ކުރީ ސަފުގައި، ފުރާނާއަށް ވުރެ ކުރިއަށް ގައުމު!

އެޗްޕީއޭގެ ރެޕިޑް ރެސްޕޮންސް ޓީމުގައި މަސައްކަތް ކުރަމުން އަންނަ އަހުމަދު ނާފިއު ހަސަން އޭނަގެ މަސައްކަތުގެ މައިދާނުގައި --

ނ. މާޅެންދޫ، އަބްދުﷲ ނާފިއު ހަސަން ހެލްތް ވޯކަރެއްގެ ގޮތުން، ރަށުގެ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަން ފެށިތާ އަދި މިވީ އަހަރެއްހާ ދުވަހެވެ. ކޮރޯނާވައިރަހުގެ ކޭހެއް ރާއްޖެއިން ފެނުމާ އެކު، މާޗް މަހުގެ އަށްވަނަ ދުވަހު އޭނާއަށް ލިބުނީ އެޗްޕީއޭގެ ފޯން ކޯލެކެވެ. އެ ކޯލާ އެކު އޭނާ ރަށުން ފުރައިގެން އައީ، އެ ވައިރަހުގެ ފުރަތަމަ ކޭސް ފެނުނު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ރެޕިޑް ރެސްޕޮންސް ޓީމްގެ ފޯކަލް ޕޮއިންޓެއްްގެ ގޮތުގައި ދުވަހުން ދުވަހަށް އޭނާ މަސައްކަތް ފަށައިގަތެވެ.

އާއިލާ އާއި ލޯބިވާ މީހުން ދޫކޮށް ނާފިއު އެ ދުވަހު ހިދުމަތަށް ނިކުތް ފަހުން ތިން މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އާއިލާ ކައިރިއަށް އެނބުރި ދެވޭނެ ދުވަހެއް އަދި ނުވެސް އެނގެ އެވެ. އެ ސުވާލަށް ޖަވާބު ދޭން އެނގޭ މީހަކު އަދި ނެތެވެ.

ސިފައިން ރައްކާތެރިކަމުގެ ގައުން ލައިގެން--- ފޮޓޯ: އެމްއެންޑީއެފް

ނާފިއު ބުނި ގޮތުގައި، އެދުވަހު އޭނާ ރަށުން ފުރިއިރު މިއީ އޭނާގެ ހަޔާތް އެކީއެކަށް ބަދަލުވެގެން ދާނެ ކަމެއްކަން ތަސައްވަރު ވެސް ކުރެވިފައެއް ނެތެވެ. އޭނާ ހީކުރީ މަހެއް ވެސް ނުވަނީސް އެނބުރި ރަށަށް ދެވޭނެ ކަމަށެވެ. އެކަމަކު، އެބަލީގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވެ، ނާފިއު ވެސް ޖެހުނީ އެ މަސައްކަތަށް އޭނާގެ ހުރިހާ ހަކަތައެއް ހޭދަކުރާށެވެ.

"މާޗުގެ އަށް ވަނަ ދުވަހު ގެއިން ނުކުން ގޮތަށް އަދި ގެއަަށް ނުގޮސް މިއުޅެނީ. މިގޮތެއްގައި އުޅޭތާ މިހާރު ތިން މަސް މި ދަނީ. އިހުސާސްތައް ވަރަށް ބައިވަރު. ބުނެދޭނެ ގޮތެއް ވެސް ނޭނގެ،" ނާފިއު އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ބުންޏެވެ.

އެޗްޕީއޭގެ ރެޕިޑް ރެސްޕޮންސް ޓީމުގައި މަސައްކަތް ކުރަމުން އަންނަ އަހުމަދު ނާފިއު ހަސަން އޭނަގެ މަސައްކަތުގެ މައިދާނުގައި ---

ނާފިއު ބުނިގޮތުގައި މި ތަޖުރިބާއަކީ އޭނާގެ ހަޔާތުގައި ވެސް މީގެ ކުރިން ދުވަހަކުވެސް ދެކެފައި ނުވާ ފަދަ އެތައް އެތައް އިހުސާސްތަކަކުން ފުރިގެންވާ ތަޖުރިބާއެކެވެ. އެކަމަކު، އޭނާގެ އަޒުމެއް އެބަ އޮތެވެ. ފަހަތަށް ނުޖެހި މި މަސައްކަތުގެ ކުރީ ސަފުގައި އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ހުރުމެވެ.

ކުރެއްދޫގެ މަޑުމަޑުން ހަމަޔަކަށް އެޅުމާ އެކު، ދެ ހަފުތާއެއްހާ ދުވަސް ފަހުން އެނބުރި ރަށަށް ދިޔުމުގެ ކުރިން ދެން ނާފިއު ދިޔައީ އައިސޮލޭޝަނަށެވެ. ސަބަބަކަށްވީ، އޭނާއަކީ ކުރި ސަފުގައި މަސައްކަތް ކުރި މީހަކަށް ވުމުން އޭނާގެ ގައިގާ ވައިރަސް ނެތްކަން ޔަގީންކުރުމެވެ. އެގޮތުން ތިން އައިސޮލޭޝަން ސެންޓަރެއްގައި ޖުމުލަ 21 ދުވަހު މަޑު ކުރުމަށްފަހު އޭނާ މާލެ އައީ ރަށަށް ދެވޭނެ ކަމުގެ އުންމީދުގަ އެވެ. އެހެނަސް ރަށަށް ދިއުމުގެ ކުރިން އެޗްޕީއޭގެ ފަރާތުން ހިންގި ހަފުތާއެއްގެ ޓްރެއިނިންގް ޕްރޮގުރާމެއްގައި ނާފިއު ބައިވެރިވާން ޖެހުމުން، މާލޭގައި މަޑުކުރަން ޖެހޭ ދުވަސް އަނެއްކާ ވެސް ގިނަވި އެވެ.

ރޯދަމަހަށް އާއިލާގެ ގާތަށް ދެވޭނެ ކަމުގެ ފޮނި އުންމީދުގައި ހުރި ނަމަވެސް ނާފިއުގެ އެ އުންމީދުތައް އެއް ފަރާތްކޮށްލަން ޖެހުނީ، އެ ޕްރޮގުރާމް ނުނިމެނީސް މާލެއިން ވައިރަހުގެ ކޭސްތައް ފެނި ފުރަބަންދަކަށް ދިއުމުންނެވެ.

"މާލެއިން ވައިރަސް ފެނުމާ އެކު އެނގިއްޖެ ދެން ރަށަށް ނުދެވޭނެކަން. ދެން އެހިސާބުން އަޒުމް ވަރުގަދަކޮށް ގައުމަށް ހިދުމަތް ކުރުމަށްޓަކައި އެޗްޕީއޭގެ ރެޕިޑް ރެސްޕޮންސް ޓީމާ ގުޅުނީ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އިތުރު ކަމަކާ ވިސްނާނެ ވަގުތެއް ނުލިބޭ،" ނާފިއު ބުންޏެވެ.

މާޗު މަހުގެ އަށްވަނަ ދުވަހު ގެއިން ނުކުން ގޮތަށް މިވަގުތާ ހަމައަށް ނާފިއު އޭނަގެ މަސައްކަތުން އެންމެ ދުވަހެއް ވެސް "އޮފް" ކޮށެއް ނުލަ އެވެ. ބައެއް ދުވަސް ދުވަހު 24 ގަޑިއިރު ވެސް މަސައްކަތުގެ މައިދާނުގައި ހޭދަވެ އެވެ. އަނެއްބައި ދުވަސް ދުވަހު ނިދާލަން ލިބެނީ ދެތިން ގަޑިއެރެއްހާ އިރެވެ. އެކަމަކު މިކަމުގައި ނާފިއުގެ ޝަކުވާއެއް ނެތެވެ. އަމިއްލަ ނަފުސަށް ވުރެ އޭނާ އިސްކުރަނީ ގައުމެވެ.

އެޗްޕީއޭގެ ރެޕިޑް ރެސްޕޮންސް ޓީމުގައި މަސައްކަތް ކުރަމުން އަންނަ އަހުމަދު ނާފިއު ހަސަން އޭނަގެ މަސައްކަތުގެ މައިދާނުގައި ---

"ދުނިޔޭގައި ހިނގާ އިތުރު އެހެން ކަމަކާ ވިސްނާނެ ވަގުތެއް ނުވޭ. އަބަދުވެސް މީހެއްގެ ސާމްޕަލް ނަގައި އެ ސާމްޕަލްތަކުގެ ނަތީޖާތައް އެސެސް ކުރުމުގެ މަސައްކަތުގައި މިއުޅެނީ. ސާމްޕަލްތައް ނަގައިގެން އުޅޭ އިރު ދެވަނަ ފަހަރަށް ކުރިން ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވީ ކާކުތޯ ބަލައިލަން ވެސް ވަގުތު ނުވޭ. ތަނަކުން މީހަކު ޕޮޒިޓިވްވި ކަން އިނގެނީ ދެވަނަ ފަހަރަށް ސާމްޕަލް ނަގަން އެތަނަކަށް ދާން ޖެހުމުން،"

ނާފިއު ބުނި ގޮތުގައި މި ދަނޑިވަޅުގައި އެންމެ ކަންބޮޑުވަނީ އަމިއްލަ ރަށާއި، އަތޮޅުގެ ރަށްތަކަށް ވިސްނާފަ އެވެ. އެއީ އެ އަތޮޅަކީ އެހެން އަތޮޅުތަކާ އަޅާ ބަލާއިރު ސިއްހީ މަސައްކަތްތެރިން އެންމެ މަދު އެއް އަތޮޅު ކަމަށްވެފައި އެ ސަރަހައްދުން ވެސް ޕޮޒިޓިވް ކޭސްތައް ފެންނަމުންދާތީ ކަމަށް އޭނާ ބުންޏެވެ.

"އަތޮޅުގެ ރަށްރަށާ މެދު ވިސްނާފައި ވަރަށް ކަންބޮޑުވޭ. ވަރަށް ބޭނުން މި ދަނޑިވަޅުގައި ރަށަށް ހިދުމަތް ކުރުމުގައި ހުންނަން. އެކަމަކު އޭގެ ބަދަލުގައި މިހާރު މުޅި ގައުމަށް ހިދުމަތްތަކެއް އެބަ ކޮށްދެވޭ. އެއްވެސް ވަރަކަށް ޖެހިލުމެއް ނުވޭ. އިރާދުކުރެއްވިއްޔާ މިކަމުން އަހަރުމެންނަށް އަރައިގަނެވޭނެ." ނާފިއު ބުންޏެވެ.

ނާފިއު ކަހަލަ އެތައް ސަތޭކަ ހިދުމަތްތެރިންނެއް މިއަދު މަސައްކަތް ކުރަމުން އެދަނީ އެތައް ގުރުބާނީއެއް ވަމުންނެވެ. އާއިލާތަކާއި، ގާތް ރަހުމަތްތެރިން ދޫކޮށް ގައުމަށްޓަކައި އެވާ ގުރުބާނީ އަގުވެސް ނުކުރެވެ އެވެ.

comment ކޮމެންޓް