ފަށާފައިވަނީ މެދުކެނޑުނުތާ މާ ގިނަ ވަގުތުތަކެއް ނުވަނީސްކަން އެސްޓީއޯއިން ފާހަގަކުރެ އެވެ. އެގޮތުން ހިދުމަތް މެދުކެނޑުނީ އިއްޔެ އޮޕަރޭޝަންސް ނިމުނު ފަހުން ކަމަށްވުމާއެކު ހިދުމަތް މެދުކެނޑުނީ މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:30އާ ހަމައަށް ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

އޭޕްރީލް 22، 2020: އެސްޓިއޯ ކާޑު ކުދަނުން، ކާޑުގެ ބާވަތްތައް ލޮރީއަށް އެރުވުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން މިހާރު ކަރަންޓީނުގައި ތިބި އެސްޓީއޯ މުވައްޒަފުންގެ ނަންބަރުތައް ވެސް އަބްދުﷲ ވަނީ ހިއްސާކުރައްވާފަ އެވެ.

"އަޅުގަނޑުމެންގެ ސްޓާފުންގެ ތެރެއިން (ގުދަނާއި އެހެން ޑިޕާޓްމަންޓްތަކުން) ބިދޭސީ ހަތަރު މީހަކާ އެއް ދިވެއްސަކު ވަނީ ޕޮޒިޓިވްވި. ގުޅީފަޅުގައި ކަރަންޓީނުގައި އެބަތިބި 31 ބިދޭސީއަކު. ތިން ދިވެހިން ކަރަންޓީނު ކުރެވުނު، އެ ތިން މީހުންގެ ވެސް ޓެސްޓު ނެގެޓިވް."

comment ކޮމެންޓް