ކޮރޯނާ ވައިރަހާއެކު ގައުމުގެ މައި ދޮރާށި ބަންދުކޮށް ރަސްމީ ވައިގެ ދަތުރުތައް ވަނީ ހުއްޓިފައެވެ. އެކަމަކު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް މިހާރުވެސް ކުރިއަށް އެބަދެއެވެ. މާލޭގައި ތާށިވެފައިތިބި ރަށްރަށުގެ މީހުން އެނބުރި ރަށަށް ދިޔުމާއި ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން ކަރަންޓީނު މުއްދަތު ފުރިހަމަ ކުރާ މީހުން އެނބުރި ރަށަށް ދިޔުމަށް ފްލައިޓުތައް އެބަ އޮޕަރޭޓު ކުރެއެވެ.
މި ހާލަތުގައި އިޖުތިމާއީ ގައިދުރުކަމަކީ ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް މިހާރު ވަނީ މި ނިއު ނޯމަލް އަށް ތައްޔާރުވެފައެވެ. އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ފަސިންޖަރުން ތިބެންވީ ސަރަހައްދުތައް ވަނީ ފާހަގަކޮށްފައެވެ. ޗެކް އިން ކައުންޓަރު ތަކާއި، ބޯޑިން ގޭޓުތައް ކައިރީ ސޯޝަލް ޑިސްޓެންސިން މާކު ޖަހައި، ފަސިންޖަރުންނާއި މުވައްޒަފުންގެ ސަލާމަތައި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެމްއޭސީއެލް އިން ވަނީ އަޅައިފައެވެ.
ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި، ރާއްޖޭގައި ތިބި ބޭރު މީހުންގެ ތެރެއިން އެނބުރި ގައުމަށް ފުރާ މީހުންނަށް ހިދުމަތްދިނުމަށް މި ހާލަތުގައިވެސް އެމްއޭސީއެލްގެ މުވައްޒަފުން ދަނީ ވަޒީފާ އަށް ނިކުންނަމުންނެވެ. ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފަސިންޖަރުން ބޭނުންކުރާ ސަރަހަައްދުތަކާއި އެއާޕޯޓުގެ އާންމު ސަރަހައްދުތައް އެމްއޭސީއެލް އިން ދަނީ ގަވާއިދުން ޑިސްއިންފެކްޓު ކުރަމުންނެވެ.
އިންޓަނޭޝަލަން ޓާމިނަލުގައިވެސް އިޖުތިމާއީ ގައިދުރުކަން ކަށަވަރު ކުރުމަށް ވަނީ ފިޔަވަޅުތައް އަޅައިފައެވެ.