ޕްރެކްޓިސް ފެށުމުފެ ކުރިން ބާސެލޯނާގެ ކުޅުންތެރިން މިއަދު ޓެސްޓް ކުރަނީ

ބާސާއިން ވަނީ އަންނަ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަކުރަން ބައެއް ކުޅުންތެރީން ދޫކޮށް، އާ ކުޅުންތެރީން ހޯދުމަށް ނިންމާފައި-- ފޮޓޯ: ދިއިންޑިޕެންޑެންޓް

ކޮރޯނާ ވައިރަހުގެ ސަބަބުން މެދުކެނޑިފައި އޮތް ސްޕެނިޝް ލީގު އަލުން ފެށުމަށްޓަކައި ކުލަބުތަކުން ޕްރެކްޓިސް ފެށުމަށް ތައްޔާރުވަމުންދާ އިރު ބާސެލޯނާގެ ހުރިހާ ކުޅުންތެރިން ވެސް މިއަދުގެ ވަގުތެއްގައި ވައިރަހަށް ޓެސްޓް ކުރުމަށް ހަމަޖައްސައިފި އެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލްވުމެއް ނެތި ގިނަ ގައުމުތަކެއްގައި ފެތުރެން ފެށުމާ އެކު ޔޫރޮޕުގެ ފުޓުބޯޅަ މުއްދަތެއް ނެތް ގޮތަށް ފަސް ކުރީ މާޗު މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން ގައުމުތަކުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ފަހު މިހާރު ބައެއް ގައުމުތަކުން އަންނަނީ ފުޓުބޯޅަ ލީގުތައް ކެންސަލް ކުރަމުންނެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމް އަދި ނެދަލެންޑްސްގެ އިތުރުން އާޖެންޓީނާގެ ފުޓުބޯޅަ ސީޒަންވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

އެހެން ނަަމަވެސް އިނިގިރޭސިވިލާތާއި، ސްޕެއިން އަދި ޖަރުމަނުގެ އިތުރުން އިޓަލީން އަންނަނީ ލީގަށް ތައްޔާރުވުމުގެ ގޮތުން ކުޅުންތެރިން ލައްވާ ހާއްސަ ފަރިތަކުރުންތަކެއް ވެސް ކުރުވަމުންނެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރަސްމީކޮށް ޕްރެކްޓިސް ފަށައި، ޖޫންގެ ކުރިން ލީގުގެ މެޗުތައް ފެށޭ ވަރު ވާނެ ކަމަށް އެގައުމުތަކުގެ މީޑިއާ ރިޕޯޓުތަކުން ބުނެ އެވެ.

އެކަމަކު ޕްރެކްޓިސްތައް ފެށުމުގެ ކުރިން ޓީމުގެ ހުރިހާ ކުޅުންތެރިންނާއި ކޯޗިންގް ސްޓާފުން ވެސް ވައިރަހަށް ޓެސްޓް ކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. އެއާ އެކު ސްޕެއިނުގެ ބާސެލޯނާގެ ހުރިހާ ކުޅުންތެރިން މިއަދުގެ ވަގުތެއްގައި ޓެސްޓް ކުރުމަށް ނިންމާފައިވާ ކަމަށް އެކުލަބުން ވަނީ ބުނެފަ އެވެ.

ނަމަވެސް ޕްރެކްޓިސްތައް ކުރުމުގައި ވެސް ކުރިއާ ޙިލާފަށް ކޮންމެސް ވަރެއްގެ ގަވާއިދުތަކެއް ބަދަލުވާނެ ކަމަށް ކުލަބުން ވަނީ ބުނެފަ އެވެ. އެގޮތުން ޕްރެކްޓިސްތައް ފަށާއިރު ހުރިހާ ކުޅުންތެރިން އެއްފަހަރާ ޓްރެއިނިންގް ފެސިލިޓީތައް ބޭނުން ކުރުމުގެ ބަދަލުގައި ކުޅުންތެރިންގެ ވަކި ވަކި ގްރޫޕްތަކުން ފަރިތަކުރުންތައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ސްޕެއިނުގެ ލީގު އަންނަ މަހު ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް މެޗުތައް ކުޅުމަށް ސަޕޯޓަރުން ވެއްދުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ. އެހެން ކަމުން ސީޒަނުގެ ބާކީ އޮތް ބައިގެ ހުރިހާ މެޗެއް ސަޕޯޓަރުން ނުވައްދާ ކުޅުމަކީ އެކަށީގެންވާ ކަމެކެވެ.

ސްޕެއިނުގެ ލީގު މެދުކަނޑާލި އިރު އެއްވަނައިގައި ބާސެލޯނާ އޮތް އިރު ދެވަނައިގައި ދެ ޕޮއިންޓްގެ ތަފާތަކުން އޮތީ އެ ޓީމާއި އެންމެ ވާދަވެރި ރެއާލް މެޑްރިޑް އެވެ.

comment ކޮމެންޓް