ކޮވިޑްގެ ސަބަބުން ހާލުގައި ޖެހޭ މީހުންނަށް އެހީވާ ބިލު ވަރަށް އަވަހަށް އަލުން ހުށަހަޅާނަން: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު: އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލި "ކޮވިޑް19 ގެ އެހީތެރިކަމުގެ ބިލް" ވަރަށް އަވަހަށް އަލުން ހުށަހަޅުއްވާނެ ކަމަށް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލި "ކޮވިޑް19 ގެ އެހީތެރިކަމުގެ ބިލް" ވަރަށް އަވަހަށް އަލުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށް އެ ބިލް ހުށަހެޅުމުގެ ފުރުސަތު ނުދިނީ ދައުލަދުގެ ހަރަދާއި އާމްދަނީއާ ގުޅޭ ކަންތައްތައް އެ ބިލްގައި ހިމެނޭތީ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ދައުލަތުގެ އާމްދަނީއާ ގުޅޭ ކަންކަން ހިމެނޭ ބިލްތައް ހުށަހެޅޭނީ ސަރުކާރަށް އެކަންޏެވެ.

މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު މިރޭ "ސަން" އަށް ވިދާޅުވީ ހޯމަ ދުވަހު ބާއްވާ ޖަލްސާއަށް އެޖެންޑާ ކުރެވޭ ގޮތަށް އެ ބިލް އަލުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބިލް އަލުން ދިރާސާ ކުރައްވަމުން އަންނަ ކަމަށާއި އެ ބިލާ ގުޅޭގޮތުން އެކި ފަރާތްތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ އެމްޑީޕީގެ މެމްބަރުން މި ބިލާ ދެކޮޅު ހައްދަވާނެކަން. އެހެންނަމަވެސް މި ބިލް އަޅުގަނޑު ހުށަހަޅާނަން. މި ބިލްގައި ވާނީ ރައްޔިތުންނާ ސީދާގޮތުން ގުޅިފައިވާ ކަންކަން،" ސައީދު ވިދާޅުވިއެވެ.

ބިލާ ގުޅޭގޮތުން ސައީދު ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތައް ނެތިދިއުމުގެ ބިރު ބޮޑުވެފައިިވާ ކަމަށާއި އެތައް ހާސް އާއިލާއެއް ނިކަމެތިވެ ހާލުގައިޖެހެމުން އަންނަ ކަމަށެވެ.

އެހެންކަމުން އެ ފަރާތްތަކަށް އެހީވުމަށް ޕެންޝަން ފަންޑުގެ ހައްގުވެރިންނަށް ފައިސާ ދޫކުރުމާއި، ގޭގެ ކުއްޔަށް ލުއި ދިނުމާއި، ޓޫރިޒަމްގެ ސިނާއަތުން ވަޒީފާ ގެއްލުނު އެތައް ހާސް މުވައްޒަފުންގެ ވަޒީފާ ޔަގީން ކުރުން ބިލުގައި ހިމަނާފައިވެއެވެ.

ހަމައެއާއެކު ޓޫރިޒަމް ސިނާއަތުގެ ބިމު ކުއްޔަށް ޝެޑިއުލެއް އެކަށައެޅުމަށާއި، ސްޓޫޑެންޓް ލޯނު ފަސްކުރުމާއި، ކުދި ވިޔަފާރިތަކުގެ ޓެކްސް ފައިލް ކުރުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށާއި، ދަނޑުވެރިންނާއި މަސްވެރިންނަށް ލުއި ގޮތްތަކެއް ހޯދައިދެވޭނޭ އިންތިޒާމް ފަހިކޮށްދިނުމަށް ވެސް ބިލުގައިވެއެވެ.

ކޮވިޑް19 ގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވާ ހީނަރުކަމުގެ ސަބަބުން ދިވެހިންގެ ވަޒީފާތަކާއި ވިޔަފާރިތައް ސަލާމަތް ކުރަން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އިއުލާންކޮށްފަ އެވެ.

އެގޮތުން ފަރުދުންނާއި ވިޔަފާރިތަކުން ބީއެމްއެލްއިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ހަ މަހަށް ފަސްކޮށް، ވިޔަފާރިތަކަށް 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފްކުރުމާއި ވަޒީފާއަށް ބަދަލު އަންނަ މީހުންނަށް ތިން މަސް ދުވަހަށް 5000 ރުފިޔާގެ އެލަވަންސެއް ދިނުން ފަދަ ކަންކަން ހިމެނެއެވެ.

"އަޅުގަނޑުމެން މިކަން މިކުރަނީ ފަސް އަހަރު ސަރުކާރުގައި ތިބެ ތަޖުރިބާތަކެއް ހާސިލްކޮށްގެން އެކަމުގެ އަލީގައި ކަންކަން ކުރަންވީގޮތް ދެނެގަނެގެން،" ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް