ފްރީލާންސަރުންގެ ލޯނު 30،000 ރުފިޔާއަށް ބޮޑުކުރަން މަސައްކަތް ކުރަނީ

އޭޕްރީލް 11، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކޮވިޑް 19 ވިޔަފާރި އެހީ"ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ތައާރަފް ކުރި ލޯނުގެ ދަށުން އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ދޭން ނިންމާފައިވާ ލޯނު 30،000 ރުފިޔާއަށް ބޮޑުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

"ކޮވިޑް 19 ވިޔަފާރި އެހީ" އަކީ ކޮރޯނާ ވައިރަސް އާ ގުޅިގެން އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް ތައާރަފް ކުރި ލޯނެކެވެ.

އެސްޑީއެފްސީން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް އަމިއްލަ މަސައްކަތް ނުވަތަ ފްރީލާންސްކޮށް މަސައްކަތް ކުރާފަރާތްތަކަށް ލޯނުގެ ގޮތުގައި ގިނަވެގެން ދޫކުރާނީ 18،000 ރުފިޔާ ކަމަށެވެ.

އަމިއްލަ މަސައްކަތް ކުރާ މީހުންގެ ގޮތުގައި ބަލަނީ ވޭތުވެ ދިޔަ 12 މަހުގެ ތެރެއިން ހަ މަސް ދުވަހު މަސައްކަތްކޮށް އާމްދަނީއެއް ލިބިފައިވާނަމަ އެވެ.

ނަމަވެސް މި މަހުގެ ތިން ވަނަ ދުވަހު މިނިސްޓަރު ފައްޔާޒް ވަނީ ފޮޓޯގްރަފީ/ވީޑިއޯގްރަފީގެ ދާއިރާގައި މަސައްކަތް ކުރާ ބައެއް މީހުންނާއެކު "ޒޫމް" މެދުވެރިކޮށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

އަމިއްލަ މަސައްކަތް ކުރާ މީހުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް އެމީހުން އިސްނަގައިގެން ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވެފައި ވަނީ ފްރީލާންސަރުންގެ ލޯނު އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވާ 18،000 ރުފިޔާ އަކީ ކުޑަ އަދަދެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި ލޮކްޑައުން އަށް ދިއުމުގެ ކުރިން އެ އަދަދު ބޮޑުކުރަން ވާހަކަ ދައްކަމުން އަންނަ ކަމަށާއި، މިހާރު މަސައްކަތް ކުރަމުން އަންނަނީ ލޯނު 30،000 އަށް ބޮޑުކުރެވޭތޯ ކަމަށެވެ.

"މި ހަފްތާގައި ގޮތެއް ނިންމޭނެ ކަމަށް މިބަލަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކަށް ސަރުކާރުން ދޭން ނިންމާފައިވާ އެލަވަންސް، އަމިއްލަ މަސައްކަތްކުރާ މީހުންނަށް ވެސް ދޭން ރާވާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ވަޒީފާ ގެއްލުނު މީހުންނަށް ތިން މަސް ވަންދެން، މަހަކު 5000 ރުފިޔާ ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ.

"އަދަދު ވަރަށް ކުޑަ، ގަބޫލު ކުރަން. އެކަމު ކޮންމެވެސް އެއްޗެއް ދޭން ވިސްނުން ހުރީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ލޯނު އެހީއާއި، 5000 ރުފިޔާގެ އެލަވެންސް އެކަކަށް ލިބުމަކީ މި ހާލަތުގައި އެއްބާރުލުން ދޭ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަމިއްލަ މަސައްކަތް ކުރާ ލައްކައެއްހާ މީހުން އުޅޭ ކަމަށާއި، ވީއެންމެ ގިނަ ބަޔަކަށް، ހަމަހަމަ އުސޫލަކުން އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް އެކަމުގައި ގާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ގިނަ ދަތިތަކެއް ހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެގޮތުން މި ހާލަތުގައި ކޮންމެ މީހަކީ ރެޖިސްޓާ ވެފައިވާ މީހެއްކަމުގައި ނުބަލާ ކަމަށާއި، ސެލްފް އެމްޕްލޯއީޑް ވެރިފިކޭޝަން ފަސޭހަކުރުމަށް އެޓާނީ ޖެނެރަލްގެ ލަފަޔަކަށް ވެސް މިހާރު އެދިވަޑައިގެންފައިވާ ކަމަށެވެ.

ސަރުކާރުން އިއުލާން ކޮށްފައިވާ ގްރާންޓް އަދި ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވިފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެއީ ފޮޓޯގްރަފީ/ވީޑިއޯގްރަފީ ދާއިރާގައި މަސައްކަތް ކުރާ 240 އަށް ވުރެ ގިނަ މީހުން ހިމެނޭ ވައިބާ ގްރޫޕެއްގައި މަޝްވަރާކޮށް، އިންތިޒާމްކުރި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި އެމީހުންގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ މިނިސްޓަރާ ހިއްސާކޮށްފައެވެ.

comment ކޮމެންޓް