އެގްރޯނެޓުން 15-20 ރުފިޔާއަށް ކަރާ ކިލޯއެއް ވިއްކަނީ

މާލެ، މާރުކޭޓް -- ސަން ފޮޓޯ

އެގްރޯނެޓުން ގެނައި ކަރާގެ ފުރަތަމަ ޝިޕްމަންޓު މާލޭގައި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަން ފަށައިފި އެވެ.

ލޯކަލް މާރުކޭޓުގައި ހުންނަ އެގްރޯނެޓުގެ އައުޓްލެޓުން ދަނީ ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ކަރާ ވިއްކަމުންނެވެ.

އެގްރޯނެޓުން ރީޓެއިލްކޮށް ކަރާ ކިލޯއެއް ވިއްކާ އަގަކީ، ކިލޯއެއް 15ރ. އަށެވެ. އެގްރޯނެޓުން، ވިޔަފާރިވެރިންނަށް ހޯލްސޭލްކޮށް ކަރާ ވިއްކަނީ 50 ކިލޯއަށް ވުރެ މަތިން، ކިލޯއެއް 15 ރުފިޔާގެ ރޭޓުންނެވެ.

އެގްރޯނެޓުން ހޯލްސޭލްކޮށް ކަރާ ކިލޯއެއް ވިއްކަނީ 50 ކިލޯއަށްވުރެ މަތިންނަމަ 15 ރުފިޔާ އަށް ކިލޯއެއްގެ ރޭޓުންނެވެ. އަދި 50 ކިލޯއަށްވުރެ ދަށްނަމަ 20 ރުފިޔާއަށް ކިލޯއެއްގެ ރޭޓުންނެވެ.

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވީ މާލެއަށް ކަރާ ގެނެސްގެން ވިއްކަމުން އަންނަތާ މިހާރު ތިން ދުވަސް ވެފައިވާނެ ކަމަށެވެ.

"ފެށިފަހުން މިވީ ތިން ދުވަހުގެ ތެރޭގައި އައީ އެއް ޝިޕްމަންޓު. އެއީ ފަސް ޓަނުގެ ކަރާ. ކުރިއަށް އޮތް ދެވަރަކަށް ދުވަހުގެ ތެރޭގައި އިތުރު ތިން ޝިޕްމަންޓު ވެސް އެބައާދޭ. އެއީ ލ. އަތޮޅުންނާއި ތުލުސްދޫއާއި ތޮއްޑޫއިން އަންނަ ޝިޕްމަންޓެއް." ހާރޫން ވިދާޅުވި އެވެ.

ހާރޫން ވިދާޅުވީ އެ ތިން ޝިޕްމަންޓުގައި ކަރާގެ އިތުރުން އެހެން ބާވަތްތައް ވެސް ހުންނާނެ ކަމަށެވެ.

comment ކޮމެންޓް