39 އަހަރު ވަންދެން މެސީއަށް ކުޅެވޭނެ: ޒަވީ

ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހަނެންޑެޒް މެސީ ގައިގައި ބައްދާލައިގެން ---

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއަށް 39 އަހަރުވަންދެން ފުޓުބޯޅައިގެ އެންމެ އުހުގައި ހިފަހައްޓާލެވޭނެ ކަމަށް އެ ކުލަބުގެ ކުރީގެ ކެޕްޓަން ޒަވީ ހަނެންޑެޒް ބުނެފި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ފަހުން ވެސް ހޯދި މެސީގެ މިހާރުގެ އުމުރަކީ 32 އެވެ. މިއަހަރުގެ ޖޫން މަހު އޭނާއަށް 33 އަހަރުވާއިރު އަދިވެސް އެފެންވަރަށް އިތުރު ކުޅުންތެރިއަކަށް ނުކުޅެވޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެކަން ރަމްޒުކޮށްދޭ ވަރުގަދަ އެއް ހެއްކަކީ މިހާރު ކުރިއަށްދާ ސީޒަނުގައި ވެސް އޭނާ 24 ގޯލު ޖަހާފައިވުމެވެ.

ބާސެލޯނާގެ ސްކޮޑުން ޖާގަ ލިބެން ފެށުމާ އެކު މެސީއަށް އެންމެ ބޮޑު އެހީތެރިކަމެއްވި ކުޅުންތެރިއެއްގެ ގޮތުގައި މެސީ އަބަދުވެސް ފާހަގަ ކުރާ އެއް ނަމަކީ ޒަވީ އެވެ. އެކުގައި 10 ވަރަކަށް އަހަރު ކުޅެ މުޅި ޔޫރޮޕް ޑޮމިނޭޓް ކުރުމަށްފަހު ޒަވީ ބާސެލޯނާ ދޫކޮށްލީ 2015 ވަނަ އަހަރު އެވެ. އެއާ އެކު ބާސެލޯނާ މުޅިންހެން މެސީއަށް ބަރޯސާވި ކަހަލަ އެވެ.

"ކުރިއަށް އޮތް ފަސްވަރަކަށް ހަވަރަކަށް ސީޒަން އަދި މެސީއަށް މޮޅަށް ކުޅެވޭނެ،" އިންސްޓްގުރާމް ލައިވް ވީޑިއޯއެއްގައި ވާހަކަ ދައްކަމުން ޒަވީ ބުންޏެވެ.

ޒަވީ ބުނީ މެސީއަކީ އޭނާގެ ހަށިގަނޑަށް ވަރަށް ރަނގަޅަށް ފަރުވާތެރިވާ ކުޅުންތެރިއެއް ކަމަށެވެ. އެހެން ކަމުން މެސީގެ އުމުރުން 39 ވަރަކަށް އަހަރުވަންދެން ވެސް ރަނގަޅު ފޯމެއްގައި ކުޅެވިދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"ހަމަ ޔަގީނުންވެސް ގަތަރުގެ ވޯލްޑް ކަޕުގައި މެސީ ކުޅޭނެ."

ދާދި ފަހުން ބާސެލޯނާގެ ކޯޗުގެ މަގާމު ހުސްވުމުން އެކުލަބުން ވަނީ ގަތަރުގެ އަލް ސައްދު ކުލަބަށް ކޯޗުކަށް ކޮށްދެމުން އަންނަ ޒަވީއަށް ހުށައެޅުންތަކެއް ހުށައަޅާފަ އެވެ. އެކަމަކު އެ ހުށައެޅުން ޒަވީ އޭރު ގަބޫލު ނުކުރުމުން ބާސެލޯނާގެ ކޯޗަކަށް ހަމަޖެއްސީ ކީކޭ ސެޓިއެން އެވެ.

"ބާސެލޯނާއަށް ކޯޗުކަން ކޮށްދިނުމަކީ އަހަރެންގެ ހުވަފެނެއް. އެކަމަކު އަދި އެކަމަށް މާ އަވަސް. އެކަހަލަ ބޮޑުކަމަކާ ހަވާލުވާ އިރު ތަޖުރިބާ ވެސް ވަރަށް މުހިއްމު. އެހެންވެ އޭރުގެ ހުށައެޅުމަށް ދެކޮޅު ހަދަން ޖެހުނީ." ޒަވީ ބުންޏެވެ.

ޒަވީ ބުނީ އޭނާ ލަފާ ކުރާ މުއްދަތަށް މެސީ ކުޅެފި ކަމަށްވާނަމަ މެސީއަށް އިރުޝާދު ދިނުމަށް ބާސެލޯނާގެ ކޯޗަކަޑް ހުރުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

comment ކޮމެންޓް