ރޯދަމަހު މުނިފޫހިފިލުވުމަށް ޑރ. ޝަހީމްގެ އިރުޝާދު

އިސްލާމްދީނުގައި އިންސާނާގެ ހިތަށް އުފާވެރިކަން ލިބޭ ކަންތައްތައް ހެޔޮގޮތުގަައާއި އަދި އިސްލާމް ދީންގެ މަތިވެރި ހުދޫދު ތަކުގެ ތެރޭގައި މާތް ﷲ ވަނީ ހުއްދަ ކުރައްވާފަ އެވެ.

އެހެން ކަމުން ރޯދަ މަހުގައިވެސް އަޅުކަން ކުރުމާއި ޤުރުއާން ކިޔެވުމާއި ޒިކުރު ކުރުމާއި ރޭއަޅުކަން ކުރުމާއި މިކަންކަމުގެ އިތުރުންވެސް އެމީހަކު ހިތްހަމަ ޖައްސައި ފޫހިފިލުވުމަށް އިސްލާމް ދީން ޙުއްދަ ކުރާ އިމުގެ ތެރޭގައި ކަންތައްތައް ކުރެވޭނެ އެވެ.

"ގޭ ތެރޭގައި އާއިލާ އާއި އެކު އެންމެން ވެގެން ކުޅިވަރު ކުޅުމާއި ނުވަތަ އިސްލާމް ދީން ޖާއިޒު ކުރައްވާފައިވާ އަދި ރޯދަ މަހުގެ ހައިބަތާއި ޤަދަރަށް އުނިކަން ނާންނަ ހަމަ ކޮންމެ ކަމެއްވެސް ކުރެވިދާނެ " ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.

ކީރިތި ގުރުއާނުގައި މާތްﷲ ވަހީކުރައްވާފައިވެ އެވެ؛ "ދުނިޔޭގައި ތިބާއަށް ޓަކައި ލައްވާފައިވާ ނަޞީބު ތިބާ ހަދާން ނައްތާ ނުލާށޭ" އެހެންކަމުން އިސްލާމް ދީނަކީ ދުނިޔެއާއި އާޚިރަތުގެ ދީންކަން މި ވަހީއިން ހާމަވެގެންދެއެވެ.

މާތްﷲ އިންސާނާ ފިތުރަތު ކުރައްވާފައި ވަނީ އޭނާގެ ނަފްސަށް ބޭނުންވާ އުފާވެރިކަންވެސް އަދި ހަމަ އެހެންމެ ހިތާމައާއި މާޔޫސްވުމާއި ކުރިމަތިލާންޖެހޭ ޙާލަތްތައްވެސް މެދުވެރިވާގޮތަށެވެ. އެވަގުތު ތަކުގައި އޭނާ ﷲ މަތިން ހަދުމަކޮށް ޛިކުރު ކުރުމުގެ އިތުރުން އޭނާ މީހުންނާއި އެންގޭޖްވެ ވާހަކަ ދައްކާ، އަދި ފޮތް ކިޔުން އަދި ފިލްމު ބެލުން ނުވަތަ އެނޫންވެސް އޭނާގެ ހިތައް ފައިދާވާ އުފާކޮށްދޭ ޖާއިޒު ކަންތައްތައް ކުރެވިދާނެއެވެ.

"ފިލްމު ތަކުގެ ތެރޭގަވެސް ހުރޭ ޢިލްމީ ގޮތުން ހުންނަ ހޯދުން ތަކާއި ނުވަތަ އެކިއެކި ހުނަރުތައް ދައްކުވައިދޭ ފިލްމުތަކާއި ނުވަތަ އޭނާއަށް މަންފާއެއް ވާ ކަންތައްތައް ކުރެވިދާނެ. އޭގެ މާނައެއް ނޫން އިސްލާމް ދީން ހުއްދަ ނުކުރާ ބަދު އަޚްލާޤީ ފިލްމުތަކާއި އެކަންތައްތަކުގެ ތެރެއަށް ދިއުން." ޑރ. ޝަހީމް ވިދާޅުވިއެވެ.

މި ކަންތައްތަކުގެ އިތުރުން ގޭތެރޭގައި ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި ޑރ.ޝަހީމް ފާހަގަކުރައްވަނީ ކުދިންނަށް ފައިދާވަނިވި އެކިއެކި މުބާރާތްތައް ގޭގައި ބޭއްވުމެވެ. މިގޮތުން ތަފާތު އިލްމީ އެކި ދާއިރާތަކަށް ކުދިންގެ ލޯހުޅުވާލަދޭ ސުވާލު މުބާރާތްތަކާއި، ޤުރުއާން މުބާރާތް ނޫނީ މަދަޙަ މުބާރާތެއްވެސް ގޭތެރޭގައި ބޭއްވިދާނެއެވެ.

ހަމަ އެގޮތުން ޒުވާނުންނަށްވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޫހިފިލުވުމަށް ކުރެވޭނެ ހެޔޮ ވަރަށް ގިނަ ކަންތައްތަކެއް ހުންނަކަން ޑރ.ޝަހީމް ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ސޯޝަލް މީޑިއާގެ ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓާ ފަދަ އެކިއެކި ޕްލެޓްފޯރމް ތަކުގަ ފޫހިފިލުވުމަށްޓަކައި ރަޙްމަތްތެރިންނަށް ހެޔޮ ބަސްތައް ފޯރުކޮށްދިނުމާއި މަޝްވަރާ ކުރުމާއި ޢިލްމީ ކަންކަމުގައި ޑިސްކަސް ކުރުމާއި މިބާވަތުގެ ވަރަށް ގިނަ ކަންތައްތައް ކުރެވިދާނެ ރޯދަ މަސް ހެޔޮގޮތުގައި ބޭނުންކުރުމަށްޓަކައި." ޝަހީމް ވިދާޅުވި އެވެ.

ރޯދަމަހަކީ ހެޔޮ އަމަލުތައް ގިނަކޮށް އަގީދާ ވަރުގަދަކުރުމަށްޓަކައި ލިބޭ ރަނުގެ ފުރުސަތަކަށްވާއިރު، މުނިފޫހިފިލުވުމުގެ ގޮތުންވެސް ތިމާއާއި އާއިލާ ކުރާ ކަންތައްތަކަކީ އިސްލާމީ ހުދޫދުތަކުގެ ތެރެއިން ކުރެވޭ ޖާއިޒް ކަންކަމަށް ހަދަމާ ހިނގާށެވެ.

comment ކޮމެންޓް