އަމީނާ މުހައްމަދު އަމީން އަވަހާރަވެއްޖެ

ކުރީގެ ރައީސް މުހައްމަދު އަމީންދީދީގެ ދަރިކަނބަލުން އައްނަބީލާ އަމީނާ މުހައްމަދު އަމީން އަވަހާރަވެއްޖެ އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އަމީނާ އަވަހާވަރަވީ މިއަދު ހެނދުނު މާލޭގަ އެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 85 އަހަރެވެ. އެކަމަނާ އަވަހާރަވީ މިފަހުން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ.

އަމީނާ މުހައްމަދު އަމީނަކީ މުހައްމަދު އަމީން އަށް ލިބިވަޑައިގަތް ތިން ބޭފުޅުންގެ ތެރެއިން އަމީން ދީދީ ދުނިޔެ ދޫކުރެއްވި އިރު، ދުނިޔޭގައި އިންނެވި ހަމަ އެކަނި ދަރިކަނބަލުންނެވެ. އަނެއް ދެ ބޭފުޅުން ކުރިން ވަނީ އަވަހާރަވެފަ އެވެ. އަމީނާގެ މަންމާފުޅަކީ ހުސައިން ސަލާހުއްދީންގެ ދަރިކަނބަލުން ފާތުމަތު ސައީދެވެ.

މުހައްމަދު އަމީން އަށް ތިން ބޭފުޅުން ވެސް ލިބިވަޑައިގަތީ ފާތުމަތު ސައީދުގެ ބަނޑުފުޅުންނެވެ.

އަމީނާ ދުނިޔެ ދޫކުރެއްވި އިރު، އެކަމަނާގެ ފިރިކަލުންނާއި ހަތަރު ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. އަމީނާގެ ބޭފުޅުންނަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް، އަދި އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލް، ސުވޭކާރު އަބްދުލްހަމީދު އަދި އިބްރާހިމް ފައިސަލް އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް